ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

"އާޒް.. މީ އަހަރެންގެ ފިރިމީހާ ރަޒާން.. ޒާން... މީ އާރިޒް.." ދެމީހުނަށް އެކަކު އަނެކަކު ތަޢާރަފުކޮށްދެމުން ފަހަރަކު މީހެއްގެ މޫނަށް މެހެރީން ބަލައިލިއެވެ. މެހެރީންގެ ދުލުން ނުކުތް ކޮންމެ ލަފުޒެއް އާރިޒްގެ ހިތާހަމައަށް އައީ ރުވާފައި ދޫކޮށްލި ތީރެއް ފަދައިންނެވެ. ނޭވާލާންވެސް ހަނދާންނެތިފައި އޭނާއަށް އިނދެވުނުއިރު އެބަސްތަކުން އޭނާގެ ހިތް ޒަޚަމްވެ ލޭކަރުނަ އޮހޮރެން ފެށިއެވެ. ލިބުނު ޝޮކުގައި ހިނދުކޮޅަކަށް ވަގުތު މަޑުޖެހިލިހެންވެސް އޭނާއަށް ހީވިއެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި، އެސްފިޔަޖަހައިލުމެއްނެތި އާރިޒްއަށް ބެލެމުންދިޔައީ ހިނިއައިސްފައި މެހެރީން ގަޔާ ކައިރިކޮށްލައިގެން ހުރި ރަޒާންގެ މޫނަށެވެ.

Ads by STELCO

"ހައި.. ވަރަށް އުފާވެއްޖެ ދިމާވީމަ.. ވަރަށް ބޮޑަށް ޝުކުރިއްޔާ.. ރީންއަށް ތިވެދިން ހެޔޮކަމަށް.. މި ކޭސް ޑްރޮޕްކޮށްލީމަ.. އަހަންނަށް އެނގޭ އަހަރެންގެ ރީން އެފަދަ ކަމެއް އެނގިހުރެ ނުކުރާނެކަން.. ރީން އަކީ ނުލާހިކު ބަލާގެން ކާރު ދުއްވާ ކުއްޖެއް ދޯ.." އާރިޒްއަށް ބަލައިލަމުން ރަޒާން ހިނިތުންވެލިއެވެ. އަދި އެތަނުން ގޮނޑިއެއް ދުރުކޮށްލަމުން އޭނާވެސް އިނށީނެވެ.

"މެހެރީންވެސް އަހަންނަށް އެކޮށްދެނީ ވަކި ކުޑަކަމެއް ނޫން.." އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން އާރިޒް ވާހަކަދެއްކީ ގަދަކަމުންނެވެ. އާރިޒްގެ ދުލުން މެހެރީންގެ ނަން ނުކުތުމުން އޭނާއަށް ބަލައިލެވުނެވެ. އެއަޑުގައި އިހު ހުރި ގާތްކަން ނެތްހެން މެހެރީނަށް ހީވީއެވެ. ފަހަކަށް އައިސް ދުވަހަކުވެސް އާރިޒް އޭނާގެ ފުރިހަމަ ނަމުން އޭނާއަކަށް ނުގޮވައެވެ. ކުއްލިއަކަށް އެފަދަ ދުރުކަމެއް އައުމުން ބުނާނެ އެއްޗެއް މެހެރީނަކަށް ނުވިސްނުނެވެ. އެއީ އޭނާއަށް ހީވި ގޮތެއްކަމުގައި ވިސްނައިފައި މެހެރީންވެސް އިހުއިން ތަނުގައި އިނށީދެ ހަމަޖެހިލީ ސަޔަށް އިންސާފުކުރުމުގެ ގޮތުންނެވެ. ކާއެއްޗެއް އަރުން އެތެރެކުރުން އާރިޒްއަށްވީ ދަތިކަމަކަށެވެ. ނަމަވެސް މިވަގުތު އެއިހުސާސުތައް ހިންދައިލުން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. ބަހެއްނުބުނެ އިނެއްކަމަކު އޭނާގެ ނަޒަރު އިރުއިރުކޮޅުން މެހެރީނާއި ރަޒާންއަށް ހުއްޓެމުންދިޔައެވެ.

ކޮޓަރިތެރަށް ވަތް ރަޒާންގެ ފަހަތުން މެހެރީން ވެސް އައިސް ވަނެވެ. ހިތްހަމަނުޖެހުން މެހެރީންގެ މޫނުމަތިން ސާފުކޮށް ފެންނަން ހުރި ނަމަވެސް އެކަން އެނގޭ ކަމަކަށް ރަޒާން ނުހެދިއެވެ. ދަބަސް ބެހެއްޓުމަށްފަހު އޭނާ އުޅުނީ އޭގައިހުރި ސާމާނުތައް ނަގައި އެހުންނަންވާ ތަނެއްގައި އެތުރުމަށެވެ. އެކަމުން އަވަދިވުމުން ދަބަހުގެ އެންމެ އަޑިން ނެގި ކުޑަ ޕާރުސަލް ހިފައިގެން އައިސް އޭނާ މެހެރީން ގާތުގައި މަޑުކޮށްލިއެވެ. އެހުރިހައި އިރެއްވީއިރުވެސް ބަހެއް ނުބުނެ ރަޒާންގެ އަމަލުތަކަށް ބަލަހައްޓައިގެން އެނދުގެ އެއްއަރިމަތީގައި އެއިން ގޮތަށް މެހެރީން އިނެވެ.

"އަދިވެސް ހިތްހަމަނުޖެހިފަތަ.. ކަމްއޯން ރީން.. އެކަން ދެން އެނިމުނީނު.. އަހަރެން އެހައިވަރުން އަންނާށޭ ބުނިއިރު އަހަންނަށް އެބަ އެނގޭތަ މިވަރުގެ ކަމެއް ވެދާނެކަމެއް.. އަހަރެންވެސް ރީން ދެކިލަން ބޭނުންވެފަހުރިވަރުންނޭ އެހައިވަރަށް އާދޭސްކުރެވުނީ"

"ޒާން ހީކުރީ އެދުވަހު އަހަންނަށް ގުޅައި މަޖުބޫރުކޮށްގެން ގެއަށް އަންނަން ބުނީމަ ކަމަށްތަ އަހަރެން ނުރުހިފަމިހުރީ.. ނޫނީ އަހަރެން އަތުން މިއެކްސިޑެންޓް ހިނގަން މެދުވެރިވީމަތަ.. އިޓްސް ޓްރޫ.. ޒާން އެވަރަށް އަހަންނަށް މަޖުބޫރުނުކުރިނަމަ އަހަރެން އެދުވަހު އެހައި ވިއްސާރަވެފަ އޮއްވަ ކާރަށް ނުވެސް އެރީމުސް.. އެކަމަކު.. އަހަރެން ނުރުހިފަ މިހުރީ އެކަމާއެއް ނޫނޭ ޒާން.."

"ދެން އެހެންވީއިރު ކޮންކަމަކާ.. އަހަންނަކަށް ނޭނގުނު.. ގެއަށް އައިސް ވަނިއްޔާ އަހަރެމެން ޒުވާބުކުރަން ނުޖެހޭއިރެއް ދޭތަ.. ބުނަން މެހެރީން.. އަހަރެން މިހުރީ ވަރަށް ވަރުބަލިވެފަ.. މެހެރީނާ ދެބަސްވާކަށް އަހަރެން ބޭނުމެއްނޫން.." އަތުގައި އޮތް ޕާރުސަލް އެނދުމައްޗަށް އެއްލައިލަމުން ރަޒާން ދެފަރާތަށް ބޯހޫރައިލިއެވެ.

"އަހަރެންވެސް ޒުވާބުކުރާކަށް ބޭނުމެއްނޫނޭ ޒާން.. އެއްޗެއް ބުނާއިރަށް ތިހާ އަވަހަށް ރުޅިގަދަނުވެބަލަ.. އަހަރެން ދެރަވީ އެއްމަސްވެގެން ދިޔައިރު.. އެންމެ ފަހަރަކުވެސް އަހަރެންގެ ހާލު ބަލާލަންވެސް.. ޒާން ގުޅާވެސްނުލީމަ.. އެކްސިޑެންޓެއް ހިނގި ވާހަކަބުނީމަވެސް.. އަހަރެން ކިހިނެއްތޯ ނޫނީ އަހަންނަށް ކަމެއްވިތޯ އެއްފަހަރުވެސް ބަލައިލެވުނުތަ.. ހުރިހާ ކަމެއް އަހަރެން ޒާން އަށް ބަރާބަރަށް މެސެޖްކޮށް ކިޔައިދެމުން ދިޔައިރުވެސް އެއިން މެސެޖަކަށްވެސް ކުޑަމިނުން ޖަވާބެއް ދެވުނުކަމަކަށް ނުވި.. އަހަރެން.. އަހަރެން މީ ޒާން އަށް އެއްވެސް މުހިންމު މީހެއް ނޫން ދޯ.. މިއަދު އަހަރެންގެ ހާލު ބަލަން ޒާން ނޫން މީހަކު ނެތޭ.. އެކަން އެނގިހުރެ.. ކީއްވެ.." އެހުރިހައި އިރު ހިފަހައްޓަމުން އައި ކަރުނަތައް މެހެރީންގެ ދެލޮލުން ހޯސްލައިފައި ފައިބައިގަތެވެ. ވާހަކަދައްކަމުން ގޮސް އޭނާއަށް ރޮވުނީ އިތުރަށް ކެތްނުވުމުންނެވެ. ފަހަކަށް އައިސް ލޯބިވާ ފިރިމީހާގެ ފުށުން އެފައުޅުވާ ފަރުވާކުޑަކަމާއި އަޅާލުން ކުޑަކަމުން އޭނާގެ ހިތަށް އަސަރުކޮށްފައިވީ އިންތިހާއަށެވެ. ޝަކުވާކުރަން ބޭނުން ނުވިއަސް ކުރެވެނީ ޚުދު އެހިތުގައިވެސް ރިއްސާވަރުންނެވެ.

"އޯ ގޯޑް.. އަނެއްކާވެސް ހަމަ އެއްކަލަ ޝަކުވާތައް.. އާކޮށްކޮށްފަ އެއްވާހަކަތަކެއް ތިދައްކަނީ ކީއްވެތަ.. ބަލަ އަހަރެން ނެތަސް މިގޭގަ މެހެރީންގެ ހާލު ބަލާނެ މީހުން މަދެއްނޫނެއްނު.. ދެން ތިދައްކަނީ މަސްދުވަސްވެގެން ދިޔައިރު އަހަރެން ނުގުޅީމަ އެވާހަކަ.. ބަލަ އަހަރެން ދިޔައީ ހުސްވަގުތު ގިނަވެގެން މަޖާކުރަންތަ.. މެހެރީނަށް ރަނގަޅަށް އެނގޭނެ އަހަރެން ދިޔައީ ބިޒްނަސް ދަތުރަކުކަން.. އެފަދަ ދަތުރުތަކު އުޅޭއިރު ތިބުނާގޮތަކަށް ގުޅާ މެސެޖްކޮށެއް ނުހެދޭނެ.. މިދެން ކިހާ ވަރުގަދަކަމެއް.. ބަލަ ކަލެއަކަށް ނޭނގޭތަ އަހަރެން މިހުރިހާ ބުރައެއް މިއުފުލަނީ ހަމަ އަހަރެމެން ދެމީހުނަށްޓަކާކަމެއް.." ވާހަކަދައްކަމުން ގޮސް ރަޒާންގެ ރުޅި ކޮންޓްރޯލުން ނައްޓާގޮތްވިއެވެ. ދަތްކުނޑި ވިކައިލަމުން އޭނާ މެހެރީނާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ.

"ބިޒްނަސް ދަތުރުތަކު ދިއަސް ކުރިންވެސް ޒާން އަހަންނަށް ގުޅާ.. މިފަހަކަށް އައިސް ތިހާބޮޑު ބަދަލެއް އަންނަންވީ ކީއްވެ.." ހިތަށް ތަދުވިނަމަވެސް ދޫކުރާކަށް މެހެރީން ވެސް ބޭނުމެއްނުވިއެވެ. ރަޒާންއަށް އެހައިބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބެއް އެނގެން ޚުދު އޭނާ ވެސް ބޭނުންވެއެވެ.

"ކުރީގެ ވާހަކަ ނުދައްކާ.. ކުރިން ނުވާ އެތައްކަމެއް މިހާރު ވެއްޖެއެއްނު.. ޝުކުރުކޮށްބަލަ އަހަރެން އަދިވެސް ކަލެއާ އިނދެގެން އުޅޭތީ.. މިހާރު ވަރިކޮށްފަ އެއްލައިލިއަސް ކަލޭގެ ހަގީގަތް އެނގިހުރެ ކަލެއާ އިންނާނެ މީހަކު ނުވާނެކަން ޔަގީން.. ބަލަ އަމިއްލަ އާއިލާއިންވެސް ބާކީކޮށްލާފަ ހުރި މީހެކޭ ތީ.. ދެންވެސް އަހަރެން ކުރިމަތީ ތިކަހަލަ ވާހަކަތައް ދައްކަން ނުހަދާތި.. އެހެންނާ މަންޒަރު މާ ރީއްޗެއް ނުވާނެ.." މެހެރީންގެ އަނގަޔަށް ފިތައިލަމުން ދަތްކުނޑި ވިކައިލައިފައި ރަޒާން އަމުރުކޮށްލިއެވެ. އަދި އެނދާ ދިމާއަށް އޭނާ ކޮށްޕައިލުމާއެކު ލައިގެންހުރި އެއްޗެހިވެސް ބަދަލުކުރުމެއްނެތި ކޮޓަރިން ނުކުމެ ދޮރުލެއްޕިއެވެ. އެނދުމަތީގައި އޮތް މެހެރީންގެ ދެލޮލުން ހޯސްލައިފައި ކަރުނަފައިބަމުން ދިޔައެވެ. އަމިއްލަ ނިކަމެތިކަން އިހުސާސުވީ އިންތިހާއަށެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުމާއެކު އޭނާއަކީ އެއްވެސް އަގެއްހުރި މީހެއްނޫން ކަމުގައި ވިސްނުނެވެ. ލޯބިވާ އެންމެންވެސް އޭނާ ބާކީކޮށް އެކަހެރިކޮށްލަނީ އެހެންވީމައި ނޫންހެއްޔެވެ. އޭނާއާ ދޭތެރޭ ވިސްނާނެ އެއްވެސް މީހަކު ނެތެވެ. އޭނާގެ އުފައުވެރިކަން އިސްކުރާނެ މީހަކުނެތެވެ. ބަލައިފިމީހަކަށް ހީވާނީ އޭނާ އަކީ ނުހަނު އުފަލުން ދިރިއުޅޭ އަންހެންކުއްޖެއް ހެނެވެ. އޭނާ އާއި ރަޒާންގެ ގުޅުމަކީ އެންމެ ފުރިހަމަ ލޯބީގެ ގުޅުންކަމުގައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. މީހުންގެ ކުރިމަތީގައި ރަޒާން އަކީ އޭނާދެކެ ނުހަނު ލޯބިވާ އޯގާތެރި ފިރިއެކެވެ. އެހެނަސް ކޮޓަރީގެ ހަތަރުފާރުތެރޭގައި ފޮރުވިފައިވި ހަގީގަތް ދަންނާނެ އެއްވެސް މީހެއް ނެތެވެ. އެކަންވަނީ މުޅި ދުނިޔެއަށްވެސް ސިއްރުވެފައެވެ.

* * * * *

ވިއްސާރަ ރެއެކެވެ. ޖެހިލާ ރޯޅިތަކުގައިވެސްވީ ހީކަރުވައިގަންނަފަދަ ފިނިކަމެވެ. ކޮޓަރީގެ ކުޑަދޮރުގައިވި ދޮރުފޮތިތައް ކަހައިލުމަށްފަހު ބޭރުން ފެންނަމުންދިޔަ ހިތްގައިމު މަންޒަރަށް ލީމް ނަޒަރު ސީދާކޮށްލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ގެންގުޅޭ ސްކްރެޕް ބުކް ހިފައިގެން އައިސް ކިޔަވާ މޭޒު ދޮށުގައި އިނށީނެވެ. މަސައްކަތުގައި މަޝްއޫލުވެގެން އިން ނަމަވެސް އޭނާގެ ސިކުނޑީގައި ބުރުޖަހަމުންދިޔައީ އެންމެ ފަހުން ދާމިންއާ ދިމާވި ދުވަހު އޭނާ ހާމަކުރި ވާހަކަތަކެވެ. ސިކުނޑިއަށް އަރައިފައިބަމުންދިޔަ ޚިޔާލުތައް ފޮތުގައި ލިޔެވެމުންދިޔަކަން ވެސް އޭނާއަށް އިހުސާސުނުވެއެވެ. ދާމިން އަށް ހަގީގަތުގައިވެސް އޭނާ ކަމުދިޔައީ ހެއްޔެވެ؟ އެކަމަކު އެހެންވާނީ ކިހިނެއްހެއްޔެވެ؟

"އޭނަ.. ކިތަންމެ ބޭނުންވިއަސް އަހަރެންގެ އަޑެއް އޭނާއަކަށް ނީވޭނެ.. ދުވަހަކުވެސް ނީވޭނެ.. ދާމިންއަށް ވެސް އަހަރެންމީ ކޮންކަހަލަ ކުއްޖެއްކަން އެނގުނީމަ އެ އިހުސާސުތައް ބަދަލުވާނެކަން ޔަގީން.. ކާކު ބޭނުންވާނީ ވާހަކަނުދެއްކޭ، އަޑުނީވޭ ކުއްޖަކާއެކީ ދިރިއުޅެން.. ނުކުޅެދޭ މީހަކު އެކަކުވެސް ބޭނުމެއް ނުވާނެ.. ބޭރުފުށުން އަހަރެންމީ ހުރިހާ ހިއްސެއް ފުރިހަމަ އިންސާނެއްހެން ހީވިއަސް.. އަހަރެންގެ މިއުނި ސިފަތަކާއެކު.. އެކަކުވެސް އަހަރެން ބަލައެއްނުގަންނާނެ" އެންމެ ފަހުން ފޮތުގައި ލިޔެވުނު ބަސްތަކާއެކު ލީމްގެ ދެލޯ ފުރިގެން އައީ ހޫނު ކަރުނުންނެވެ. އަމިއްލަ ނަފުސާމެދު އޭނާގެ ކުޑަވެސް ޔަގީންކަމެއްނެތެވެ. އެތައް އަހަރެއްކުރިން އެޔަގީންކަންވަނީ ގެއްލިފައެވެ. އަމިއްލަ ނަފުސުދެކެ ޖެހިލުންކުރުވިކަމަކަށް އެކަން ވިއެވެ. އޭނާއާ ގާތްވާން އެދޭ އެއްވެސް ޒުވާނަކަށް އޭނާއަކީ ނުކުޅެދޭކުއްޖެއްކަން އެނގޭކަށް ލީމް ނޭދެއެވެ. ދާމިންއާ ވީހައިވެސް ދުރުން އުޅެން އޭނާ ބޭނުންވަނީ އެހެންވެއެވެ. ހިތްބިރުގަނެފައިވީ ވަރުންނެވެ. އިތުރުމީހެއްގެ ދުލުން އެފަދަ ވާހަކަތަކެއް އަޑުއަހަން އޭނާއަށް އިތުރަށް ކެތްނުވާނެތީއެވެ.

"ދުރުވާން ބޭނުން.. އެކަމަކު.. އެކަމަކު އަހަންނަށްވެސް.. ދާމިން ކަމުދާން ފަށައިފި.. އަހަރެންމީ ނުކުޅެދޭ ކުއްޖެއްކަން ދާމިންއަށް އެނގެން ބޭނުންނުވަނީ އެހެންވެކަން ޔަގީން.. ކިތަންމެ ވަރަކަށް ނުރުހުން ފާޅުކުރިއަސް.. އަހަރެންގެ ހިތް ދާމިންއަށް އެދޭ.. އެކަމަކު.. ބުނާނީ ކިހިނެއް.. އަހަރެންގެ މިއުނިކަމާއެކުވެސް ދާމިން އަހަރެން ބަލާގަނެފާނެތަ؟" ފޮތް ގެނެސް މޭގައިޖައްސައި ބާރުކޮށްލި ލީމް އަމިއްލަ ނަފުސުކުރެ އެއްސެވެ.

* * * * *

ކޮޓަރީގައި ދެކޮޅަށް ހިނގަމުންދިޔަ މެހެރީން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ބާރަޖަހައި ދިޔައިރުވެސް ރަޒާންގެ ހަބަރެއް ނުވެއެވެ. ހެނދުނު އޮފީހަށް ދިޔަމީހާ އަދިވެސް އަންނާކަށް ނޫޅެއެވެ. އޭނާގެ ފޯނަށް ގުޅުނު އަދަދެއްވެސް މެހެރީނަށް ނޭނގެއެވެ. ވަރުބަލިކަން އިހުސާސުވާން ފެށުމުން އޭނާ އެއްފަރާތުގައި ހުރި ސޯފާގައި އިނށީދެލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވައިލަމުން ރަޒާން އެތެރަށް ވަނެވެ. އޭނާގެ އިންތިޒާރުގައި އިން މެހެރީން ފެނުމުން ރަޒާނަށް ލިބުނީ ހައިރާންކަމެވެ. ނިތްއަރުވައިލަމުން އަތުގައި އޮތް ލެޕްޓޮޕް ދަބަސް ސޯފާގައި ބާއްވައިލައިފައި މެހެރީނަށް ބަލައިލިއެވެ.

"ޒާން ޕްލީޒް.. މިހާރު ގޭގަ އުޅެނީ އަހަރެމެން ދެމީހުން އެކަންޏެއް ނޫން.. މެހެމާނަކު ހުރިކަން އެނގޭއިރު އެންމެ ކުޑަމިނުން މިދުވަސްކޮޅު ތިހެން ނޫޅެފާނަންތަ.. ޕްލީޒް.. އަހަރެމެންނަށް ހަމަޖެހިގެން ގުޅިގެން ހަމަ ނޫޅެވޭނެތަ.." ފުންނޭވާއެއް ދޫކޮށްލަމުން އާދޭހުގެ ރާގަކަށް މެހެރީން ބުންޏެވެ. އާރިޒްގެ ކުރިމަތީގައި އަމިއްލަ އަގުވެއްޓޭކަށް މެހެރީން ނޭދެއެވެ. އޭނާ ހީކުރީ އާރިޒް ގޭގައި ހުރުމުން ކޮންމެވެސް ވަރަކަށް ރަޒާންގެ އުޅުން ބަދަލުވާނެކަމަށެވެ. އެހެނަސް ކަންތައްތައްވަމުން މިދަނީ އޭނާ އުއްމީދުކުރިގޮތާ މުޅިން ޚިލާފަށެވެ. އެއިން ކަމަކާމެދު ކުޑަކޮށްވެސް ރަޒާން ވިސްނާލަން ބޭނުންނުވާފަދައެވެ.

"މެހެރީނަށް އަހަރެންގެ އެއްވެސް އެދުމެއް ފުއްދުނުތަ.. ދަރިއެއްގެ އުއްމީދުގަ އަހަރެން ހުންނަތާ ކޮންދުވަހެއް.. އަހަރެންގެ އެ އެދުން ފުއްދަދިން ދުވަހަކުން އަހަރެންވެސް މެހެރީން އެދޭކަންތައް ކޮށްދޭނަން.." މެހެރީންގެ ކޮލުގައި ހިފައި ކުޑަކޮށް ފިތައިލަމުން މަލާމާތުގެ ރާގަކަށް ރަޒާން ބުންޏެވެ. އެއަޑުއިވިފައި ހިތަށްކުރި އަސަރުން މެހެރީނަށް އިސްޖަހައިލެވުނީއެވެ. އަމިއްލަ ނަފުސުގެ އުނިކަން އިހުސާސުކުރެވުނީ އިންތިހާއަށެވެ. "މާ ފާޑުފާޑުގެ ވާހަކަނުދައްކާ އަހަރެންގެ ކުރިމަތިން ދާން އުޅޭ.. އަހަރެން މިހުރީ ތިކަހަލަ ވާހަކަދައްކާކަހަލަ މޫޑަކު ނޫން.." ތުވާލިހިފައިގެން ފާޚާނާއާ ދިމާއަށްދިޔަ ރަޒާން ބުނެލިއެވެ. އެއާއެކު އިތުރަށް އެންމެ ސުކުންތުކޮޅަކުވެސް އެތަނުގައި އިންނާކަށް މެހެރީން ބޭނުމެއްނުވިއެވެ. އިންތަނުން ތެދުވުމާއެކު ދެލޯފުހެމުން އޭނާ ދުއްވައިގަތީ ކޮޓަރިން ނުކުތުމަށެވެ.

އޮށޯންނަން އުޅެފައި މޭޒުމަތީގައި ހުރި ހުސްފެންފުޅިއަށް އާރިޒް ބަލައިލިއެވެ. އާމިރު ކޮޓަރިއަށް ފެންފުޅިއެއް ވައްދަން ހަނދާންނެތުނީކަން ވިސްނުމުން އާރިޒް ގަސްދުކުރީ ފެންފުޅިއެއްބަލައި ބަދިގެއަށް ދިއުމަށެވެ. ރޭގަނޑުގެ އެވަގުތު އިތުރު މީހަކަށް އުނދަގުލެއްކުރަން އޭނާ ބޭނުންނުވީއެވެ.

ދުއްވާގޮނޑީގައި ހުސްފުޅި ހިފައިގެން އާރިޒް ނުކުތެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. ދުވަމުން ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން ގޮސް ގޭގެ މައިދޮރުން ނުކުތް މެހެރީން އޭނާއަށް ސާފުކޮށް ފެނުނެވެ. ބާރުބާރަށް ގޮނޑި ދުއްވައިލަމުން އޭނާ އެދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. އެހެނަސް އޭނާ ދާންވާއިރަށް މެހެރީން ނުކުމެއްޖެއެވެ. ހުޅުވިފައިހުރި މައިދޮރުން ބޯކޮށް ވެހެމުންދިޔަ ވާރެއަށް އާރިޒް ބަލައިލީ ކަންބޮޑުވެފައި އިނދެއެވެ. މިއޮއް ވިއްސާރައިގައި މެހެރީން ނުކުމެގެން އެދިޔަ ތަނަކާމެދު އާރިޒް ސުވާލުއުފެދުނެވެ. މެހެރީންގެ ފަހަތުން ދާން ބޭނުންވިއަސް އެކަން އޭނާއަށް ކުރެވެންނެތްކަން ވިސްނުނުހިނދު އާރިޒްއަށް މާޔޫސްގޮތަކަށް ތުންފިއްތައިލެވުނެވެ.

(ނުނިމޭ)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!