ރަންބީރާއި ރަޝްމިކާގެ އެނިމަލްގެ ފުރަތަމަ ފެނިލުން ދައްކައިލައިފި
ބޮލީވުޑް ތަރި ރަންބީރް ކަޕޫރާއި ސައުތު އިންޑިއާގެ ތަރި ރަޝްމިކާ މަންޑާނާ އެކީގައި ފެނިގެންދާ ފިލްމު "އެނިމަލް" ގެ ފުރަތަމަ ފެނިލުން ދައްކައިލައިފި އެވެ.
މިއަހަރުގެ އޯގަސްޓު 11 ވަނަ ދުވަހު ރިލީޒް ކުރަން ތައްޔާރުވަމުންދާ އެފިލްމަކީ ރަންބީރާއި ރަޝްމިކާ އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. ފިލްމުގެ ފުރަތަމަ ފެނިލުން ދައްކައިލީ މި ފެށުނު އާ އަހަރާއި ދިމާކޮށް އިއްޔެ އެވެ.
ކްރައިމް ޑްރާމާ ޖޯންރާގެ މި ފިލްމު ޑައިރެކްޓު ކުރަނީ ސަންދީޕް ރެއްޑީ ވާންގާ އެވެ. އޭނާއަކީ 2017 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "އަރްޖުން ރެއްޑީ" ގެ ޑައިރެކްޓަރެވެ. އޭގެ ހިންދީ ރީމޭކް "ކަބީރް ސިންގް" ވެސް ޑައިރެކްޓު ކުރީ ސަންދީޕް އެވެ.
"އެނިމަލް" ގެ ފުރަތަމަ ފެނިލުމުގައި ފެންނަނީ ރަންބީރު މީގެ ކުރިން ނުފެންނަ ފަދަ "ލުކް" އަކުންނެވެ. މި ފިލްމުގައި އިތުރަން ފެންނާނެ ތަރިންގެ ތެރޭގައި ބޮލީވުޑް ތަރި އަނިލް ކަޕޫރާއި، ބޮބީ ޑިއޯލްގެ އިތުރުން ތްރިޕްތީ ޑިމްރީ ހިމެނެ އެވެ.
އެކި ބަހުރުވައިން ރިލީޒްކުރަން ތައްޔާރުވާ "އެނިމަލް" ޕްރޮޑިއުސް ކުރަނީ ޓީސީރީޒްގެ އިތުރުން ބަދްރާކަލީ ޕިކްޗާސް އިންނެވެ.
ނިމިގެން މިދިޔަ 2022 ވަނަ އަހަރު ރަންބީރުގެ ދެ ފިލްމެއް ނިކުތެވެ. އެންމެ ފުރަތަމަ ނިކުތް "ޝަމްޝޭރާ" ވިޔަފާރީގެ ގޮތުން މާ ބޮޑެތި ކާމިޔާބީއެއް ނުހޯދިނަމަވެސް ދެން ނިކުން "ބްރައްމާސްތުރަ ޕާޓް ވަން: ޝިވާ" ވެގެން ދިޔައީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.
މިއަހަރު ރަންބީރުގެ އިތުރު ފިލްމެއްވެސް ރިލީޒް ވާނެ އެވެ. އެއީ ލަވް ރާންޖަން ޑައިރެކްޓު ކުރާ "ތޫ ޖޫޓީ މޭ މައްކާރް" އެވެ.
މި ފިލްމުގައި ރަންބީރާއިއެކު ފެންނާނީ ޝްރައްދާ ކަޕޫރެވެ. މިއީ މިދެތަރިން އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.