ޚަބަރު ސިޔާސީ

ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާ ކެންސަލް ވެއްޖެ ކަމަށް ބުނެ ފޭކު މެސެޖެއް ދައުރު ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތް ކެންސަލް ވެއްޖެ ބުނެ، ފޭކު މެސެޖުތަކެއް ފޮނުވަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Hajj Corporation

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި، ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާ މިރޭ، 8:30ގައި، އާޓިފިޝަލް ބީޗުގައި ބައްދަލު ކުރެއްވުމަށް  ނިންމަވައިފައެވެ.

މި ޖަލްސާ ކެންސަލް ވެއްޖެ ކަމަށް ބުނެ، މެސެޖު ފޮނުވަމުންދަނީ ރައީސް ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަމުގައެވެ. އީވާ އަދި ރައީސް ނަޝީދުވެސް ވަނީ މިއީ ފޭކު މެސެޖުތަކެއްކަން ކަށަވަރު ކޮށްދެއްވަިއފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަދަކޮށް ހުންނެވިހާ ހިނދަކު އިވެންޓް ކެންސަލް ނުވާނެ ކަމަށާއި، "މިރެއަށް ތައްޔާރު" ކަމަށެވެ.

"މިއީ ވަަރަށް ބޮޑު ދޮގެއް. ވާދަވެރިން ބޮޑުތަނުން ބަލިވާތަން މި ފެންނަނީ." ރައީސް ނަޝީދު ފޭސްބުކްގައި ލިޔުއްވިއެވެ.

އެމަނިކުފާނު ވަނީ މިރޭގެ ޖަލްސާއަށް އެމްޑީޕީގެ ހުރިހައި މެމްބަރުންނަށް ދައުވަތު އަރުވައިފައެވެ. އީވާ ކުރެއްވި ޓްވީޓެއްގައި، އޭނާގެ ނަމުގައި ފޮނުވަމުން ދަނީ ފޭކު މެސެޖެއްކަން ހާމަކުރައްވައި ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކެމްޕެއިނެއް މުޑުދާރުކޮށް، ޒާތީ ކުރެއްވިޔަސް، އެ ކުރައްވަނީ ބޮޑުވަރު ކަަމަށެވެ. އުރީދޫ، މޯލްޑިވްސް ޕޮލިސް ސަރވިސް ޓެގް ކުރައްވައި، އެކަން ބައްލަވައިދިނުމަށްވެސް އީވާ އެދިވަޑައިގަތެވެ.

 އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ކުރިއަށް ދަނީ ވަރަށް ފޯރީގައެވެ. މި އިންތިޚާބުގައި ވާދަކުރައްވާ ރައީސް ޞާލިޙާއި ރައީސް ނަޝީދުވެސް ވިދާޅުވަނީ، ދެ ބޭފުޅުންވެސް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!