ކުޅިވަރު ފުޓްބޯޅަ

ވޯލްޑް ކަޕްގެ ތެރެއިން މަޝްހޫރުވި ކުރެހުންތެރިޔާ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

ޤަތަރުގެ ދޯހާގައި އުޅެމުންދާ އަމިއްލަ މަސައްކަތް ކުރާ ކުރެހުންތެރިޔެއްކަމަށްވާ މައިކަލް ކޮންޖެސްޓަރއަށް އެއް ދުވަހަކު ލިބުނު މެސެޖަކުން އޭނާއަށް ލިބިގެންދިޔައީ ކުއްލި ހައިރާންކަމެކެވެ. ވޯލްޑް ކަޕް 2022 ގެ ކުރެހުންތައް ކުރެހުމަށް އޭނާއަށް ހުށަހަޅައި ވަޓްސްއެޕްގައި އޭނާއަށް މެސެޖެއްއައެވެ.

Ads by MWSC

މި މެސެޖު އައީ ވޯލްޑް ކަޕްގެ އޮފިޝަލް އޮގަނައިޒަރުންގެ ކިބައިންކަން ޔަޤީންވުމުން އޭނާ އަވަހަށް މިކަމަށް އެއްބަސްވެ މެސެޖުގެ ޖަވާބު ފޮނުވިއެވެ.

އެއަށްފަހު އޭނާއަށް އެނގިގެން ދިޔައީ އޭނާއަށް މި މަސައްކަތް ހަވާލުކުރުމަށް އަންގާފައިވަނީ ޤަތަރުގެ މިނިސްޓްރީ އޮފް ކަލްޗަރ އާޓްސް އެންޑް ހެރިޓެޖްއިންކަމެވެ.

"މިނިސްޓްރީގެ މީހުން އަހަރެންގެ މަސައްކަތްތައް ބަލާގަތްކަން އެނގުނީމަ އަޅުގަނޑު ވަރަށް އުފާވި. ދޯހާގަ މިއުޅޭ ހުނަރުވެރި އެތައް އާޓިސްޓުންނެއްގެ ތެރެއިން އެބޭފުޅުންނަށް އަޅުގަނޑުގެ ކުރެހުންތައް ކަމުގޮސް އަޅުގަނޑު މިކަމަށް ހޮވުމަކީ ވަރަށް ފަޚުރުވެރިވާ ކަމެއް." ފިލިޕީންސްއަށް ނިސްބަތްވާ މައިކަލް އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ކިޔައިދެއެވެ.

ވޯލްޑް ކަޕް ދޯހާގައި ބޭއްވުމުގެ ތައްޔާރީތައް ފެށުމާއެކު މައިކަލް ބުނި ގޮތުގައި އޭނާ ފުރަތަމަ ބޭނުންވީ އަމިއްލައަށް އިސްނަގައިގެން ކުރެހުންތަކެއްގެ މަސައްކަތް ކުރުމަށެވެ. ނަމަވެސް އޭނާ އޭރު އުޅޭލެއް ބުރަކަމުން އެއީ ރަނގަޅު ހިޔާލެއްކަމަށް ޤަބޫލުނުކުރެވުނީއެވެ. އެހެންނަމަވެސް، ޤަތަރުގެ އޮފިޝަލުންގެ މި މެސެޖު އައުމުން އޭނާ އެއަށް ނޫނެކޭ ހަމަ ނުބުނެވުނީ ކަމަށް އޭނާ ބުނެއެވެ.

މައިކަލްެގެ ކުރެހުމެއް

މައިކަލްގެ ކުރެހުންތައް ދޯހާގެ އެކި ހިސާބުތަކުގައި މިހާރު ފެންނަން ހުންނާނެއެވެ. އޭނާ ބުނާގޮތުގައި މި ކަމުގެ ސަބަބުން އޭނާއަށް އިތުރު އާމްދަނީ އެއް ލިބުމުގެ އިތުރުން، އެނާގެ މަސައްކަތް ފެންނަ އެހެން މީހުންގެ ތައުރީފު ލިބި އެހެން ޕްރޮޖްކްޓުތަކުގެ އޮފާތައް އޭނާއަށް މިހާރު ލިބެމުން އަންނަ ކަމަށެވެ.

އަދި މީގެ އިތުރުން، ސޯޝަލް މީޑިއާގައިވެސް މީހުން އަންނަނީ އޭނާގެ މަސައްކަތްތައް ހިއްސާކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!