ދުނިޔެ

އަފްގާނިސްތާނުގައި އަންހެނުންގެ ޙައްޤުތައް ހޯދައިދޭން އދ އިން ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ ހައްޤުތަކަށް ތާލިބާނުން އަރައިގަންނަމުންދާތީ، އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ނިގުޅައިގަނެފައިވާ ހައްޤުތައް ރުޖޫޢަކޮށްދިނުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހުން ތަލިބާނުންގެ ސަރުކާރަށް ގޮވައިލައިފިއެވެ. އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ ތާލިބާނުން ވެރިކަމާ ހަވާލުވުމަށް ފަހު، އަންހެނުންގެ ހައްޤުތައް ހިމާޔަތް ކޮށްދިނުމަށް ވަޢުދުވިއެވެ.

Ads by Sosun Fihaara

ނަމަވެސް، ފެނިގެން ދަނީ އެ ވަޢުދާ ޚިލާފުވަމުންދާ މަންޒަރެވެ. އަދި، އަންހެނުންގެ ހައްޤުތައް ހަނިކޮށް، މިނިވަންކަމަށް އަރައިގަންނަމުންދާ މަންޒަރެވެ. އަފްޣާނިސްތާނުގެ އަންހެނުންނަށް ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ތާލިބާނުން ވަނީ މި ޑިސެންބަރު މަހުގެ ތެރޭގައި މަނާކޮށްފައެވެ. އަދި، މަދަނީ ޖަމުޢިއްޔާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ވެސް އަންހެނުންނަށް މިހާރު އޮތީ ބަންދުކޮށްފައެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ، ވެރިކަމާ ހަވާލުވީ 2021 އޮގަސްޓުގައެވެ. އެއަށްފަހު، އަންހެން ދަރިވަރުންނަށް މަތީ ސާނަވީ ތަޢުލީމު ހާސިލު ކުރުމުގެ ހައްޤަށް ވެސް ވަނީ ހުރަސް އަޅާފައެވެ. ސްކޫލްތަކުން ދަރިވަރުން ބޭރުކޮށްފައެވެ.

ތާލިބާނުންގެ އެންމެ ފަހުގެ ނިންމުމަކީ، މަދަނީ ޖަމުޢިއްޔާތަކުގައި މަސައްކަތް ކުރާ އަންހެނުންނަށް އެ ފުރުޞަތު ހަނިކުރުމެވެ. އެ ފަދަ ޖަމުޢިއްޔާތުގައި މަސައްކަތް ކުރުން އަންހެނުންނަށް މިހާރު އޮތީ މަނާކޮށްފައެވެ. މީގެ ތެރޭގައި އެ ޤައުމުގެ ޖަމާޢަތްތަކާއި ބައިނަލްއަޤުވާމީ ޖަމާޢަތްތައް ވެސް ހިމެނެއެވެ.

މި ކަންކަމާ ގުޅޭގޮތުން އ.ދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، މި އަމަލުތަކަކީ އަފްޣާނިސްތާނުގެ އަންހެނުންގެ އިންސާނީ ހައްޤުތަކަށް އަރައިގަތުން ކަމުގައި ސިފަ ކޮށްފައެވެ. ދައުލަތުގެ ހުރިހާ ކަމެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ހަނިކޮށްފައިވާ ހައްޤުތަކާއި މަނާކޮށްފައިވާ ފުރުޞަތުތައް އަލުން ރުޖޫޢަކޮށްދިނުމަށް ސަލާމަތީ މަޖިލީހުގެ 15 މެންބަރުން ނެރުނު ބަޔާނެއްގައި ވަނީ ތާލިބާނުންނަށް ގޮވައިލާފައެވެ.

އަދި، ސްކޫލްތަކާއި ޔުނިވަރސިޓީތައް ހުޅުވައިލާ އަންހެނުންނަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ދިނުމަށާއި، އެ މީހުންގެ އިންސާނީ ހައްޤުތަކާއި މިނިވަންކަމަށް އަރައިގަތުމުގެ އަމަލުތައް ހުއްޓައިލުމަށް ވެސް ސަލާމަތީ މަޖިލީހުން ވަނީ ގޮވައިލާފައެވެ. މަދަނީ ޖަމުޢިއްޔާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އަންހެނުންނަށް ބަންދު ކުރުމުން، އެ ޤައުމުގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމުގައި ސަލާމަތީ މަޖިލީހުން ބުނެއެވެ.

"ތާލިބާނުންގެ މި ފަދަ އަމަލުތަކަކީ، އެ ޤައުމުގެ ރައްޔިތުންގެ އިތުރުން ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެ ޖަމާޢަތުން ވެފައިވާ ވަޢުދުތަކާ ޚިލާފަށް ކުރަމުންދާ އަމަލުތަކެއް،" ސަލާމަތީ މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ. މި ފަދަ އަމަލުތައް ހުއްޓައިލާ، އަންހެނުންގެ ހަނިކޮށްފައިވާ ހައްޤުތައް އަލުން ރުޖޫޢަ ކުރުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރޭޝް ވެސް ވަނީ ތާލިބާނުންގެ ސަރުކާރަށް ގޮވައިލައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!