ބޮލީވުޑް މުނިފޫހިފިލުވުން

ސަޢުދީން އަމީތާބަށް އެވޯޑެއް ދީފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އަމީތާބު ބައްޗަން

އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ މީހެއްގެ ހައިސިއްޔަތުން ބޮލީވުޑް އެކްޓަރު އަމީތާބު ބައްޗަން އަށް ސައުދީ އަރަބިއްޔާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑެއް ދީފިއެވެ.

Ads by MWSC

އަމީތާާބު ވަނީ އެވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެއާއެކު އޭނާ ބުނީ އެވޯޑު ލިބުމުން އެކަމާ ވަރަށް އުފާ ކުރާ ކަމަށާއި، މިއީ ސައުދީން އޭނާއަށް ދިން ބޮޑު ޝަރަފެއް ކަމަށެވެ.

"އަހަރެން އަބަދުވެސް ދެކެނީ ސިނަމާއަކީ މުނިފޫހިފިލުމުގެ މައި ޒަރިއްޔާކަމަށް. މިއީ ގިނަ ބަޔަކު އެއްތަނަކަށް އެއްކޮށްލައި އެއްބައެއްގެ ގޮތުގައި ވާކަމުގެ އިހުސާސް ކުރުވާ ކަމެއް" އަމީތާބު ބުންޏެވެ.

މީގެ އިތުރުން ކޮންމެ ޤައުމެއްގެ ކޮންމެ ތަނެއްގައި ހުންނަ މީހަކުވެސް ފިލްމު ބަލައިލުމަށް އައިސް އެކީގައި ހީ މަޖާކޮށް ނުވަތަ ރުއިންވެސް ތަޖުރިބާ ކުރާކަމަށް ބުންޏެވެ. މިއީ އެންމެ ފިލްމަކުން އެންމެންނަށް ކުރުވާ އަސަރުކަމަށް އަމީތާބު ބުންޏެވެ.

ސައުދީން ދިން އެވޯޑު ލިބިގަތުމަށް އަމީތާބާއި އޭނާގެ އާއިލާ ވަނީ އެގައުމަށް ދަތުރުކޮށްފައެވެ. އެގޮތުން އަމީތާބުގެ ދޮށީ ދަރި ޝްވެތާ ބައްޗަން ނަންދާ އާއި ހަގު ދަރި އަބީޝޭކް ބައްޗަންވެސް ހުރީ ސައުދީގައެވެ.

އަމީތާބު އަދިވެސް ގެންދަނީ ބޮލީވުޑް ފިލްމުތައް ކުޅެމުންނެވެ. އޭނާ އެންމެ ފަހުން ފެނުނީ ސޫރަޖް ބަރްޖަތުޔާގެ "އޫންޗާއީ" އިންނެވެ. މީގެ އިތުރުން "ޕްރޮޖެކްޓް ކޭ" ގެ ނަމުން ޕްރޮމޯޓު ކުރަމުންދާ ފިލްމުގެ ޝޫޓިންއަށް އޭނާ ދަނީ ތައްޔާރުވަމުންނެވެ. މިފިލްމުގައި މުހިންމު ރޯލުތަކުން ދިޕިކާ ޕަދުކޯން އާއި ޕްރަބާސް ފެންނާނެއެވެ.

އަމީތާބުގެ އުމުރަކީ 80އެވެ. 1969 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އޭނާ ވަނީ 200 އަށްވުރެއް ގިނަ ފިލްމުން ފެނިގެން ގޮސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!