ޚަބަރު ޝަރުޢީ ދާއިރާ

އެމްއެމްޕީއާރްސީ ޚިޔާނާތް: ދުންޔާ އޭސީސީއަށް ހާޒިރުކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގަވައިފިއެވެ.

Ads by Sosun Fihaara

''ދެން'' އަށް މަޢުލޫމާތު ދެއްވަމުން އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ކޮމިޝަނަށް ހާޒިރުވާން އަންގަވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެނގިފައިވާ ގޮތުގައި މިއަދު މެންދުރު 11:00 ދުންޔާ އޭސީސީއަށް ހާޒިރުކުރަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައާ ގުޅިގެންނެވެ.

ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި ކަމަށް ބުނާ ހިޔާނާތުގައި ދުންޔާއަށް 200,000 ރުފިޔާ ލިބިވަޑައިގެންފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެ ފައިސާ ލިބިވަޑައިގެންފައިނުވާ ކަމަށް 2021 ވަނަ އަހަރުގެ މެއިމަހުގެ 30 ވަނަ ދުވަހު އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައި ދުންޔާ ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ 281 ބޭފުޅަކަށް ލިބިވަޑައިގަތްކަމަށް ރައްޔިތުން މަޖިލީހުން ޢާންމުކުރެއްވި ލިސްޓުގައިވެއެވެ.

އޭގެތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންނާއި 19 ވަނަ މަޖިލީހުގެ ބައެއް މެންބަރުންނާއި އޭރު މިނިވަން މުއައްސަސާތަކުގެ އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި މި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ބައެއް ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކުގައި ތިއްބެވި ބައެއް އޮފިސަރުން ހިމެނިވަޑައިގަންނަވައެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު އޭސީސީން ވިދާޅުވި ގޮތުގައި ނުވަ މައްސަލައެއްގައި ޖިނާޢީ ދަޢުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ކުރިއަށްދާއިރު, ފަސް މައްސަލައެއްގައި މަދަނީ ދަޢުވާތައް ކުރަން އޭޖީއަށް ފޮނުއްވުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އެ މައްސަލަތަކަށް ކުރިއަށް އޮތް ދެ މަސްތެރޭ ގޮތެއް ނިމޭނެ ކަމަށް ވެސް އޭސީސީން ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!