ޚަބަރު ޝަރުޢީ ދާއިރާ

ޓެރަރިޒަމް އޮޕަރޭޝަން: ހައިކޯޓުން ދޫކޮށްލި މީހާ އަލުން ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ގޮވާ އެއްޗެއް ބޭނުންކޮށްގެން ގިނަ ބަޔަކު މަރައިލަން ރޭވިކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ހައްޔަރުކުރި މީހަކު ހައިކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް އަލުން ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

Ads by STELCO

މާލެއާއި ކ.ގުރައިދުއާއި އައްޑޫ ސިޓީގައި ސަލާމަތީ ބާރުތަކުން މިދިޔަ މަހު ހިންގި އޮޕަރޭޝަނެއްގައި 14 މީހަކު ހައްޔަރުކުރިއެވެ.

ނޮވެމްބަރު 11 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫފޭދޫ, ޣައްޒާ, ޢުމުރުން 30 އަހަރުގެ މުޙައްމަދު ގައިސް ހައްޔަރުކުރުމަށްފަހު އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން ޢަމުރުކުރެއްވިއެވެ.

އޭނާގެ ބަންދު އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން މި މަހުގެ 11 ވަނަ ދުވަހު އެ ކޯޓުން ނިންމެވީ ދަށު ކޯޓުގެ ޢަމުރު ބާތިލު ކަމަށެވެ. އެ ގޮތުން އެ ދުވަހު އޭނާ ބަންދުން ދޫކޮށްލިއެވެ.

ހައިކޯޓުން ދަށު ކޯޓުގެ ޢަމުރު ބާތިލުކުރެއްވީ ފުލުހުން ހުށަހެޅުއްވީ އިންޓެލިޖެންސް ރިޕޯޓު އެކަނިކަމުން އޭގައި ހިމެނޭ ކަންކަމަށް ބާރުދޭ އެއްވެސް ޤަރީނާއެއް ރިޕޯޓާއެކު ހިމެނިފައިނުވާތީއެވެ.

ގައިސް ދޫކޮށްލާފައި ހުރެއްޖެނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކްރިމިނަލް ކޯޓުގެ ޢަމުރެއްގެ ދަށުން 11 ވަނަ ދުވަހުގެ ރޭ އަލުން ހައްޔަރު ކުރުމަށްފަހު އިއްޔެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަމުރު ކުރެއްވީ ޝަރީޢަތް ނިމެންދެން އޭނާ ބަންދު ކުރުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!