ދުނިޔެ

އޮސްޓްރޭލިއާގައި ގެނބެމުންދިޔަ ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކު މަރުވެއްޖެ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އޮސްޓްރޭލިއާގައި ގެބެމުންދިޔަ ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކު މަރުވެއްޖެއެވެ. މި ޙާދިސާ ހިނގާފައިވަނީ އޮސްޓްރޭލިޔާގެ އަވަށެއްކަމުގައިވާ ނަރޫމާގެ ދެކުނުގައި އޮންނަ ބޮގޯލާ ބީޗްގައެވެ. ހާދިސާގެ ރިޕޯޓް އޮސްޓްރޭލިޔާގެ އެމެޖެންސީ ފަރާތަކަށް ލިބިފައިވަނީ އިއްޔެ (1 ޖެނުއަރީ 2023) ގެ މެންދުރު ގާތްގަނޑަކަށް 1:30 ހާއިރުގައެވެ.

Ads by Sosun Fihaara

މި ކަމުގެ ޚަބަރު ލިބުމާއި އެކު އޮސްޓްރޭލީއާގެ ނިއު ސައުތު ވޭލްސްގެ އެމްބިއުލާންސް (އެންއެސްޑަބްލިއު) އިންވަނީ ޙާދިސާ ހިނގި ސަރަޙައްދަށްގޮސް އޭނާއަށް ސީޕީއާރުދީފައެވެ. ނަމަވެސް މޫދުން ނެގިއިރުވެސް އޭނާ ހަރަކާތް ހުއްޓިފައިވާކަމަށާއި، ސީޕީއާރު ދިނުމުންވެސް ފުރާނަ ސަލާމަތްކުރެވޭގޮތް ވެފައި ނުވާކަމަށް އެންއެސްޑަބްލިއުގެ ހެލްތު އޮފިސަރުންވަނީ މަޢުލޫމާތުދީފައެވެ.

އެ ސަރަޙައްދުގެ ފުލުހުން  ބުނެފައިވާ ގޮތުގައި އުމުރުން 45 އަހަރުގެ މި ފިރިހެން މީހާ މޫދަށް އެރިފައި ވަނީ ބާރުގަދަ އޮއިވަރެއްގައިޖެހި ގެނބެމުންދިޔަ 14 އަހަރުގެ ފިރިހެން ކުއްޖެއް ސަލާމަތްކުރުމަށެވެ. އަދި އޭނާ ކާމިޔާބު ކަމާއެކު އެ ކުއްޖާ ސަލާމަތްކުރިކަމަށާއި، އޭނާއަށް އެ އޮއިވަރުން ސަލާމަތް ވެވިފައިނުވަނީ އޮއިވަރުގެ ބާނިތަކުގެ ތެރެއަށް އޭނާ ދަމައިގަތުމުން ކަމަށްވެސް ފުލުހުންވަނީ މަޢުލޫމާތު ދީފައެވެ.

މީގެ އިތުރުން އޭނާއަކީ އޭރު ޑިއުޓީގައި ހުރި ނިއު ސައުތުވޭލްސްގެ ފުލުހުންގެ އޮފިސަރެއް ކަމަށާއި، އެ މައްސަލަ ތަހްގީގުކޮށް އެކަމުގެ މަޢުލޫމާތު ރިޕޯޓެއް ތައްޔާރު ކުރާނެ ކަމަށްވެސް އެފަރާތުންވަނީ ހާމަކޮށްފައެވެ. މި ޙާދިސާ ހިނގިގޮތް ފެނިފައިވާ ނަމަ ނުވަތަ މިކަމާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ސައުތު ކޯސްޓް ފުލުހުންނަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށްވެސް ވަނީ އެދިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!