ބޮލީވުޑް މުނިފޫހިފިލުވުން

ސޯޝަލް މީޑިއާގައި މީހުން ކޮންމެ އެއްޗެއް ކިޔަސް ފަރުވާލެއް ނެތް: ރަޝްމިކާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޕުޝްޕާގެ ބަތަލާ ރަޝްމިކާ މަންޑާނާ

ސޯޝަލް މީޑިއާގައި މީހުން ވާހަކަ ދައްކަނީ ޕަބްލިކް ފިގާއަކަށް ވީމައި ކަމަށާއި އެހެންވެ ކޮންމެ އެއްޗެއް ކިޔަސް އެކަމާއި ފަރުވާލެއް ނެތްކަމަށް ސައުތު އިންޑިއާގެ ބަތަލާ ރަޝްމިކާ މަންޑާނާ ބުނެފި އެވެ.

Ads by Sosun Fihaara

އުމުރުން އެންމެ 20 އަހަރުގައި ފިލްމީ ދާއިރާއަށް ނިކުމެ ބޮޑު މަގުބޫލުކަމެއް ހޯދި ރަޝްމިކާ އަކީ ސައުތު އިންޑިއާގެ އިތުރުން ބޮލީވުޑްގައިވެސް މިހާރު ހުރި އެންމެ ކުރިއަރަމުން އަންނަ އެއް ތަރި އެވެ. ހާއްސަކޮށް ނިމިދިޔަ އަހަރު ނިކުން "ޕުޝްޕާ" އަކީ އޭނާގެ ފިލްމީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ފިލްމީ ދާއިރާއަށް ފުރަތަމަ ނިކުމެ މީޑިއާ އާއި އާންމުންގެ ސަމާލުކަން ފުރަތަމަ ލިބުމުން ރަޝްމިކާއަށް ނަފްސާނީ ގޮތުން އުނދަގޫތަކެއް ކުރިމަތިވި އެވެ. އެހެންނަމަވެސް މަޑުމަޑުން އެކަންކަމަށް ހޭނި މީޑިއާތަކާއިއެކު ޑީލްކުރަން ރަޝްމިކާ ދަސްކުރި އެވެ.

ރަޝްމިކާގެ ކާމިޔާބު އެކްޓިންގް ކެރިއަރަށްވުރެއް ބޮޑަށް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ އިންޓަނެޓުގައި މިހާރުވެސް ވައިރަލްވެ އެވެ. މިކަމާއި އުނދަގޫ ވޭތޯ ރަޝްމިކާއާއި ސުވާލު ކުރުމުން އޭނާ ބުނީ ކުރިން ނަމަ އެކަމާ ވަރަށް އުނދަގޫ ވާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު އެފަދަ ހަބަރުތައް ލިޔަނީ ކީއްވެގެންކަން އިނގޭކަމަށް އޭނާ ބުންޏެވެ.

"އަހަރުމެންނަކީ ޕަބްލިކް ފިގާޒް. އެހެންވީމަ އާންމުންގެ ސަމާލުކަން އަހަރުމެންނަށް ހުއްޓެނީ. މީގެ 10 ވަރަކަށް އަހަރު ކުރިން އަހަރުމެން ބަލަން މީހުން ދަނީ ސިނަމާއަށް. އެކަމަކު މިހާރު ޕަޕަރާޒީން އަންނަނީ ސީދާ ގެއަށް. އެކަމަކު އެކަންކަމަށް މިހާރު ހޭނިއްޖެ" ރަޝްމިކާ ބުންޏެވެ.

އޭނާ ބުނީ މޮޅު ފިލްމެއް ކުޅެފިނަމަ އޭގެ ވާހަކަ އާންމުން ދައްކާނީ ރަނގަޅަށް ކަމަށެވެ. އެހެންނަމަވެސް އެހާ މޮޅު ނޫން ފިލްމެއް ކުޅުމުން އޭގެ ވާހަކަ ނުރަނގަޅު ގޮތްގޮތަށް ދައްކާނެކަމަށް ބުންޏެވެ. އެއް ފިލްމުން މުޅި ކެރިއަރު ނުހުއްޓޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރަނގަޅު ފިލްމު ކުޅެން މަސައްކަތް ކުރީމައި ރަނގަޅުވާނެކަމަށްވެސް ރަޝްމިކާ ބުންޏެވެ.

ރަޝްމިކާގެ ހަތަރު ފިލްމެއް މިއަހަރަށް ތާވަލުކުރެވިފައި އެބަ އޮތެވެ. އެއީ "ވާރިސު"، "މިޝަން މަޖްނޫ"، "އެނިމަލް" ގެ އިތުރުން "ޕުޝްޕާ2: ދަ ރޫލް" އެވެ. އޭނާގެ އަމިއްލަ ދިރިއުޅުމާއި ގުޅޭގޮތުން މީޑިއާތަކުގައި މިހާރު އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކައަކީ ރަޝްމިކާއާއި ވިޖޭ ދެވަރަކޮންޑާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އެވެ. އެހެންނަމަވެސް މިކަން އެއްވެސް ސޯސްއަކުން ކަށަވަރެއް ނުވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!