Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީސް ގެންދަވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރައްވަމުން: ޓްރާންސްޕޭރެންސީ

ރައީސް ގެންދަވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރައްވަމުން: ޓްރާންސްޕޭރެންސީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެމްޕެއިން ކުރުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާކަން ފާހަގަކޮށް އެކަން އެގޮތަށް ނުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ. ޓްރާންސްޕޭރެންސީ މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ހޭޝްޓެގުތައް ހިމެނައިގެން އެ ކެމްޕޭނަށް ހިތްވަރު ލިބޭ ގޮތަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ވެރިފައިޑް ޓްވިޓާ އެކައުންޓުން ޓްވީޓު ކުރުން ކުށްވެރިކުރާ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން އެއްވެސް ސިޔާސީ ޕާޓީއެއްގެ ބޭނުމަށް ނުވަތަ ފައިދާއަށް ދައުލަތުގެ އެއްވެސް މުދަލެއް ބޭނުން ނުކުރެވޭނެކަން ޓްރާންސްޕޭރެންސީ އިން ފާހަގަކުރި އެވެ. އަދި މިކަން މިގޮތަށް ކުރުމަކީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލި، ވޯޓުލާ ފަރާތްތަކަށް ނުފޫޒުން އެއްކިބާވެ، މިނިވަންކަމާ އެކު ކެންޑިޑޭޓެއް ހިޔާރުކުރުމުގެ ހައްގަށް ބުރޫ އަރާ ކަމެއް ކަމަށްވެސް އެޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
"މިފަދަ މައްސަލަތަކަކީ 2008 އިން ފެށިގެން ބާއްވަމުންދާ ހުރިހާ އިންތިހާބެއްގައި ވެސް ފާހަގަވަމުންދާ ކަންކަން. އެކަންކަން ހައްލުކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އިދާރާތައް ޒިންމާދާރު ކުރުވުމަށް މިޖަމިއްޔާއިން މިދަނީ ވަކާލާތު ކުރަމުން" ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިތުރަށް ބުނީ އިންތިހާބުވާ ކޮންމެ ސަރުކާރަކުންވެސް ދެނީ މިކަންކަމަށް ބީރު ކަންފަތެއް ކަމަށެވެ. އަދި ސަރުކާރުގައި އޮންނަ ފަރާތްތަކުން ނިވަން އިންސާފުވެރި އިންތިހާބީ މާހައުލެއް ގާއިމުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރަން ފަސްޖެހޭ ކަމަށްވެސް ބުންޏެވެ. މި ސަރުކާރު ވެސް އިންތިހާބުވީ ކޮރަޕްޝަނަށް އެއްވެސް ވަރެއްގެ ދޫދިނުމެއް ނުދީ ކޮރަޕްޝަން ނައްތާލުމުގެ ވައުދާ އެކު ކަމަށްވީ ނަމަވެސް އެގޮތަށް އަދި އަމަލު ކުރެވިފައި ނުވާ ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިސަރުކާރު އައި ފަހުން ބޭއްވުނު ކޮންމެ އިންތިޙާބެއްގައިވެސް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާކަން އެޖަމިއްޔާއިން ފާހަގަކުރި އެވެ. ރައީސް ޞާލިހު ރަސްމީ ދަތުރުފުޅުތަކުގައި މަޝްރޫއުތައް އިފްތިތާހު ކުރުމަށް ކަމަށް ވިދާޅުވެ ރަށްރަށަށް ވަޑައިގެންވެސް އެމްޑީޕީ ޕްރައިމަރީއަށް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އަނެއްކޮޅުން ދައުލަތުގެ މީޑިއާގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ގެންދަނީ ރައީސް ޞާލިހަށް ކެމްޕެއިން ކޮށްދިނުމަށް އެކި ކަހަލަ ޝިއާރުތައް ބޭނުންކޮށްގެން ޕޯސްޓުތައް ދޫކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް