ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

އާރިޒްއަށް ބަލަން އިނދެ މެހެރީން ކުރި ކޮންމެ ސުވާލަކުން އޭނާގެ ހިތް ފިސްފިސްވެގެން ދިޔަކަހަލައެވެ. ހިތުގައި ވޭން އެޅީ ކެތްނުވާވަރަށެވެ. އެހައި ބޮޑު ހިތްދަތިކަމެއް މެހެރީން ބަރުދާސްތުކުރަމުން ގޮސްފާނެކަމަކަށް އޭނާ ކުޑަކޮށްވެސް ހީނުކުރެއެވެ. އެއިން ކޮންމެ ސުވާލަކަށް ހިމޭންކަމާއެކު ލޭކަރުނަ އޮހޮރޭ ހާލު އޭނާގެ ހިތް ދިޔައީ ޖަވާބުދެމުންނެވެ. ކޮންމެ ފަދަ ހާލަކުންވިއަސް އޭނާ މެހެރީން ބަލައިގަންނާނެކަމެވެ. އެހިތުގައިވި ލޯބި ބަދަލުނުވާނެކަމެވެ. ތެދުވެރި ލޯތްބަކީ އެއީ ނޫން ހެއްޔެވެ. އަނެކާ އަކީ ވެސް ތިމާފަދައިން ފުރިހަމަ މީހެއްނޫންކަން ދަތުމެވެ. އަނެކާގެ ކިބައިގައިވާ ހުރިހާ އުނި ސިފަތަކާއެކުވެސް ތެދުހިތުން ލޯބިވުމެވެ. ތެދުވެރި ލޯބި އެހުރިހާ އުނިކަމާއެކުވެސް އަނެކާ ބަލައިގަނެއެވެ. ފައުޅުވާ އެންމެ ހަގީގަތެއްގެ ސަބަބުން އެލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ. މެހެރީންދެކެ އާރިޒް ވަނީ އެފަދަ ލޯތްބެކެވެ. އެކަމަކު.. އާހް.. އެކަން މެހެރީނަށް އެނގޭނޭ ނަމައެވެ.

Ads by MWSC

"މެހެރް.. އަހަރެން މިދައްކާ ވާހަކަ ކަނުލާ އަޑުއަހާތި.." މެހެރީންގެ މޫނުގައި އަތްޖައްސައިލަމުން އޭނާއާ ދިމާއަށް އާރިޒް އަނބުރައިލިއެވެ. ކަރުނުން ބަރާވެފައިވި މެހެރީންގެ ދެލޯ އާރިޒްގެ ލޮލާ އަމާޒުވުމާއެކު އޭނާއަށް ހިންދިރުވައިލެވުނެވެ. އެފަދަ ވޭންދެނިވި ހާލެއްގައި މެހެރީން ވާތީ ދުވަހަކުވެސް ދެކެން ޖެހިދާނޭ އޭނާ ހިއެއްނުކުރެއެވެ. އެމޫނުމަތިން ހިނިތުންވުން ނޫން އެއްޗެއް ފައުޅުވެދާނެކަމަކަށް ހިތަށްވެސް ނާރައެވެ. ބަހެއްނުބުނެ އިރުކޮޅަކު އޭނާއަށް އިނދެވުނީ އެހެންވެއެވެ. އާރިޒްގެ މޫނަށް ނަޒަރު ހުއްޓައިލިގޮތަށް ހަރަކާތެއްވެސް ކޮށްނުލައި މެހެރީން އިނެވެ. އާރިޒް ބުނަން އުޅޭ އެއްޗަކާއިމެދުގައި ޝައުގުވެރިވެފައި އިން ކަހަލައެވެ. ދެމެދަށް ވެރިވެފައިވި ހިމޭންކަން ނެތެމުންދިޔައީ މަޑުމަޑުން މެހެރީންގެ އަނގައިން ނުކުންނަމުންދިޔަ ގިސްގެއަޑުންނެވެ. ހަށިފުރާލީ ފުންނޭވާއާއެކު މެހެރީނާ ކުރިމަތިލާން އާރިޒް ތައްޔާރުވެލި ފަދައެވެ. ލަސްލަހުން ކަރުނުން ތެމިފައިވި ކޯތާފަތް އޭނާ ފުހެލައިދިނެވެ. އާރިޒްގެ އެއަމަލުން ކުއްލިއަކަށް މެހެރީންގެ ހިތުގެ ހިނގުން އަވަސްވީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. ހަށިގަނޑުގައި އާދަޔާ ޚިލާފު މަޑު ތުރުތުރެއް އުފެދިގެން އައެވެ. އެތެރަށްލީ ނޭވާވެސް ހިނދުކޮޅަކަށް ތާށިވީފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. މިއީ ދުވަހަކުވެސް އޭނާއަށް ކުރެވުނު އިހުސާސުތަކެއް ނޫންކަން ގައިމެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު އާރިޒް ވާހަކަދައްކަން ފެށީ އެވަގުތުއެވެ.

"މެހެރް.. ދަރިން ނުލިބުމަކީ މެހެރްގެ ކިބައިގަ ހުރި އުނިކަމެއް ކަމުގަ ނުދެކޭ.. މެހެރް ބުނިހެން އެއީ އަހަރެމެން އިންސާނުންގެ ބާރުގެ ދަށުގަވާ ކަމެއްނޫން.. އަހަރެމެންނަށް ރިޒްޤު ދެއްވަނީވެސް، އަދި ނިޢުމައްތައް މިންވަރުކޮށްދެއްވަނީވެސް އަހަރެމެން ހެއްދެވި ފަރާތުން.. އެކި އަޅުންނަށް ނިޢުމަތް ދެއްވާނީ އެކި ގޮތަށް.. ބައެއް ފަހަރު އަހަރެމެން އަތުން ބީވެދާ އެއްޗަކީވެސް ނިޢުމަތަކަށް ވެދޭ.. ކޮންމެ ކަމެއްގެ ފަހަތުވެސް ކޮންމެވެސް ހެޔޮކަމެއްވާނޭ ބުނާތީ އަޑުއަހަންތަ.. އަހަރެމެންނަށް ނޭނގުނަސް އަހަރެމެންނަށް ކުރިމަތިވާ އިމްތިހާނުތަކުގެ ފަހަތުގަ އަހަރެމެންނަށްޓަކާ އެތައް އެތައް ހެޔޮކަމެއް ފޮރުވިފަވާނެކަން ޔަގީން.. ކެތްތެރިވާން ޖެހެނީ އެހެންވެ.. ﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކު.. އެކަކަށް ނޭނގުނަސް ތިހުގެ ހާލު މާތް ރަސްކަލާނގެ ދެނެވޮޑިގެންވޭ.. އެކަލާނގެއަށް އެއްވެސް ކަމެއް ސިއްރުވެގެންނުވޭ މެހެރް.. އަހަރެމެންނަށް ދަތިވާކަންތަކާ، ހިތް އެދޭ ކަންތަކަށް އެދި މާތްރަސްކަލާނގެ ހަޟްރަތުގަ ތަކުރާރުކޮށް ދަންނަވަންވީ.. ގިނަގިނައިން އެކަލާނގެއަށް ދުޢާކުރާ އަޅުންދެކެ އެކަލާނގެ ލޯބިވެވޮޑިގެންވޭ.. އެއްވެސް އަޅަކަށް ﷲ ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ.. އަދި ނުއުފުލޭވަރުގެ ބުރައެއްވެސް ނުޖައްސަވާނެ.. އެހެންވީމަ އެހެންމީހުން ކިޔާހާ އެއްޗަކާމެދު ވިސްނާ އަމިއްލަ ނަފުސު ނިކަމެތިކޮށްނުލާ.. ހާލަތު ބަދަލުވެދާނެ ހަމަ ކޮންމެ ވަގުތަކުވެސް.. އަހަރެން ދަންނަ މެހެރް އަކީ ހިތްވަރުގަދަ ކުއްޖެއް.. ކެރޭ ކުއްޖެއް.. އަދި އެހާމެ ކެތްތެރިކުއްޖެއް.. ކޮންމެ ކޮންމެ މީހަކަށް ތިފަދަ ހިތާމަތަކެއް ނުއުފުލޭނެ.. އެތެރެއިން ހިތް ރޯ ހާލު ހިނިތުންވުމަކީ ކިހާ އުނދަގޫކަމެއްކަން މެހެރްއަށް އެނގޭތަ.. ކިހާ ހިތްވަރުގަދަ މީހަކަށް ކުރެވޭނެކަމެއްކަން ވިސްނޭތަ.. އެހެންމަ މެހެރް ބަލިކަށިވެފަ ކޮބާ.. ޑޯންޓް ލެޓް ޔޯ ފްލޯސް ޑިފައިން ޔޫ.. ކޯޒް ޔޫ އާރ މޯރ ދޭން ދެޓް.." އޯގާތެރިކަމާއެކު ނުހަނު ލޯބިން ހިނިތުންވެލަމުން އާރިޒް ވާހަކަދެއްކީ ކުޑަކުއްޖަކާ ވާހަކަދައްކާ ފަދައިންނެވެ. އާރިޒްގެ ކޮންމެ ޖުމުލައެއް މެހެރީންގެ ހިތުގެ އެންމެ ހިމަނާރާ ހަމައަށް ވާސިލްވިއެވެ. ހިތް ތެޅެންފެށީ މިއިން ދުވަހަކުވެސް ނުތެޅޭފަދަ ގޮތަކަށެވެ. އެއީ ދުވަހަކުވެސް މީހެއްގެ ފަރާތުން އިވިދާނެކަމަށް މެހެރީން އުއްމީދުވެސް ކުރިފަދަ ވާހަކަތަކެއް ނޫނެވެ. އެންމެ ގާތް އެކުވެރިންނަށްވެސް އޭނާގެ ހާލެއް ނުވިސްނުނެވެ. ވީއިރު އާރިޒް އެހައި ފަސޭހައިން އޭނާގެ އިހުސާސުތައް ދެނެގަތީތީ މެހެރީން ހައިރާންވިއެވެ.

"ބައެއްފަހަރު އަހަރެމެން ހިތްއެދޭ ކަމަކީ ވުމަށްވުރެ ނުވުން ގާތްކަމެކޭ ހީވެދާނެ.. އެއީ ވުން ނާދިރުކަމެކޭވެސް ހީވެދާނެ.. އެކަމަކު އެއްވެސް ކަމަކީ އަހަރެމެންގެ ވެރިރަސްކަލާނގެއަށް ފުރިހަމަނުކުރެވޭނެ ކަމަކަށް ނުވޭ.. ކޮންމެ ކަމަކަށްވެސް ﷲ ކުޅަދުންވަންތަވެ ވޮޑިގެންވޭ.. ހިތް އެދޭ ކިތަންމެ ކުޑަކަމަށްވެސް އެދި އެކަލާނގެ ހަޟްރަތުން ދަންނަވަންވީ އެހެންވެ.. ކޮންމެ ނަމާދަކަށްފަހު، އަދި ގިނަ ގިނައިން ދުޢާ އިޖާބަކުރެއްވޭ ވަގުތުތަކު ތިހިތް އެދޭ ކޮންމެ ކަމަކަށް އެދި ﷲ ގެ ހަޟްރަތުގަ ދުޢާކުރޭ މެހެރް.. އެކަލާނގެ މެހެރްގެ އެދުން ފުއްދަވާދެއްވާނެކަން ޔަގީން.. އުއްމީދު ގެއްލުވާނުލާ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މެހެރް އެދޭ ކަންތައް ފުރިހަމަވާނެ.." މެހެރީންގެ ބޮލުގައި ފިރުމައިލަމުން އާރިޒް ބުންޏެވެ. ދުލުން ބޭރުވި ބަސްތަކުން ޚުދު އޭނާގެ ހިތަށްވެސް އަސަރުކޮށްފިކަން ގައިމެވެ. މެހެރީންއާއި އޭނާއާ ދެމެދަށް ކިތަންމެ ބޮޑު ހުރައެއް އައި ނަމަވެސް އޭނާގެ ފަރުވާލެއްނެތެވެ. އެހިތް ފިސްފިސްވެ ކުދިކުދިވިޔަސް ހެވެވެ. އޭނާއަށް މުހިންމީ މެހެރީންގެ އުފައުވެރިކަމެވެ. އުފަލުން އަބަދުވެސް މެހެރީން ހިނިތުންވެފައިވާތީ ދުށުމަށް އެދެވޭތީއެވެ.

އާރިޒްގެ ކޮންމެ ޖުމުލައަކުން މެހެރީންގެ ހިތުގައި ނޭނގޭ ހައިޖާނުގަނޑެއް އުފެއްދިކަހަލައެވެ. ގައިން ހީބިހި ހިލިގެން އައީ ބަސްބުނާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. މައިންބަފައިންވާ ވަކިވެގެން އައި ފަހުން އެފަދަ ގޮތަކަށް އެއްވެސް މީހަކު އޭނާއަށް ނަސޭހަތްތެރިވެފައެއް ނެތެވެ. ހަގީގަތަކީ ރަޒާންއާ ކައިވެނިކުރިފަހުން އޭނާއަށްވެސް މަޑުމަޑުން ދީނީ ކަންކަމަށް ފަރުވާކުޑަކުރެވެމުން އައިކަމެވެ. އަމިއްލަ ރައްބާ ދުރުވެފައިވީ މިންވަރު އެހިނދު އޭނާއަށް އިހުސާސުކުރެވި ދެރަވިއެވެ. އާރިޒްއާ ނަޒަރު ވަކިކޮށްލަމުން މެހެރީން އިސްޖަހައިލިއެވެ. އާރިޒްގެ ވާހަކަތަކާމެދު އޭނާ ފުންކޮށް ވިސްނަމުން ދިޔައެވެ. އެއިން ކޮންމެ ބަހެއް އޭނާ ދިރިއުޅުމާމެދު ދެކޭގޮތް ބަދަލުކުރުވައިފިއެވެ.

"އާޒް ކީއްވެ އެންމެނާ އެހާ ތަފާތީ.." ލަސްލަހުން އާރިޒްއަށް ބަލައިލަމުން މެހެރީން ސުވާލުކޮށްލިއެވެ. އެސުވާލަށް ދޭނެ ޖަވާބެއް އާރިޒްގެ އަތަކު ނެތެވެ. ހިނިތުންވުމަކުން އޭނާ ފުއްދައިލީ އެހެންވެއެވެ. އެހިނދު ފަނޑު ހިނިތުންވުމެއް މެހެރީންވެސް ބަދަލުކޮށްލިއެވެ. ބުނެދޭން ނޭނގުނަސް ދެމީހުން ދެމެދު ކޮންމެވެސް ކަމެއް ބަދަލުވެއްޖެ ކަމުގެ އިހުސާސު މެހެރީނަށް ކުރެވެމުންދިޔައެވެ. އާރިޒްއަށް ބަލަންއިންއިރު އެތައް ދުވަހަކަށްފަހު އެހިތް ހިނިތުންވެލިއެވެ.

ރޭގަނޑުގެ ސަލާމް ކުރުމަށްފަހު އާރިޒްއާ ވަކިވެ ކޮޓަރިއާ ހަމައަށް އައި އިރުވެސް މެހެރީންގެ ސިކުނޑީގައި އެނބުރެމުންދިޔައީ އާރިޒްގެ ވާހަކަތަކެވެ. އެއަޑުގައިވި އޯގާތެރިކަމާ ގާތްކަމެވެ. ބަޔާންކުރުމަށް ނުކުޅެދޭފަދަ އިހުސާސުތަކަކާއެކު އެހިތުގެ ހިނގުންވީ އަވަސްވެފައެވެ. އާރިޒްގެ ސޫރަ ދެލޯކުރިމަތިން ސިފަވުމާއެކު މެހެރީނަށް ހިނިތުންވެވުނީ ކީއްވެކަމެއް ނުވިސްނުނެވެ. ކުދި ފިޔަވަޅުތަކެއްގައި އޭނާ އައިސް ކޮޓަރިއަށް ވަންނަމުން ދޮރުލައްޕައިލިއެވެ. އަދި ދޮރުފަތުގައި ލެގިލަމުން ދެލޯ މަރައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.

"އާޒް.. ކީއްވެ ތިހާ ތަފާތީ.. ކީއްވެ އަހަންނަށް ތިހާ ރަނގަޅީ.. އާޒްގެ ތި ހެޔޮކަމުން އަހަރެންގެ ހިތް އެހެން މިސްރާބަކަށް ދާން އުޅޭކަހަލަ.. އެހެން ނަޒަރަކުން އާޒްއާމެދު ދެކެވެން އުޅޭހެން ހީވަނީ.. ނޫން ނޫން.. މީ އަދި ރަނގަޅު ވިސްނުމެއްނޫން.. އެކަމަކުވެސް.. ކީއްވެތަ އަހަންނަށް މިއިހުސާސުތައް ނުހުއްޓުވިގެން މިއުޅެނީ.. އާޒްގެ ނަން ހިތަށް އެރިޔަސް އެހިތް އެހެން ގޮތަކަށް ތެޅިގަންނަނީ ކީއްވެ.. ހިތުގެ މައްޗަށް އަހަރެންގެ އެއްވެސް ބާރެއް ނެތްފަދަ.. އާޒް.. ވަޓް ޑިޑް ޔޫ ޑޫ ޓު މީ..." މަޑުމަޑުން އަވަސްވެފައި ހިތާ ދިމާލުން މޭގައި މެހެރީނަށް ފިރުމައިލެވުނެވެ. ލުއިގޮތަކަށް އޭނާ ހިނިތުންވެލިއެވެ. ކުރެވެމުންދިޔަ އައު އިހުސާސުތަކާމެދު ވިސްނަންވީ އެއްޗެއް އޭނާ އަކަށް ހަގީގަތުގައިވެސް ނޭނގުނެވެ. ލަދުރަކި ގޮތަކަށް ހިނިއައިސްފައި ހުރެ މެރިފައިވި އެސްފިޔަތަށް މެހެރީން ހުޅުވައިލިއެވެ. އެހިނދު ދިރިއުޅުމުގެ ހިތި ހަގީގަތް، އެމޫނުގައި ހޫނުގަދަ އެތިފަހަރެއް ވިހެލިކަހަލައެވެ. ދެލޯ އަމާޒުވެފައިވީ އެނދުގެ އެއްފަރާތުގައި ނިދިފައި އޮތް ފިރިމީހާއަށެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި މެހެރީންގެ މޫނުމަތީގައި ރަސްކަންކުރަމުންދިޔަ ހިނިތުންވުން ފިލައިފިއެވެ. ހުވަފެނީ އާލަމަކުން އޭނާއަށް ހޭލެވުނުފަދައެވެ. ކުރެވެމުންދިޔައީ ބޭކާރު ޚިޔާލުތަކެއްކަން ވިސްނުނީއެވެ. މީހެއްގެ އަނތްބެއްގެ މަގާމުގައިހުރެ ކޮށްގެންވާނެ ކަމެއްނޫންކަން ޟަމީރު ބުނެލިއެވެ. ތުންފިއްތައިލަމުން މެހެރީން އިސްޖަހައިލިއެވެ. އެހިނދު ހިތާމައިގެ ކުލަވަރު އަނެއްކާވެސް އެކުޑަ މޫނުމަތިން ފައުޅުވެއްޖެއެވެ.

* * * * *

އަތުގައި އޮތް ކާޑުކޮޅަށް ބަލަހައްޓައިގެން ލީމް އިނީ ދެޚިޔާލެއްގައެވެ. ދާމިންއަށް މެސެޖް ކުރުމާމެދު އޭނާ ވިސްނަމުންދިޔައެވެ. ހިތް އެދިގޮވަމުން ދިޔައީ ދާމިންއަށް ފުރުސަތެއް ދިނުމަށެވެ. ނޭނގި ނަމަވެސް އެހިތުގައި ދާމިންގެ ސޫރަ ވަކިހިއްޕައިލައިފިއެވެ. އެސޫރަ ހިތުން ފުހެލުން ދަތިވެއްޖެއެވެ. ތުންފަތުގައި ދަތް އަޅައިލައިގެން ވިސްނަން އިނުމަށްފަހު އެންމެ ފަހުން ފޯނު ނަގައި މެސެޖް ބައި ހުޅުވައިލަމުން ދާމިންގެ ނަމްބަރު ޖަހައިލިއެވެ. ހިތްއަވަސްވެފައި އިންފަދައަކުން އޭނާ ނިކަން އަވަހަށް ދާމިންއަށް މެސެޖެއް ލިޔެ ފޮނުވައިލިއެވެ. ސްކްރީނަށް ނަޒަރު ހުއްޓައިލައިގެން ލީމްއަށް އިނދެވުނީ ނޭވާ ހިފަހައްޓައިލައިގެނެވެ. ދާމިންގެ ޖަވާބު އަންނާނެ ގޮތަކާމެދު އޭނާ އަށް ޚިޔާލުކުރެވެމުން ދިޔައެވެ. ލޯބިވެތި ނަޒަރަކުން އެނދާ ކުރިމަތިވާނެހެން ހުރި ފާރުގައި އަޅުވައިލައިފައި އޮތް މާބޮނޑިއަށް ލީމް ބަލައިލިއެވެ. ރީތި ވަރަކަށް މައުތައް ހިކިފައި ހުއްޓެވެ. އެއާއެކު ކުރިން ދުވަހުގެ ހަނދާންތަކުން ހިތް ފުރިގެން އައެވެ. ލުއި ހިނިތުންވުމެއް އޭނާގެ މޫނުމައްޗަށް ވެރިވިއެވެ. ނިވިފައިވި ސްކްރީން ދިއްލުނީ އެވަގުތުއެވެ. ސިއްސައިގެންދިޔަލެއް ބޮޑުކަމުން ލީމްއަށް ފުންމައިނުގަނެވުނީ ކިރިޔާއެވެ. އަވަސްވެފައިވި ނޭވާ ހަމައަކަށް އަޅުވައިލަމުން އެނދުގައި އޭނާ ހަމަޖެހިލިއެވެ. އަދި ފޯނު ހުޅުވައި ބަލައިލިއެވެ. ދާމިންގެ މެސެޖެއްކަން އެނގި އޭނާގެ ހިނިތުންވުން އިހުނަށްވުރެ ފުޅާވެލިއެވެ. ހިތުން މެސެޖްކިޔަމުން ދިޔަ ވަރަކަށް ލީމްގެ ކޯތާފަތަށް މަޑު ފިޔާތޮށިކުލައެއް ވެރިވަމުން އައެވެ. ލީމްގެ އިންތިޒާރުގައި އެތައް ވަގުތެއް ގުނިއްޖެކަމުގައި ދާމިން ބުނެފައި އޮތެވެ. ދޭނެ ޖަވާބަކާމެދު ވިސްނަން ލީމް އޮއްވައި އަނެއްކާވެސް ދާމިން މެސެޖްކޮށްލިއެވެ. ކީއްކުރަނީތޯ އަހައިފައެވެ. ނުހަނު ގަޔާވެފައި އޮވެ ދާމިންގެ މެސެޖަށް ލީމް ޖަވާބު ދިނުމަށްފަހު ފޮނުވައިލިއެވެ.

ނުނިދިފައި ލީމްގެ ޚިޔާލުތަކުގައި އޮއްވައި، އޭނާގެ ފަރާތުން މެސެޖެއް ލިބުންވީ ދާމިންގެ ހިތަށް ލިބުނު ނުހަނު ބޮޑު އުފަލަކަށެވެ. ގަބޫލުކުރަންވެސް އޭނާއަށް ދަތިވިއެވެ. ހަގީގަތުގައިވެސް އެއީ ލީމްތޯ އޭނާގެ ނަފުސާ ތަކުރާރުކޮށް ސުވާލުކޮށްލެވުނެވެ. އޭނާގެ ކާޑު ދިންފަހުން ހަފުތާއެއް ފާއިތުވެ ދިޔައިރުވެސް ލީމްގެ ޚަބަރެއް ނުވީތީ އޭނާ ހުރީ ހިސާބަކަށް މާޔޫސްވާގޮތްވެފައެވެ. އެހެނަސް ފަނޑުވެ ނިވެމުންދިޔަ އުއްމީދުގެ ހުޅުކޮޅު އައުވެއްޖެއެވެ. ލިބުނު ފުރުސަތު ގެއްލި ދާކަށް އޭނާ ނޭދެއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އެނދުގައި އޮށޯވެއޮތުންވެސް އޭނާއަށްވީ ދަތިކަމަކަށެވެ. ހެޑްބޯޑުގައި ލެގިލަމުން އޭނާ ފޯނަށް ނަޒަރުހުއްޓައިލިއެވެ. ކުޑަކުއްޖެކޭ ދާމިންއެކޭ ތަފާތެއް ނެތެވެ. އައު ކަމެއް އޭނާއަށް ދަސްވެގެން އުޅޭކަހަލައެވެ. ފޯނަށް ނަޒަރު ހުއްޓައިލައިގެން އިންއިރު ދޭތެރަކުން އަޑުވީއްލައި ހީގަނެއެވެ. އާދައިގެ ކުދިކުދި ވާހަކަތައް ދެމެދުގައި ދެކެވެމުން ދިޔައެވެ. ލީމްއާ ބެހޭގޮތުން އެނގެން ބޭނުންވާ އެކި ކަންކަމާމެދު ދާމިން ސުވާލުކުރަމުން ދިޔައެވެ. ދެކެވެމުންދިޔަ ވާހަކަތަކުން އެކަކު އަނެކަކާ ކުދި ކުދި ސަމާސާތައް ކުރެވެމުންދިޔަކަންވެސް ދެމީހުންކުރެ އެކަކަށްވެސް އިހުސާސުނުވެއެވެ. އެހައި ފަސޭހައިން ދެމީހުންގެ މެދުގައި އެކުވެރިކަމުގެ ގުޅުން ބަދަހިވެދާނެކަމަށް ކުޑަކޮށްވެސް ދާމިން ހީނުކުރެއެވެ. ލީމްގެ މިޒާޖު އޭނާއަށް ނުހަނު ކަމުގޮސްފިއެވެ. މަޑުން ހުރިނަމަވެސް ހަގީގަތުގައި އަނގަ ގަދަ ކުއްޖެއްތާއޭ އޭނާގެ ހިތަށް އެރިއެވެ. ދާމިންއަށް ނޭނގުނީ ލީމް ބޮޑުކަމެއް އޭނާއަށް ސިއްރުކުރަމުން ދިޔަކަމެވެ. އިރުކޮޅަކު މެސެޖްކުރަން އިނުމަށްފަހު ދާމިންގެ ޚިޔާލު ބަދަލުވާގޮތްވިއެވެ. ހިތަށް އެރި ސުވާލު ލިޔެލުމަށްފަހު އޭނާ ފޮނުވައިލީ ކެތްތެރިކަން ކުޑަ ގޮތަކަށެވެ.

ދާމިންގެ މެސެޖެއްގެ އިންތިޒާރުގައި އޮތް ލީމްއަށް ފޯނުގެ ސްކްރީން ދިއްލުނުތަންފެނި އަވަހަށް ހުޅުވައިލިއެވެ. އެއާއެކު އޭނާގެ ތުންފަތުގައިވި މައުސޫމު ހިނިތުންވުން ވަގުތުން ފިލައިފިއެވެ. ހިތްތެޅިގަތީ ޖެހިލުންވީވަރުންނެވެ. ކަންބޮޑުވުމާއި ހާސްކަން ހަފަރާތުން އޭނާ ވަށައިލިކަހަލައެވެ. ތުންފަތުގައި ދަތްއަޅައިލެވުމާއެކު ލީމްއަށް ހިންދިރުވައިލެވުނެވެ. އަތުގައި މަޑު ތުރުތުރެއް އުފެދިފައިވީކަންވެސް އޭނާއަށް ރެއަކާނުލައެވެ.

"ގުޅާލިއަސް އޯކޭ ތަ.. ތިއަޑު އަހާލާހިތްވޭ ވަރަށް.." ތަކުރާރުކޮށް ދާމިންގެ މެސެޖް އޭނާއަށް ކިޔެމުންދިޔަ ނަމަވެސް އެމެސެޖަށް ދޭނެ ޖަވާބެއް ލީމްއަކަށް ނޭނގުނެވެ. ވާހަކަދެއްކުމަށް ނުކުޅެދޭ ކުއްޖަކަށްވީއިރު، ދާމިންއަށް ގުޅައިގެން އޭނާ ވާހަކަދައްކާނީ ކޮންފަދައަކުންހެއްޔެވެ. ކުޑަ ހިނދުކޮޅަކަށް ލިބުނު އުފައުވެރިކަންވެސް ފިލައިގޮއްސިއެވެ. ކުޑަކޮށްވެސް އެކަމާމެދު ލީމްއަށް ވިސްނައިނުލެވުނީ ކީއްވެހެއްޔެވެ. ދެލޮލަށް ޖަމާވި ކަރުނަތަކާއެކު ފުންނޭވައެއް ދޫކޮށްލަމުން ލީމްއަށް ދެލޯފިއްތައި ބާރުކޮށްލެވުނެވެ. އަމިއްލަ ނަސީބާމެދު އެހިތް ޝަކުވާކޮށްލިއެވެ. ދާމިންއަށް ހަގީގަތް ހާމަކުރަންވީ ބާއެވެ؟ އެކަމަކު އޭރުން ދާމިން އޭނާއާ މެދު ދެކޭގޮތް ބަދަލުނުވާނެ ބާއެވެ؟

(ނުނިމޭ)

* * * * *

ނޯޓް: ވާހަކަ ގެނެސްނުދެވި ގިނަދުވަސްތަކެއް ލަސްވީތީ އެންމެ ފުރަތަމަވެސް ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން.. ވާހަކަ ގެނެސްދިނުން ލަސްވީ ކުއްލި ގޮތަކަށް އަޅުގަނޑުގެ މާމަ ނިޔާވުމުން، އާއިލާއަށް ލިބުނު ހިތާމައިގެ ދަނޑިވަޅުގައި ކުޑަ ބްރޭކެއް ނަގަން ޖެހުމުން ކަމުގައި ބުނެލަން.

ކިޔުންތެރިންގެ މަޢުލޫމާތައްޓަކައި އަނެއްކާވެސް ވާހަކަ އަޕްލޯޑް ކުރެވޭ ދުވަސްތަކަށް ބަދަލުގެނެވިފައިވީ ވާހަކަ ދަންނަވާލަން.. މިއަދުން ފެށިގެން އެއްވެސް ކަމެއް ދިމާނުވާނަމަ، އިރާދަކުރެއްވިއްޔާ މި ވާހަކަ ކޮންމެ ހަފުތާއެއްގެވެސް ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހެއްގައި އަޕްލޯޑް ކޮށްލެވޭނެ..

  1. ފާތު

    ތަންކޮޅެއް ހާސަރު ދިގީ މިބައިގާ