ޚަބަރު ސިޔާސީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ކުދި ކުދި ހަމަނުޖެހުންތައް ހިނގާ، އިދާރީ މައްސަލަތަކެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ވޯޓްލުން މުޅި ރާއްޖޭގައި ފަށައިގެން ކުރިއަށްދާއިރު އިދާރީ ބައެއް މައްސަލަތަކެއް ފެންމަތިވަމުން އެބަދެއެވެ.

Ads by STELCO

މިއަދު ހެނދުނު 9:00 ގައި ވޯޓުލުން ފެށުނު އިރު، ބައެއް ދާއިރާތަކުގެ ވޯޓުފޮށި 9:45 ވީ އިރުވެސް ވޯޓްލާ ސަރަހައްދަށް ގެނެވިފައެއް ނުވެއެވެ. މިގޮތުން މިމައްސަލަތައް ކުރިމަތިވެފައިވަނީ ރ. މާކުރަތުގައިކަމަށް ވަނީ މަޢުލޫމާތުލިބިފައެވެ.

މީގެ އިތުރުން ގަލޮޅު ދެފޮށީގެ ނަންބަރާ ދާއިރާ ނަމާ ދިމާ ނުވާކަމަށް ބުނެ މެމްބަރު އީވާވެސް ވަނީ އެމްޑީޕީ ސެކްރެޓޭރިއެޓްގެ ސަމާލުކަމަށް ގެނެސްފައެވެ.

އަދި ހަމައެހެންމެ ލ. މުންޑޫގައި ރައީސް ނަޝީދުގެ މަންދޫބުން ނެތި 9:00 ގެކުރިން ވޯޓްލާން ފެށި މައްސަލައެއްވެސް ރައީސް ނަޝީދުގެ ކެމްޕޭން އެޖެންޓް ކަމުގައިވާ ހަސަން ލަތީފްވެސް ވަނީ ސަމާލުކަމަށް ގެންނަވައިފައެވެ.

މީގެ އިތުރުން ވޯޓްލާ މަރުކަޒުގައި ތިބި އޮފިޝަލުންގެ އަތުގައި އޮތް ވޯޓް ލިސްޓާއި ޝާއިއުކޮށްފައިވާ ވޯޓް ލިސްޓާއި ދިމާނުވާކަމުގެ ގިނަ ޝަކުވާ ލިބެމުންދާކަމަށްވެސް ހަސަން ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ހަމައެހެންމެ މާލޭގައި ތިބޭ ރ. އަލިފުށީގެ މީހުންނާއި ރ. ދުވާފަރުގެ މީހުން އެއް ފޮއްޓަކަށް ވޯޓުލާން ނިންމާފައިވާ މައްސަލަ ހައްލު ނުވާތީ މިފޮއްޓަށްވެސް ވޯޓުލާކަށް ނުފެށެއެވެ.

އެމްޑީޕީން މި ޕްރައިމަރީގައި 57،255 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު މިއަދުގެ އިންތިޚާބަކީ އެޕާޓީގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ އިންތިޚާބެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!