ވެއްޓުނު އެއާއިންޑިއާ ބޯޓުން ދަތުރުކުރި ބައެއް އާއިލާތަކަށް ލިބުނު ހިތާމައިގެ ވާހަކަ!

މިއަހަރުގެ މެއި މަހުން ފެށިގެން "އެއާއިންޑިއާ" ގެ އެއް ފްލައިޓުގެ ކެޕްޓަން ކަމުގައިވާ ޑީވީ ސާތޭ އާއި އޭނާގެ ކޯ-ޕައިލެޓް އަކިލޭޝް ކުމާރު ވަނީ ކޮވިޑް-19 އާއި ގުޅިގެން އެކި ޤައުމުތަކުގައި ތިބި ހާލުގައި ޖެހިފައިވާ އިންޑިއާ ރައްޔިތުން އަނބުރާ އެމީހުންގެ އާއިލާ ގާތަށް ގެންގޮސްދީފައެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާއިން ބޭރުން ވަޒީފާއި ހޯދައިގެން ދިރިއުޅުމެއް ފަށައިގެން އުޅުނު މީހުންނެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން އެމީހުން ތިބީ ވަޒީފާ ގެއްލި އަނބުރާ ޤައުމަށްދާން މަޖުބޫރު ވެފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް އެމީހުން ކުރީ އެފަދަ ދަތުރެކެވެ.
ނަމަވެސް ޖުމްލަ 184 މީހުން އެމީހުންގެ އާއިލާގާތަށް އަނބުރާ ގެންގޮސްދިނުމުގެ އެދަތުރު ނިމުނީ ވަރަށް ވެސް ނުރައްކާތެރި އަދި ހިތާމަވެރި ގޮތަކަށެވެ. ކޮޒިކޮޑޭގެ ރަންވޭ މައްޗަށް ފްލައިޓު ވެއްޓުމާއެކު، ފްލައިޓުން ދަތުރުކުރި ބައެއް މީހުން އެމީހުންގެ އާއިލާއާއި ބައްދަލުވުމުގެ އުއްމީދު ވެސް ފުނޑުފުނޑުވީއެވެ.

އޭގެތެރެއިން އެކަކީ ކެރަލާއަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ ޝަރާފޫ ޕިލާސަރީ އެވެ. އޭނާ އެރޭ ދުބާއީ އިން ދަތުރުކުރީ އޭނާގެ އަންހެނުންނާއި ދަރިފުޅާއި ވެސް އެކީގައެވެ.
ފްލައިޓަށް އެރުމަށްފަހު ޝަރާފޫ ވަނީ އަނބިމީހާ އަދި ދަރިފުޅާއެކު ފޮޓޯއެއް ވެސް ނަގާފައި ފޭސްބުކް ގައި ހިއްސާ ކޮށްފައެވެ. ކެޕްޝަން ގައި ލިޔެފައިވަނީ "އަނބުރާ ގެއަށް ދަނީ" މިފަދައިންނެވެ.
ފްލައިޓު ވެއްޓިގެން ހިނގި އެކްސިޑެންޓާއެކު ޝަރާފޫ އާއި އޭނަގެ އެކުޑަ އާއިލާވަނީ މިދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. ދުބައީ ގައި ހުރި އޭނަގެ އެކުވެރިއެއް ކަމުގައިވާ ޝާފީ ޕަރަކުއްލާމް އެޕޯސްޓަށް ކުރި ކޮމެންޓެއްގައި ބުނެފައިވަނީ، ފުރުމުގެ ކުރިން ކިރު ޕެކެޓެއް ގަންނަން ޝަރާފޫ އެފިހާރައަށް ދިޔަކަމަށާއި ހުރީ ވަރަށް ހާސްވެފައި ކަމަށެވެ. ކޮންމެވެސް ކަމެއް ގޯސްކޮށް ވާން އުޅޭ ކަމުގެ އިހުސާސު ޝަރާފޫ އަށް ކުރެވުނު ކަމަށް ޝާފީ ބުނެފައިވެއެވެ.
އެހެން ރައްޔިތެއް ކަމަށްވާ ސާހިރާ އޭނަގެ ތިން ފިރިހެން ދަރިންނާއެކު އެނބުރި ޤައުމަށް ދަތުރުކުރީ އުފަން ބިމުގައި ވަޒީފާއެއް ހޯދުމަށް އަޒުމް ކަނޑައަޅައިގެންނެވެ.
ނަމަވެސް އެކްސިޑެންޓުގެ ސަބަބުން ސާހިރާ އާއި އޭނާގެ އުމުރުން އެންމެ 10 މަހުގެ ހަގު ދަރިފުޅު ވަނީ ނިޔާވެފައެވެ. އަނެއް ދެ ދަރިން ވަނީ ޒަޚަމްވެފަައެވެ.
ޕަލައްކަޑުގެ ރައްޔިތެއް ކަމަށްވާ ފައިސަލް އިނީ، އޭނާގެ އަނބިމީހާ އާއި ދަރިފުޅަށް ސަލާމަތުން އެނބުރި އާދެވިއްޖެ ކަމުގެ އުފާވެރި ޚަބަރުގެ އިންތިޒާރުގައެވެ. ނަމަވެސް އޭނާއަށް ލިބުނު ކޯލަކީ ފްލައިޓު އެކްސިޑެންޓުވި ވާހަކަ ބުނެ ލިބުނު ކޯލެކެވެ. ފައިސަލްގެ ދަރިފުޅު އައިޝާ ވަނީ އެކްސިޑެންޓުގައި ނިޔާވެފައެވެ. އަދި އޭނަގެ އަންހެނުން ސުމައްޔާ މިވަގުތު އޮތީ ހޮސްޕިޓަލުގައި ހާލުދެރަވެ އެޑްމިޓް ކޮށްފައެވެ.