ދުނިޔެ

ޕޫޓިން، ޝީއަށް ތައުރީފް ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން އެމެރިކާއާއި ހުޅަނގުގެ ބާރުތަކުގެ ފިއްތުންތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ތާރީފު ކުރައްވައި، އައްސަރިބަހާއި ސާބަސް ރައްދު ކުރައްވައިފިއެވެ. ޕުޓިން ޗައިނާއަށް ތާރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައި ވަނީ، ވީޑިޔޯ މެދުވެރިކޮށް އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގްއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

Ads by Sosun Fihaara

ޕުޓިން ވިދާޅުވީ ހުޅަނގުގެ ބާރުތަކުން ޗައިނާއާއި ރަޝިޔާއަށް ކުރިމަތިކުރަމުންދާ ފިއްތުންތަކާއި ބިރުދެއްކުންތަކާ ދެކޮޅަށް ދެ ޤައުމުން ވެސް ކުރަމުން ދަނީ ތާރީފު ހައްގު މަސައްކަތްތަކެއް ކަމުގައެވެ. ދައްކަމުން ދަނީ ހިތްވަރާއި އަޒުމް ވަރުގަދަކަމުގެ ލާމަސީލު މިސާލެއް ކަމުގައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން ބޭނުންފުޅުވާ ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ.

އެމެރިކާއިން އިސްވެ އޮވެ، ހުޅަނގުން ދަނީ ރަޝިޔާއާއި ޗައިނާއަށް އެތައް ގޮތަކުން ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. ރަޝިޔާއާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ، ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ކުރަމުންދާ ހަނގުރާމައާ ގުޅިގެންނެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު މި ވަގުތު ޖެހިފައި އޮތް އެންމެ ބޮޑު މައްސަލައަކީ، ތައިވާނުގެ މިނިވަންކަމާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ މައްސަލައެވެ. ޗައިނާއިން ޤަބޫލުކުރާ ގޮތުގައި ތައިވާނަކީ އެ ޤައުމުގެ ބައެކެވެ. ނަމަވެސް، ތައިވާނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައި، އެމެރިކާއިން ދަނީ ތައިވާނާ އެކު ގުޅުންތައް ބަދަހި ކުރަމުންނެވެ.

ޔޫކްރެއިން ހަނގުރާމައިގެ މައްސަލައިގައި ޗައިނާއިން ޚިޔާރުކޮށްފައި ވަނީ މެދުމިނުގެ ސިޔާސަތެކެވެ. މި ހަނގުރާމައިގައި ޗައިނާއިން ރަސްމީ ސިފައެއްގައި ވަކި ފަރާތަކަށް ތާޢީދުކޮށްފައެއް ނުވެއެވެ. އަދި، ވަކި ފަރާތަކަށް ތާޢީދު ކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް، އެ ޤައުމުން ދަނީ ޚާރިޖީ އަދި ވިޔަފާރީގެ ދާއިރާއިން ރަޝިޔާއާ އެކު ގުޅުންތައް ބަދަހިކުރަމުންނެވެ.

"ބައިނަލްއަޤުވާމީ މަސްރަޙު އޮތީ ކަންބޮޑުވާ ހާލަތެއްގައި. މި ހާލަތުގައި، ޗައިނާއާއި ރަޝިޔާ ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް. ބައިނަލްއަޤުވާމީ މައިދާނުގައި އުފެދިފައި އޮތް ނުތަނަވަސް ކަމަށް ހަމަޖެހުން ގެނެވޭނީ ދެ ޤައުމުން ގުޅިގެން އިތުރު މަސައްކަތްތަކެއް ކޮށްގެން،" ޝީއާ ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވިއެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އެއް ދާއިރާއަކީ، އެ ޤައުމުން ވިއްކާ ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ކުރަމުންދާ މަސައްކަތްތަކެވެ. ޑިސެންބަރު މަހުގެ 5ވަނަ ދުވަހުން ފެށިގެން، ވިލާތުގެ ޤައުމުތަކުން ވަނީ ރަޝިޔާއިން ގަންނަ ތެލުގެ އަގު ދަށްކޮށް، ވަކި މިންގަނޑެއްގައި ހިފަހައްޓާފައެވެ. މި ކަމާ ގުޅިގެން އެ ޤައުމުތަކާއި ވިޔަފާރިތަކަށް ތެޔޮ ވިއްކުން ހުއްޓައިލުމަށް ރަޝިޔާއިން ވަނީ ނިންމާފައެވެ.

ނަމަވެސް، ޗައިނާއަކީ ރަޝިޔާގެ ތެލުގެ ވިޔަފާރީގެ މުހިންމު އެއް ބައިވެރިއެކެވެ. ޗައިނާއާއި އިންޑިޔާއަކީ މި ވަގުތު ރަޝިޔާއިން އުފައްދާ ތެޔޮ އެންމެ ގިނައިން ގަންނަ ދެ ޤައުމެވެ. އަންނަ އަހަރުގެ ކުރީކޮޅު، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޝީ ރަޝިޔާއަށް ދަތުރުފުޅެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!