ނޫސްވެރިން ފޮޓޯ ނަގާތީ، ޖަޔާ އަނެއްކާވެސް ރަތަށް
ބޮލީވުޑް މެގަ ސްޓާ އަމީތާބު ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަންގެ ފޮޓޯ ނަގާތީ އޭނާ ރުޅި އައިސްގެން ހަޅޭއްލަވައިފިއެވެ.
ޕަޕަރާޒީންގެ އުނދަގޫ ބޮޑުވެ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޖަޔާ ވަނީ މީޑިއާތަކުގެ ކުރިމަތީގައި ހަޅޭއްލަވައިފައެވެ. އޭނާ ބުނާ ގޮތުގައި އޭނާ ތަންތަނަށް ގޮސް ހަދާއިރު އާންމުންނެކޭ އެއްފަދައިން ޕްރައިވެސީ ލިބެން ޖެހޭނެއެވެ. އެހެންނަމަވެސް އިންޑިއާގައި ސެލެބްރިޓީން ދާ ކޮންމެ ތަނެއްގައި ޕަޕަރާޒީން ފާރަލައެވެ.
ޖަޔާއާއި އޭނާގެ ފިރިމީހާ އަމީތާބު އިއްޔެ އެއާޕޯޓުން ނިކުންނަނިކޮށް މީޑިއާތަކުން ވަނީ އެ ދެމީހުންގެ ފޮޓޯއާއި ވީޑިއޯ ނަގަން އެ ސަރަހައްދަށް ގޮސްފައެވެ. ބައެއް ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި އާންމު ވެފައިވާއިރު، ޖަޔާ ރުޅިއައިސްފައި ހުންނަ މަންޒަރު ފެނެއެވެ.
ފުރަތަމަ ނޫސްވެރިން ޖަޔާގެ ފޮޓޯ ނަގަން ފެށުމުން އެކަން ނުކުރުމަށް އެދުނެވެ. އެެހެންނަމަވެސް ފޮޓޯ ނެގުން ނުހުއްޓުމުން ޖަޔާ ރުޅި އައިސްގެން ހަޅޭއްލަވައެވެ. ވީޑިއޯގައި ފެންނަ ގޮތުގައި އޭނާ ރުޅި އައިސްގެން "އެކަހަލަ މީހުން ވަޒީފާއިންވެސް ވަކިކުރަން ޖެހޭ" ކަމަށް ބުނެއެވެ.
ޖަޔާ ހަޅޭއްލަވާ ވީޑިއޯ އާންމުވުމުން ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަނެއްކާވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން ޕަޕަރާޒީންގެ ޝައުގުވެރިކަން ހުރީ ޖަޔާއަށް ނޫން ކަަމަށާއި ސަމާލުކަން ހުއްޓިފައިވަނީ އަމީތާބަށް ކަމަށް މީހުން ބުންޏެވެ. ބައެއް މީހުން ބުނީ ޖަޔާއަކީ މީހުން ފޮޓޯ ނަގައިގެން ބަލާވަރުގެ މީހެއް ނޫންކަމަށެވެ.
މީގެ ކުރިން ބައެއް ނޫސް ކޮންފަރެންސްތަކުގައިވެސް ޖަޔާ ވަނީ ރުޅި އައިސްގެން މީޑިއާތަކަށް ހަޅޭއްލަވައިފައެވެ. މިފަދަ ކަންކަމާއި ގުޅިގެން އެތައް ފަހަރަކު އޭނާ ހޫނު ފެނަށްވެސް ވެއްޓުނެވެ.