އޭޝިއާ ދުނިޔެ

ކައިވެންޏަށް އެދުމުން، ލޯބިވެރިޔާގެ ފަރާތުން ލިބުނީ އަނިޔާ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން
ކައިވެންޏަށް އެދުމުން، ލޯބިވެރިޔާ އަނިޔާ ކުރާ ވީޑިއޯގެ މަންޒަރެއް--

އިންޑިއާގައި އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާގެ ގާތުގައި ކައިވެންޏަށް އެދުމުން އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށް، ތަޅައިގަނެ، ހޭނައްތައިލާ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެއްޖެއެވެ.

Ads by Sosun Fihaara

ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާ ފުރަތަމަ ފިރިހެން މީހާ ގާތުގައި ކައިވެނި ކުރުމަށް އެދެއެވެ. އެވަގުތު ހަމަ ވީޑިއޯ ކުރުން ހުއްޓާލުމަށް ފިރިހެން މީހާ ވީޑިއޯ ކުރަން ހުރި މީހާ ގާތުގައި ބުނެއެވެ. އަދި ވަގުތުން އަންހެން މީހާގެ މޫނު މަތީގައި ވަރަށް ބާރަށް ޖަހައެވެ.

އެއަށްފަހު އަންހެން މީހާގެ އިސްތަށިގަނޑުގައި ހިފާ ބިންމައްޗައް ވައްޓާލައެވެ. އަދި އޭނާގެ ފައިން އަންހެން މީހާގެ މޫނު މަތީގައި ހަތަރު ފަހަރު ޖަހައެވެ. ތިން ވަނަ ފަހަރު ޖެހުމާއެކު އަންހެން މީހާގެ ޚަބަރު ހުސްވުމުންވެސް އަނެއްކާވެސް ހަތަރު ވަނަ ފަހަރުވެސް އޭނާ މޫނު މަތީގައި ޖަހައެވެ.

އެއަށްފަހު އޭނާ އަންހެން މީހާގެ ގައިގައި ހިފައި ކޮޅަށް ނަގައެވެ. އޭރުވެސް އަންހެން މީހާ ހުރީ ޚަބަރު ހުސްވެފައިކަން ވީޑިއޯއިން ފެނިގެންދެއެވެ.

ނޯޓު: މި ވީޑިއޯގައި ވަރަށް އަނިޔާވެރި ގޮތަކަށް އަންހެން މީހާގެ ގައިގައި ތަޅާ މަންޒަރު ފެންނާތީވެ މި ޚަަބަރުގައި ހިއްސާ ނުކުރީއެވެ. 

މިދިޔަ ބުދަ ދުވަހު ހިނގި މި ލާއިންސާނީ ހާދިސާއަށް ފަހު ފުލުހުން މި ފިރިހެން މީހާ ފުރަތަމަ ހައްޔަރު ކުރީ އާންމުން އުޅޭ ހިސާބެއްގައި އުނދަގޫވާފަދަ ކަންތައް ކުރުމުގެ ތުހުމަތުގައެވެ. އެހެންކަމުން އޭނާ ވަނީ ވަރަށް އަވަހަށް ފުލުހުންގެ ބެލުމުގެ ދަށުން ދޫވެސްކޮށްލާފައެވެ.

ބޭރުގެ ނޫސްތަކުން ބުނާގޮތުގައި މި ފިރިހެންމީހާގެ އަނިޔާވެރި އަމަލުގެ ޝިކާރައަށް ވީ އަންހެން މީހާ ވަނީ އޭނާއާ ދެކޮޅަށް މައްސަލަ ހުށަހެޅުމަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް މި ވީޑިއޯ ވައިރަލްވުމާއެކު ފުލުހުން ވަނީ އޭނާ ސެކްޝަން 323 ގެ ދަށުން ހައްޔަރު ކުރުމަށް އަމުރު ހޯދާފައެވެ. އެހެންނަމަވެސް އޭނާ އަންނަނީ ފުލުހުންގެ ބެލުމުގެ ދަށަށް ހާޒިރުވާން ދެކޮޅު ހަދަމުންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!