މުނިފޫހިފިލުވުން ދިވެހި ސިނަމާ

މިމަހު ހުޅުވަން އުޅުނު އޮލިމްޕަސް ނުނިމޭތީ ހުޅުވުން އަނެއްކާވެސް ފަސްކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މިހިނގާ ޖެނުއަރީ މަސް ތެރޭގައި ހުޅުވާނެކަން އިޢުލާނު ކުރި އޮލިމްޕަސް ސިނަމާ ހުޅުވުން އަންނަ މަހަށް ފަސްކޮށްފިއެވެ.

Ads by Sosun Fihaara

ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާޓްސް މިނިސްޓްރީން ވަނީ މިމަހުގެ ތެރޭގައި އޮލިމްޕަސް ހުޅުވާނެކަން އިޢުލާން ކުރައްވައިފައެވެ. އެއާއެކު، މިމަހު 15 އިން ފެށިގެން ސިނަމާގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކަށް ހޯލް ބުކް ކުރަންވެސް ހުޅުވައިލިއެވެ.

ރާއްޖޭގެ މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު އަލީ ސީޒަން ރޭ ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ސްކްރީން ޝޮޓެއް ވަނީ ހިއްސާކޮށްފައެވެ. އެ ސްކްރީން ޝޮޓުގައި ވަނީ އޮލިމްޕަސް ހިންގާ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) އިން ފޮނުވާފައިވާ އީމެއިލް އެކެވެ.

ސީޒަން އެދިފައިވަނީ މިމަހު ސިނަމާ ހޯލު ބުކް ކުރާށެވެ. އެހެންނަމަވެސް އެންސީއޭގެ މެއިލްގައި ބުނެފައިވަނީ ސީޒަން ހޯލު ބުކްކުރަން އެދުނު ތާރީޚަށް ސިނަމާގެ މަސައްކަތް ނުނިމޭނެ ކަމަށާއި، އެތަން ހުޅުވަން ނިންމާފައިވަނީ އަންނަ ފެބުރުއަރީ މަހުގެ ފަހުކޮޅު ކަމަށެވެ. އެހެންކަމުން އެދުނު ތާރީޚަށް ހޯލު ދޫކުރެވެން ނެތްކަމަށްވެސް އެ މެއިލްގައި ވަނީ ބުނެފައެވެ.

ޖެނުއަރީ މަހުގެ 15 އިން ފެށިގެން އޮލިމްޕަސް ބުކް ކުރަން ހުޅުވައިލިއިރު، އެތަނުގައި ފިލްމު އެޅުވުމުގެ އެންމެ ފުރަތަމަ ތާރީޚު ލިބޭނީ ޑާކް ރެއިން އެންޓަޓެއިންމެންޓަށެވެ. އެއީ އޮލިމްޕަސް ރިނޮވޭޝަނަށް ބަންދު ކުރިއިރު، އެ ޕްރޮޑަކްޝަން ހައުސްއިން ސިނަމާ ބުކް ކުރަން އެދި ފައިސާ ދައްކާފައިވާތީއެވެ.

ޑާކް ރެއިން އިން ވަނީ ފެބުރުއަރީ 6 ވަނަ ދުވަހު ފިލްމު "ބީވީމާ" އަޅުވާނެކަން އިޢުލާން ކޮށްފައެވެ. ބެލެވޭ ގޮތުގައި އެ ތާރީހުގެ ކުރިން އޮލިމްޕަސް ހުޅުވާނެއެވެ.

އޮލިމްޕަސް ހުޅުވަން ތައްޔާރުވަމުން ދާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް މުޅިން ސިނަމާ ބުކް ވާނެކަމަށް އޮތީ ބެލެވިފައެވެ. އެއީ މުޅި ޖުމްލަ 6 ފިލްމެއްގެ މަސައްކަތް މުޅިން ނިމި އަޅުވަން ތައްޔާރުވެފައި ވާތީއެވެ.

އޮލިމްޕަސް ދޫކުރުމުގެ އާޤަވާއިދުގައިވާ ގޮތުން 18 ދުވަހުގެ މުއްދަތަކަށް ހޯލު ބުކް ކުރާނަމަ ދުވާލަކަށް 3،000 ރުފިޔާގެ މަގުން އަގުގެ ދެބައިކުޅަ އެއްބައި ބުކިންގް ފީއެއްގެ ގޮތުގައި ދައްކަން ޖެހެއެވެ. އެއަށްވުރެއް ދިގު މުއްދަތަކަށް ސިނަމާ ބުކް ކުރާނަމަ ފުލް ޕޭމެންޓު ދައްކަން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!