ރައީސް ޔާމީންގެ އިތުރު މައްސަލައެއްގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ އިތުރު ދައުވާއެއްގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
ރައީސް ޔާމީން މިހާރު ގެންދަވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑާ ކުރެއްވިކަމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ.
މިމައްސަލަ ބެއްލެވުމަށް އިސް ގާޒީއެއްގެ ގޮތުގައި އައްޔަނުކުރައްވާފައިވަނީ އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވެވި ގާޒީ އަހުމަދު ޝަކީލެވެ. އެހެންނަމަވެސް ޝަކީލް ވަނީ އެމައްސަލައިން ތަނާޒުލުވެވަޑައިގެންފަ އެވެ. އެހެންވެ މިހާރު އެމައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކޮށްގެން 1.1 މިލިއަން ޑޮލަރު ރައީސް ޔާމީން ނެންގެވިކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ. އަދި އެފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރެއްވިކަމުގެ ތުހުމަތުވެސް އެމަނިކުފާނުގެ މައްޗަށް ކުރެ އެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓް ކުންފުންޏަށާއި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށްވެސް ދައުލަތުން ދައުވާ ކުރެ އެވެ.
ފުއްގިރި މައްސަލައިގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. މިމައްސަލައިގެ އަޑުއެހުންތައް މެދުކެނޑިފައި އޮންނަތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
އާރަށް މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ވަރަށް ދިގުލައި ދެމިގެން ދާގޮތަށެވެ. އެމައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ހުކުމްގެ ރިޕޯޓު ވަކީލުންނާއި ހަވާލުކޮށްފައިވަނީ ހުކުމް ކުރިތާ 24 ގަޑިއިރުވެސް ފާއިތުވި ފަހުންނެވެ.
ހުކުމް ކުރުމަށްފަހު ޝަރީއަތުގެ މަޖިލިސް ނިމުމާއިއެކު ހުކުމްގެ ރިޕޯޓު ވަކީލުންނާއި ހަވާލުކުރަން ގާނޫނު އަސާސީ ލާޒިމް ކުރެ އެވެ. އުސޫލުތަކުގެ ބޭރުން ކްރިމިނަލް ކޯޓުން އަމަލުކޮށްފައިވާތީ ގާނޫނީ ބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.