މާ ގިނައިން މަދިރި ހަފަނީތަ؟ މިއޮތީ ސަބަބު
މަދިރި ހެފުމަކީ ވަރަށް ބޮލަށް އުނދަގޫ އަދި އެހާމެ ވޭން ހުރި ކަމެއްގެ ގޮތުގައި ބައެއް މީހުުން ސިފަކުރެއެވެ. ނަމަވެސް މަދިރި ހަފާ މައްސަަލަ އެއްވެސް ވަރަކަށް ދިމާނުވާ ފަރާތްތައް ވެސް އުޅެއެވެ. އެގޮތުން މަދިރީގެ އުނދަގޫ ބައެއް މީހުނަށް ބޮޑުވަނީ ކީއްވެތޯ އެއީ ގިނަ ބަޔެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ.
އެގޮތުން ބަލާއިރު މަދިރީގެ ޝައުގުވެރިކަން އިތުރުވާ ސަބަބުތަކެއްގެ ގޮތުގައި މާހިރުން މައިގަނޑު 4 ސަބަބެއް ފާހަގަކުރެއެވެ.
ބަލިވެ އިނުން
އިންސާނުންގެ ގައިގައި ހަފަނީ އަންހެން މަދިރިއެވެ. އަންހެން މަދިރިއަކީ ކާބަންޑައި އޮކްސައިޑް ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ. މާބަނޑު މީހުންނަށް މަދިރި ޝައުގުވެރިވަނީ އެމީހުންގެ ނޭވާގައި ކާބަންޑައި އޮކްސައިޑް އެކުލެވޭ ނިސްބަތް މަތިވުމުންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކާބަންޑައި އޮކްސައިޑް މާބަނޑުމީހުން ލާ ނޭވާގައި މަތި ވުމަކީ މަދިރި އެމީހުންނަށް ޝައުގުވެރިވާ ހަމައެކަނި ސަބަބެއް ނޫނެވެ. މާބަނޑު ދުވަސްވަރު ހަށިގަނޑުގައި އެކިކަހަލަ ވަސް އެކުލެވޭ ކެމިކަލްތައް އުފެދުން އިތުރުވެއެވެ. އެހެން ކަމުން އެބާވަތްތަކުގެ ކެމިކަލްގެ ސަބަބުންވެސް މާބަނޑު މީހުންނަށް މަދިރި ޝައުގުވެރިވާ ކަމަށް ކޯނެލް ޔުނިވަސިޓީގެ ޕްރޮފެސަރ އެއް ކަމުގައި ޑރ ލައުރާ ހެރިންގޓަން ހާމަކޮށްފައިވެއެވެ.
ގަދަޔަށް ދާހިއްލުން
ގަދަޔަށް ދާ ހިއްލާފައި ހުންނަ ނަމަ މަދިރި އެމީހަކަށް ވަކިން ބޮޑަށް ދޯޅު ވެއެވެ. ސަބަބަކީ ދަލާ އެކު ހަންގަނޑުން ބޭރުވާ ލެކްޓިކް އެސިޑަށް މަދިރި ޝައުގުވެރިވާތީއެވެ. އޭގެ އިތުރުން ގަދަޔަށް ދާހިއްލާ އިރު ހަށިގަނޑުގެ ފިނިހޫނު މިންވެސް މައްޗަށް ދާތީ، ހޫނުކަން މައްޗަށް ދިއުމަކީވެސް މަދިރި ދޯޅުވާން ދިމާވާ ސަބަބެކެވެ.
އޯ ގްރޫޕް ލޭ ހުރުން
ތަޖުރިބާކާރުން ބުނަނީ އޯ ގްރޫޕް ލޭ ހުންނަ މީހުންނަކީ މަދިރި ޝައުގުވެރިވާ ބައެއް ކަމަށެވެ. ޖާނަލް އޮފް މެޑިކަލް އެންޓޮމޮލޮޖީގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި މިކަން ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. އޯ ގްރޫޕް ލޭ ހުންނަ މީހުން މަދިރިޔަށް ކަމުދާ ބާވަތެއްގެ ވަސް ހުންނަ ކެމިކަލެއް އުފައްދާ ކަމަށް ދިރާސާ އިން ހާމަވެއެވެ.
ޖެނެޓިކް ސަބަބުތައް
ހަށިގަނޑުގައި ހުންނަ ބައެއް ބާވަތުގެ ޖީން އަކީ "މޮސްކިޓޯ ރިޕެލެންޓް" އުފައްދާ ޖީން ކަމަށް ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ ތަޖުރިބާކާރުން ބުނެއެވެ. އެހެން ކަމުން އެބާވަތުގެ ޖީން ހުންނަ މީހުންގެ ހަށިގަނޑުން މަދިރި ދުރުކުރާ ބާވަތުގެ ކެމިކަލް ގުދުރަތީ ގޮތުން އުފެދެއެވެ.