ޖާބިރު ރިޔާސީ އިންތިޚާބަށް ނިކުންނަވަން މަސައްކަތް ކުރައްވަނިކޮށް ޕާޓީ އުވާލަން އުޅުން ބަލައެއް ނުގަންނަން: ޑީއާރުޕީ
ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު 2023ގެ ރިޔާސީ އިންތިޚާބަށް ޕާޓީގެ ޓިކެޓުގައި ކުރިމަތިލާފައިވާ ވަގުތެއްގައި ޕާޓީ އުވައިލަން ނިންމުމަކީ ޑިމޮކްރެސީއާ ބީރައްޓެހި ޢަމަލެއްކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރްޕީ އުވާލުމަށް ނިންމާފައިވާތީ އެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އަންގާފައެވެ.
ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ ޑީއާރުޕީ ރަޖިސްޓްރީ ކުރީ ޖުލައި 15، 2005ގައެވެ. އެ ޕާޓީގެ އެންމެ ފުރަތަމަ ލީޑަރަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ. ޑީއާރުޕީގެ ލީޑަރު ކަމަށް ޖާބިރު ހަމަޖެއްސީ ޖުލައި 23، 2019ގައެވެ.
އެކަމާ ގުޅިގެން ރޭ އެ ޕާޓީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ދެވަނައަށް އެންމެ ޒަމާންވީ ސިޔާސީ ޕާޓީ އުވުނަ ނުދިނުމަށް ކުރަމުން ދިޔަ މަސައްކަތް އިލެކްޝަނުން ހުއްޓުވާފައި ވާތީ، އެކަމަށް ހައްލެއް ހޯދުމަށް ޓަކައި ކޯޓަށް ދިޔުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވީ، އެ ޕާޓީގެ މިހާރުގެ ލީޑަޝިޕުން 2019 ވަނަ އަހަރު ޕާޓީއާ ހަވާލުވުމާއެކު، ޕާޓީން ދައްކަންޖެހިފައިވާ ދަރަނީގެ މައްސަލަތައް ހައްލުކުރުމަށާއި ޕާޓީގެ އިދާރީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ފެށިނަތާހެން ކޮވިޑާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން އެ ހާލަތުން އަރައިނުގަނެވި ތިބެންޖެހުނު ކަމަށާއި އަދި މިއަހަރު މަސައްކަތްތައް ފެށޭވަރު ވުމުން ގާނޫނު ބުނާ މިންވަރަށް ޕާޓީގައި މެންބަރުން ހަމަކުރުމުގެ މަސައްކަތް ފެށިއިރު، އިލެކްޝަން ކޮމިޝަނުން ޕާޓީގެ މެމްބާޝިޕް ފޯމްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އޭގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށް ޑީއާރްޕީން ބުންޏެވެ.