ނިލަންދޫ އާސާރީ މިސްކިތަށް ގެއްލުންދިން މައްސަލަ ފުލުހަށް

ފ.ނިލަންދޫ އާސާރީ މިސްކިތުގައި ހުރި މަހާނަ ގާތަކަށް ގެއްލުންދިން މައްސަލަ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ފުލުހަށް ހުށަހަޅުއްވައިފިއެވެ.
ނިލަންދޫ އާސާރީ މިސްކިތުގައި ހުރި މަހާނަ ގާތަކަށް ގެއްލުންދީފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި ޢާންމުވީ އިއްޔެއެވެ.
އެ މަހާނަ ގާތަކުގެ ތެރެއިން ގިނަ ގާތަކެއް ވަނީ ބިންދައި ހަލާކުކޮށްފައެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ އެ މައްސަލަ ތަޙްޤީޤު ކޮށްދެއްވުމަށް އެދި ފުލުހަށް ހުށަހަޅުއްވާފައިވާ ކަމަށާއި އިތުރު މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ކައުންސިލުގައި އެދިލައްވާފައިވާ ކަމަށެވެ.
އަދި މަޢުލޫމާތު ލިބިލައްވާފައިވާ ގޮތުގައި ކައުންސިލުގެ ފަރާތުން ވެސް މި މައްސަލަ ފުލުހަށް ހުށަހަޅުއްވާފައިވާ ކަމަށް އެ މަރުކަޒުން ވިދާޅުވިއެވެ.
ނިލަންދޫ އާސާރީ މިސްކިތަކީ ރާއްޖެ އިސްލާމްދީނުގެ އަލިކަން ލިބުނުއިރު ހުންނެވި އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ބިނާކުރެއްވި މިސްކިތެކެވެ.