ޚަބަރު ޝަރުޢީ ދާއިރާ

ފަސް އޮފިސަރަކު ވަކިކުރީ ގޯސްކޮށްކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމެވީ ޤާނޫނާ ޚިލާފަށްކަމަށް ސިވިލް ކޯޓުން އިއްޔެ ކުރެއްވި ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ.

ފުލުހުންގެ ބޯޑުގެ ލަފަޔާއެކުގައި، މިދިޔަ އަހަރު ހަތް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމިއިރު، އެ ނިންމުން ނިންމެވީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ، އޭގެތެރެއިން ފަސް އޮފިސަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެ ފަސް އޮފިސަރުންނަކީ:

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޖަމްޝީދު.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު (ޓޫފޯ).

ޗީފް ސްޕްރިންޓެންޑެންޓް ޢަބްދުﷲ ޝަރީފް.

ސްޕްރިންޓެންޑެންޓް މުޙައްމަދު ދާއޫދު.

ސްޕްރިންޓެންޑެންޓް އިސްމާޢީލް ޝަމީމް.

ސިވިލް ކޯޓުން އިއްޔެ ކުރެއްވި ޙުކުމުގައި ވަނީ ފުލުހުންގެ ބޯޑުގެ ނިންމަކުން އިސް އޮފިސަރަކު ވަކިކުރެވޭނީ ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ޤަރީނާތަކަށް ބެލުމަށްފަހުގައި ކަމަށް ވިޔަސް، އެ ފަސް އޮފިސަރުންނާ ގުޅޭ އެފަދަ ނިންމުންތަކެއް ނިންމާފައިވާކަން އެނގެން ނެތް ކަމަށާއި އެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުން ބާތިލުކުރާ ކަމަށެވެ.

އޭޖީ އޮފީހުން މިއަދު ވިދާޅުވީ ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރެއްވި ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމަވާފައިވާ ކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އެ އޮފީހުން ނިންމަވައިފައިވަނީ، އެ ނިންމެވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު މާނަކޮށް ތަންފީޒުކޮށްފައިވަނީ ރަނގަޅަށް ކަމަށް ނުފެންނާތީ ކަމަށް ވެސް އޭޖީ އޮފީހުން ވިދާޅުވިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!