ޝިއާގެ މަރު: އާދިއްތަ ދުވަހު ޝަރީޢަތް ފަށަނީ

ވަރަށް އަނިޔާވެރިކޮށް މަރާލައިފައި އޮއްވާ ފެނުނު، ޝިޢާއު މުޙައްމަދު (ޝިއާ) މަރާލި މައްސަލާގައި ދަޢުވާ އުފުލާފައިވާ އަލީ ޝާހިލްގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ޝަރީޢަތުގެ އަޑުއެހުން ބާއްވަން ހަމަޖެހިފައި ވަނީ ސިއްރުކޮށްގެންނެވެ. ޝަރީޢަތް ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމީ ދަޢުލަތުން އެކަމަށް އެދިފައިވާތީއެވެ.
ފ. ނިލަންދޫ ފިނިފެންމާގޭ ޝާހިލް، 23، ގެ މައްޗަށްް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށޫގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ކެނަބިސް ބޭނުންކުރުމުގެ ދަޢުވާއެވެ.
މީގެ އިތުރުން ވެސް ދެ ދަޢުވާއެއް އުފުލާފައިވެއެވެ. ނަމަވެސް އެ ދަޢުވާތައް ޕީޖީ އޮފީހުން ވަނީ ސިއްރުކޮށްފައެވެ.
އޮގަސްޓު މަހުގެ 6 ވަނަ ދުވަހުގެ ރޭ ހ. ޝީރީންވިލާގައި ޝިއާ މަރާލާފައި އޮއްވާ ފެނުނުއިރު، އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ވެސް ވަނީ ބުރިކޮށްފައެވެ.
މި މައްސަލާގައި ޝާހިލް ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން އޭނާ ހުރީ ބަންދުކޮށްފައެވެ.
ފުލުހުން ވިދާޅުވީ މިއީ ރާއްޖޭގައި މި ފަހުގެ ތާރީޚެއްގައި ހިންގި އެންމެ އަނިޔާވެރި އެއް މަރު ކަމަށާއި، މިހައިތަނަށް ބެލި ބެލުމުން ޝިއާގެ މަރުގައި ޝާހިލް ފިޔަވައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަން ތަހުޤީޤަށް ފާހަގަވެފައި ނެތް ކަމަށެވެ.