މިމަހު 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އެޕާޓީގެ ރޫހާއި ހިލާފު ކަންކަން ކުރަމުންދާކަމުގެ ތުހުމަތު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން މެނޭޖަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ކުރައްވައިފި އެވެ.
އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ވަރަށް ފޯރިއާއިއެކު ކުރިއަށް ދާއިރު ރައީސް ޞާލިހާއި ވާދަކުރައްވަނީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުންވެސް ގެންދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެމުންނެވެ.
މިއަދު ނާޝިޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ ތަކަކީ ވާދަވެރި ކެމްޕެއިންއެއް އަބަދުވެސް ކުރާ ބައެއް ކަމަށެވެ. އެހެންނަމަވެސް ދުވަހަކުވެސް ހަމަ ނުޖެހުން ނަގާލަން މަސައްކަތް ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު މިއަދު މި ފެންނަނީ ރައީސް އަށް ކެމްޕެއިން ކުރާ މީހުންނާއި ދިމާކޮށް މި އުސޫލުތަށް މުގުރާލާ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާތަން" ނާޝިޒު ވިދާޅުވި އެވެ.
ވަކި މީހެއްގެ ނަން ނުގެންނަވައި ނާޝިޒު ބަހުގެ ހަމަލާތައް މި އަމާޒު ކުރެއްވީ ރައީސް ނަޝީދު ފެކްޝަންގެ ބޭފުޅުންނަށްކަމަށް ބެލެވެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ރައީސް ޞާލިހާއި ގާތް ގުޅުމެއް އޮންނަ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އާއިލާއާއި މަގުމަތިން ދިމާކުރި މައްސަލައެއް ފެންމަތިވެ އެކަން އެގޮތަށް ނުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.
ސޯޝަލް މީޑިއާގައި ދެ ފެކްޝަންގެ އެކްޓިވިސްޓުންވެސް ދަނީ ޒާތީ ބައެއް ކަންކަމާއި ގުޅުވައިވެސް ބަހުގެ ހަމަލާތައް ދެމުންނެވެ. މިފަހަރުގެ ޕްރައިމަރީއަކީ އެމްޑީޕީގެ ތާރީހުގައިވެސް ބޭއްވޭ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ޕްރައިމަރީ އެވެ.
ނާޝިޒް ތިޔައީ ވަރަށް އަޚްލާޤްރަނގަޅު މަޑުމައިތިރި އަނގަމަޑުމިތުރެއްފަދަ ބޭފުޅެއް’ ރައީސައްޓަކައޭކިޔާފަ އަނގަގަދަމިތުރަކަށް ހަމަހިލާ ވިޔަނުދެއްވާތި.ސަލާމް