މާބޮޑަށް "ރިއެކްޓް" ކުރުމަކީ އެހައި ގަދަ ކަމެއްނޫންކަމަށާއި މާބޮޑަށް އެކަން ކުރުމުން، ނުކުންނަ ނަތީޖާވެސް އެހައި ސަޅިއެއްވެސް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
"އެމްޑީޕީ ކުރިއަށް" މި ނަމުގައި މިރޭ ނ. ވެލިދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ މި ރިއެކްޝަންގެ ނަތީޖާއަކީ ރައްޔިތުން މަގުމަތިވުން ކަމަށެވެ.
"މާއަވަހަށް މާބޮޑަށް ރިއެކްޓް ކުރީމަ ނުކުންނަ ނަތީޖާއެއްވެސް އެހާ ސަޅިއެއްވެސް ނޫން. މާބޮޑަށް ރިއެކްޓް ކުރީމަ ބައެއްފަހަރު ރިޔާސީ ދައުރެއްގައި 3 ނައިބު ރައީސުން އެބަ އައްޔަނު ކުރަން ޖެހޭ. އަނެއްބައިފަހަރު މާގަދައަށް ރިއެކްޓް ކުރީމާއި ވެރިކަން އެބަ ވެއްޓިގެން ދޭ. އަނެއްބައި ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން ނޫނީ ވެރިކަން ނުއެއް ދެމެހެއްޓޭ. ބައެއްފަހަރު ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަންގަވައިގެން އެތާ ތިއްބަވާ ފަނޑިޔާރުން ދަމާ ކޫއްތާ އެބަ ނެރެންޖެހޭ. އާދެ މި ރިއެކްޝަންގެ ނަތީޖާއަކީ އަޅުގަނޑުމެން ރައްޔިތުން މަގުމަތިވުން" ހިސާން ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވަނީ އެމްޑީޕީއަށް ނާކާމިޔާބުވި އިންތިޚާބުތަކުގެ ހަނދާން އައު ކުރައްވައި، އޭގެ ނަތީޖާއެއްގެ ގޮތުން އެ ޕާޓީން މަގުމައްޗަށް ނުކުންނަށް ޖެހުނުކަމަށް ވިދާޅުވެފައެވެ. އަދި މަގުމަތީގައި ކުރަންޖެހުނު އުނދަގޫ ތަޖުރިބާތަކުގެ ވާހަކައާއި އެމްޑީޕީގެ މެމްބަރުން ޖަލުތަކުގައި ހޭދަކުރަން ޖެހުނު ގޮތް ހިސާން ވަނީ ހަނދާން އައު ކުރައްވައިފައެވެ.
"އެއަށްފަހު އަޅުގަނޑުމެން އަނެއްކާވެސް ނުކުތީ މަގުމައްޗައް. އެކަމަކު އެއީ މާ ބިރުވެރި މަގުމައްޗެއް. ބިރުވެރިކަމާއި ނާމާންކަމުގެ ހާއްޔެއް. އެނާމާން މާހައުލުގައި އެދުވަހުގެ އަޅުގަނޑުމެން މަގުމަތީގައި ތިބީ ދިވެހި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން އެދުވަހު މަގުމަތީގައި ތިބީ އެމްޑީޕީއަށް ކުރާ އިތުބާރެއްގެ ސަަބަބުން ގައުމައް ތަރައްގީއާއި ހަމަޖެހުން ހޯދުމަށް" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވިގޮތުގައި އެދުވަހު އެހާލުގައި އެޕާޓީގެ މެމްބަރުން މަސައްކަތްކުރީ ގައުމަށްޓަކައި ޤައުމުގެ މަސްލަހަތައްޓަކައި ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ހޯދައި ދިނުމެވެ. އަދި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައި ދިނުމަށާއި ހާސްކަމާއި ބިރުވެރިކަމުން ސަލާމަތް ކުރުމަށެވެ.
އެމްޑީޕީން މިރޭ ވެލިދޫގައި ބޭއްވި މިހާއްސަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ދައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.