އަނެކުންގެ ދިރިއުޅުމަށް ވިހަލާން އުޅޭ މީހުންނާ މެދު ހައިރާންވެއެވެ.
އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުން ފެންނަ ނުރަނގަޅު އެއް ސިފަ އަކީ އަނެކުންގެ ދިރިއުޅުމާއި ބެހެން އުޅުމެވެ. މީހަކު އުފަލުގައި އުޅޭ ނަމަ އެކަމާ ހަސަދަވެރިވެ އެގޮތް ބަދަލުވާން އެދުމެވެ.
ދެމަފިރިއަކު ނުވަތަ ދެ ލޯބިވެރިން އުފަލުގައި އުޅޭތަން ފެނުމުން އެކަން ހަޖަމް ނުވާ މީހުން ބައިވަރެވެ. އެ ހިސާބުން އެވީ އެދެމީހުންގެ ދޭތެރެއަށް ކޮންމެވެސް އެއްޗެކޭ ކިޔާ ވަދެ ގަންނާނެވެ. އަދި ކޮންމެވެސް ގޮތަކުން އެ ދެމީހުން ދުރު ކުރެވޭތޯ އަތުކުރި އޮޅާލާ މަސައްކަތް ފަށާށެވެ.
ސުވާލަކީ އެގޮތަށް ކަންތައް ކޮށްގެން އެ މީހަކަށް ވަނީ ކޮން ފައިދާ އެއް ބާވައެވެ. ނުވަތަ ލިބެނީ ކޮން އުފަލެއް ބާވައެވެ؟ އަނެކާގެ ދިރިއުޅުން ހަލާކު ކޮށްލައި އުފާވެރިކަން ނަގާލައިގެން އުފަލެއް ލިބޭނަމަ އެމީހެއްގެ އޮންނަނީ ހިތެއްތޯ ނުވަތަ ހިތް އޮންނަންވާ ތަނުގައި ހިލަ ގަނޑެއްތޯ ވެސް ސުވާލު އުފެދެއެެވެ.
އަނެކާއަށް ހިތާމަައެއް ދިނުމަށްފަހު އުފަލުގައި ނޫޅެވޭނެ ކަމަށް ބުނާ އަޑު ވަރަށް ގިނައިން އަހަމެވެ. އަދި ހަމަ އެހެންމެ ލޯކުރިމަތީގައި އެފަދަ އެތައް ކަމެއް ތަޖުރިބާ ކުރެވިފައި ވެސް އެބަހުއްޓެވެ. އެހެންކަމުން އަނެކާގެ އުފާވެރިކަން ނަގާލައި ދިރިއުޅުން ބަރުބާދު ކޮށްލައިގެން އުފާވެރިކަން ހޯދޭނެ ކަމަށް ވިސްނުމަކީ ކުރެވޭ ވަރަށް ބޮޑު ކުށްހީއަކަށް މެނުވީ ނުވާނެއެވެ.
ގަބޫލު ކުރަން ބޭނުން ނުވިޔަސް މިއީ ބަދަލު ކުރެވެން ނެތް ހިތި ހަގީގަތެވެ. އަނެކުންގެ އަގު ވައްޓާލުމަށްޓަކައި މީސްމީޑިއާގެ ތެރޭގައި ފާޑުފާޑު ޕޭޖުތައް ހަދައިއަދި އެމީހުންގެ “މީމް” ތައް ހެދުމަކީ އާންމު ކަމަކަށް ވެއްޖެއެވެ. މީސްމީޑިއާގައި އަދި އެނޫން ވެސް ގޮތްގޮތުން އަނެކާއަށް ހަނގާ ކުރުމަކީ އަޅުގަނޑުމެންގެ ކުޑަކުޑަ މުޖުތަމައުގައި “ނޯމަލް” ކަމަކަށް ވެއްޖެއެވެ.
އަނެކާއާއި މެދު ހަސަދަލައި ޒާތީ ގޮތުން ޖައްސާލައި ހަގީގަތެއް ނެތް އެތައް ވާހަކަ ތަކެއް އޭނާއާއި މެދު ދެއްކުން ވެސް މިއަދު އާންމު ކަމަކަށް މިވަނީ ވެފައެވެ. ނަމަވެސް އެމީހަކީ ރަނގަޅަށް ބަލާލާއިރު ތިމާއާއި ވާ ބެހޭ މީހެއްވެސް ނޫނެވެ. މީހަކު ހައިރާނެއް ނުވާނެ ހެއްޔެވެ؟
އަޅުގަނޑުގެ ހިތަށް އަރައެވެ. އަނެކުންގެ ދިރިއުޅުމާއި ކުޅެ އަނެކުންގެ ދިރިއުޅުމަށް ވިހަ ލުމަށްވުރެ ފައިދާ ހުރި ކަމެއް ކުރަން މިވެރިންނަށް ނޭނގެނީ ބާވައެވެ. އަނެކާގެ އުފާތައް ފޭރި ގަތުމަކީ ފޫހި ވެފައިވާ މި މީހުންގެ ފޫހި ފިލާ ކަމަކަށް ވަނީ ބާވައެވެ.
މިހެން މީހުންގެ ދިރިއުޅުމަށްވަދެ މީހުންގެ ދިރިއުޅުމަށް ވިހަލައި އުޅެނިކޮށް މީހަކު ތިމާ އަނެކާއާ ދޭތެރޭ ކަންކުރި ބީދައިން ކަންތައް ކޮށްފި ނަމަ ވާނެ ދެރަ އެދުވަހަކުން ތިމާއަށް އެނގޭނެއެވެ. ގަދަ ކަނޑެއްގައި ރާޅު ތަކާއި ހަނގުރާމަ ކޮށް އޮޑިއެއް ދުއްވުމުގެ އުނދަގޫ ކަމާއި އެކަމުގެ ބިރުވެރިކަން އެނގޭނީ އެއޮޑިއެއްގެ ކައްޕިކަމާ ހަވާލުވެ ހުންނަ މީހަކަށެވެ. ގޭގައި ފޯނު ހިފައިގެން “ސްޓޭޓަސް” ޖަހަން އޮންނަ މީހަކަށް ނޫނެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ ތިމާއަށް ވެސް އެހެން މީހަކު ތިމާގެ ދިރިއުޅުމަށްވަދެ ތިމާގެ ދިރިއުޅުމަށް ވިހަ ލާން އުޅެފި ނަމަ އެކަމުގައި ހުރި ހިތާމަ އެނގޭނެއެވެ.
މީހަކު ނުހަނު ބުރަ މަސަައްކަތުން އާރާސްތުކުރާ ދިރިއުޅުން ބިމާހަމައަށް ތިރިކޮށްލުމަށް ފަހު ތިމާގެ ދިރިއުޅުން އާރާސްތު ކުރަން ވިސްނުމަކީ ވަރަށް މޮޔަކަމެކެވެ. މިއީ ވިސްނައިފި ބަޔަކަށް އިބުރަތެއް ލިބޭނެ ކަންކަމެވެ.
މި ހަބަރު ލިޔުނު މީހާގެ މާމަ އާ އޭނަގެ ެާެާެއާއިލަލަލަލ އެރަށު މީހުންނަށް ސިހުރު ހަދައިގެން މީހުންގެ ދިރިއުޅުން ހަލާކު ކުރަން އުޅޭ ވާހަކަ ލިޔުނު ނަމަ މާ ފުރިހަމަވީސް މި ލިޔުން