ސިއްހަތަށް ނުރައްކާވާ ވަރަށް ކުޅުދުށްފުށީގެ ވައި ނުސާފުވެއްޖެ

އިންޑިއާގެ ބޭ އޮފް ބެންގަލް ސަރަހައްދު ހުރަސްކޮށް ވަޔާއެކު އަންނަ ހިރަފުހާއި ދުމުގެ ސަބަބުން ކުޅުދުށްފުށި ސިޓީ ހިމެނޭ ސަރަހައްދަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ ވައި ނުސާފުވުމަކީ ކޮންމެ އަހަރަކު ހުޅަނގު މޫސުން ނިމި އިރުވައި މޫސުމަށް ބަދަލުވާ ދުވަސްވަރު ކުރިމަތިވާ ކަމެއް ކަމުގައެވެ.
ކުޅުދުށްފުށީގެ ވައި އެންމެ ނުސާފުކޮށް ހުރީ މިދިޔަ ހުކުރު ދުވަހުއެވެ.
ވައިގެ ކޮލިޓީ ބަލަން ބޭނުންކުރާ އެޕެއްކަމަށްވާ ''އައިކިއުކެއާ'' އިން ދައްކާ ގޮތުން ކުޅުދުށްފުށްޓާއި ށ.ފުނަދޫގެ ވައި ނުރައްކާތެރިވާ މިންވަރަށް މިހާރު ވެސް ވަނީ ނުސާފުވެފައެވެ.
ކުޅުދުށްފުށީގެ ވައި ނުސާފުވުމާ ގުޅިގެން ޑރ.މުޙައްމަދު ޢަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް ގެއިން ބޭރުގައި އުޅުން މަދުކުރުމުގެ މުހިންމު ކަން ފާހަގަކުރައްވައި ބޭރުގައި އުޅޭ ވަގުތު މާސްކު އެޅުމަށް އިލްތިމާސް ކުރައްވައިފައެވެ.