ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

"ގުޅާލިއަސް އޯކޭ ތަ.. ތިއަޑު އަހާލާހިތްވޭ ވަރަށް.." ތަކުރާރުކޮށް ދާމިންގެ މެސެޖް އޭނާއަށް ކިޔެމުންދިޔަ ނަމަވެސް އެމެސެޖަށް ދޭނެ ޖަވާބެއް ލީމްއަކަށް ނޭނގުނެވެ. ވާހަކަދެއްކުމަށް ނުކުޅެދޭ ކުއްޖަކަށްވީއިރު، ދާމިންއަށް ގުޅައިގެން އޭނާ ވާހަކަދައްކާނީ ކޮންފަދައަކުންހެއްޔެވެ. ކުޑަ ހިނދުކޮޅަކަށް ލިބުނު އުފައުވެރިކަންވެސް ފިލައިގޮއްސިއެވެ. ކުޑަކޮށްވެސް އެކަމާމެދު ލީމްއަށް ވިސްނައިނުލެވުނީ ކީއްވެހެއްޔެވެ. ދެލޮލަށް ޖަމާވި ކަރުނަތަކާއެކު ފުންނޭވައެއް ދޫކޮށްލަމުން ލީމްއަށް ދެލޯފިއްތައި ބާރުކޮށްލެވުނެވެ. އަމިއްލަ ނަސީބާމެދު އެހިތް ޝަކުވާކޮށްލިއެވެ. ދާމިންއަށް ހަގީގަތް ހާމަކުރަންވީ ބާއެވެ؟ އެކަމަކު އޭރުން ދާމިން އޭނާއާ މެދު ދެކޭގޮތް ބަދަލުނުވާނެ ބާއެވެ؟

Ads by MWSC

ދޭނެ ޖަވާބަކާއި މެދުގައި އިރުކޮޅަކު ލީމް ވިސްނައިލިއެވެ. އަދި އިނގިލިތައް ފޯނުގެ ސްކްރީންގައި ހަރަކާތްކޮށްލުމާއެކު ދާމިންގެ މެސެޖަށް ޖަވާބު ފޮނުވައިލިއެވެ. ގުޅާނީ ތަންކޮޅެއް ފަހުން ކަމުގައި ބުނެފައެވެ. މިވަގުތު ކުޑަކޮށް ބިޒީއޭ ބުނެފައެވެ. ލީމްގެ ވާހަކަތައް ނިކަން ފަސޭހައިން ދާމިން ގަބޫލުކޮށްފިއެވެ. އެއީ މައްސަލައެއް ނޫންކަމުގައި އޭނާ ބުންޏެވެ. ދާމިންގެ ޖަވާބުން ހިސާބަކަށް ކުށްވެރިކަމުގެ އިހުސާސު ލީމް އަށް ކުރެވުނެވެ. ކަންތައް މިކުރެވެނީ އެންމެ ރަނގަޅަށްބާއޭ ހިތަށް އެރިއެވެ. އެހިނދު ޟަމީރުގެ އަޑު ކަންފަތްބުޑުގައި ގުގުމައިލިއެވެ. އޮޅުވާލުމަކުން ފެށޭ ގުޅުމެއްގައި އެއްވެސް އުފައުވެރިކަމެއް ނުވާނެކަން ހަނދާންކޮށްދެމުންނެވެ. ދާމިންއަށް ހަގީގަތް އެނގޭ ދުވަހަކުން ލީމްއާ މެދުގައި ދެކޭ ގޮތް ހަމަ ޔަގީނުންވެސް ބަދަލުވާނެއެވެ. އެހެނަސް އޭނާގެ ހިތް އެދެމުންދިޔައީ ދުވަސްކޮޅަކަށް ނަމަވެސް ދާމިންގެ ގާތްކަން އިހުސާސުކޮށްލުމަށެވެ. ދެމީހުން ދެމެދުގައި ގާތް ގުޅުމެއް އުފެދުމުން އެހުރިހައި ވާހަކަތަކެއް އޭނާ ދާމިން އަށް ކިޔައިދޭނީއެވެ. މިވަގުތަށް އޭނާގެ މޮޔަހިތް އެދެނީ އެހުރިހައި ހާސްކަމަކާ ދުރުވެލުމަށެވެ. ތުންފިއްތައިލުމާއެކު ދެފަރާތަކަށް ލީމް ބޯހޫރައިލިއެވެ. ޟަމީރުގެ އަޑަށް ބީރުކަންފަތެއް ދެމުންނެވެ. އޭނާ ދާމިންއަށް އޮޅުވާލަނީކީ ނޫނެވެ. ކަމެއް ސިއްރުކުރަނީއެވެ. އަދި އެ ވާހަކަތައް ބުނުމަށް ފަސްޖެހެވޭތީއެވެ. ކޮންމެވެސް ދުވަހަކުން އެކަން އޭނާ ދާމިންއަށް ހާމަކުރާނެއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. ދުވަހަކަށްފަހު ދުވަހެއް ދާމިން އާއި ލީމްއާ ދެމެދުގައިވި ގުޅުން ދިޔައީ ގާތްވަމުންނެވެ. ދެތިން ފަހަރު ލީމްއާ ގަޔާވާ ވާހަކަވެސް ދާމިން ބުނެފިއެވެ. އެހެނަސް އެފަދަ ވާހަކަތަކަށް ލީމް އަދި އެއްވެސް ޖަވާބެއް ނުދެއެވެ. އަދިވެސް ދެމެދުގައި ވާހަކަ ދެކެވެމުންދިޔައީ ބަދަލުކުރެވޭ މެސެޖްތަކުން އެކަންޏެވެ. ދާމިންއަށް ގުޅުމަށް ނުވަތަ ބައްދަލުކުރުމަށް ލީމް ދިޔައީ ދެކޮޅު ހަދަމުންނެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައެވެ. ލީމްގެ ވާހަކަތަކަށް ދާމިން އިތުބާރުކުރާކަން އެނގެނީ އެވާހަކަތައް އޭނާ ގަބޫލުކުރާތީއެވެ. ދެކޮޅަށް އެއްޗެއް ބުނުމެއް ނުވަތަ ސުވާލުކުރުމެއް ނެތިއެވެ. އެފަދަ ގާތްކަމަކަށް ލީމް އަދި ތައްޔާރު ނޫނޭ އޭނާއަށް ހީވަނީއެވެ. ލީމްއަށް މަޖުބޫރުކުރާކަށް ޚުދު އޭނާ ވެސް ބޭނުމެއް ނުވެއެވެ. ވަގުތު ދީގެން ނަމަވެސް އޭނާ އެދެނީ ލީމްގެ ހިތް މިލްކު ކުރުމަށެވެ.

މާގިނައިން ދާމިންގެ އެދުންތަކާ ދެކޮޅު ހަދާކަށް ލީމް އަކަށް ނުކެރުނެވެ. ދާމިންއަށް ކަމެއް ޝައްކުވެދާނޭ އޭނާއަށް ހީވީއެވެ. ތާނީގެ އެހީތެރިކަމަށް ލީމް އެދެން ޖެހުނީ އެހެންވެއެވެ. ލީމް ބޭނުންވާކަމެއް ނޭނގިހުރެ ވަރަށް ފަސޭހައިން ލީމްއަށް އެހީވުމަށް ތާނީ ނިންމިއެވެ. އެދުވަހު ކޮލެޖް ނިންމައިލުމަށްފަހު ތާނީ ގޮވައިގެން އޭނާ އައީ އެމީހުންގެ ގެއަށެވެ. ކޮޓަރިއަށް ވަންނަމުން އެއްފަރާތުގައިހުރި މޭޒުމަތީ ލީމް ދަބަސްބެހެއްޓިއެވެ. ތާނީވެސް އެފަދައިން ކަންތައްކުރީ އެއީ އޭނާއަށް އައު މާހައުލަކަށް ނުވާތީއެވެ. ލީމްގެ އެކުވެރިކަމުގައި އެގެއަށް އޭނާ އައިސް ހަދާތީއެވެ. އެނދުމަތީގައި ދެކުދިން އިނށީދެ ހަމަޖެހިލިއެވެ. ވެގެން އުޅޭ ގޮތަކާމެދު ތާނީ ސުވާލުކުރީ ދެނެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ތުންފަތް ހަފަން އިނުމަށްފަހު ފުންނޭވައެއް ދޫކޮށްލަމުން އަތުގައި އޮތް ފޯނު ލީމް ދިއްކޮށްލިއެވެ. ނިތް އަރުވައިލަމުން ތާނީ މޫނަށް ގޮތެއް ހަދައިލީ ލީމް ބޭނުންވެގެން އުޅޭކަމެއް ނޭނގޭ މީހަކު ފަދައިންނެވެ. ދެވަނަ ފަހަރަށްވެސް ލީމް ފޯނަށް އިޝާރާތްކޮށްލިއެވެ. އޭގައިވި އެއްޗެއް ކިޔާލާށޭ ބުނެލާފަދަ ގޮތަކަށެވެ. އޭނާ އާއި ދާމިން އާއި ދެމެދު އެންމެ ފަހުން ބަދަލުކުރެވިފައި މެސެޖްތައް ސްކްރީނުން ފެންނަން ހުއްޓެވެ. ފޯނުގައި ހިފައި އެމެސެޖްތައް ކިޔަމުންދިޔަ ވަރަކަށް ތާނީއަށް ލިބެމުންދިޔައީ ހައިރާންކަމެވެ. ތަކުރާރުކޮށް ލީމްގެ އަޑު އަހާލަން ބޭނުންވާ ވާހަކަ ދާމިން ބުނެފައިވާތީ އޭނާ ސުވާލުއުފެދޭގޮތް ވީއެވެ. މެސެޖްތައް ކިޔައި ނިންމައިލަމުން އޭނާ ލީމްގެ މޫނަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ.

"ދާމިން ކީއްވެ ލީމްގެ އަޑު އަހާލަން ބޭނުންވެއޭ އެ ބުނަނީ.. ލީ.. ދާމިންއަށް ނޭނގޭތަ ލީ އަށް ވާހަކަ ނުދެއްކޭކަމެއް؟" ތާނީގެ ސުވާލާއެކު ކުށްވެރިއަކު ފަދައިން ލީމް އިސްޖަހައިލިއެވެ. ލީމްގެ އެހަރަކާތުން އޭނާގެ ޖަވާބު ތާނީއަށް ލިބުނުކަހަލައެވެ. ދެލޯ ބޮޑުކޮށްލަމުން ދެފަރާތަށް އޭނާ ބޯހޫރައިލީ ގަބޫލުނުކުރެވިފައެވެ.

"ކީއްވެ ނުބުނީ.. އޭނައަށް އެނގެން ޖެހޭނެއްނު.. ލީ.. ހީ ލައިކްސް ޔޫ.. ލީ ވެސް އޭނާދެކެ ގަޔާވާކަން އަހަންނަށް ޔަގީން.. ދެންކީއްވެ ސިއްރުކުރީ.. މިއީ ސިއްރުކުރާކަހަލަ ކަންކަމެއް ނޫނެއްނު.. އޭނައަށް އެނގޭ ދުވަހަކުން ވާނެގޮތަކާމެދު ލީ ވިސްނާލިންތަ.." ލީމް އަށް ވިސްނައިދޭފަދައަކުން ތާނީ ބުންޏެވެ. އޭނާގެ އަޑުގައިވީ އެކުވެރިޔާއަށްޓަކައި ކަންބޮޑުވުމެވެ. ފަހަރެއްގައިވެސް ލީމްއަށް ދެރައެއް ލިބޭކަށް އޭނާ ނޭދެއެވެ.

"އެހަގީގަތް އެނގިއްޖެއްޔާ ދާމިން ވެސް އަހަރެންދެކެ ފޫހިވާނެ.. މާޒީ އަލުން ތަކުރާރުވާނެ.. އެހެންވާކަށް ބޭނުމެއް ނޫން.. ބިރުގަންނަނީ އެހެންވެ.. އަހަރެން.. ދާމިން ބޭނުން.. ވަރަށް ބޭނުން.." މަޑުމަޑުން އިނުމަށްފަހު އަތުގެ އިޝާރާތުން ލީމް ބުނެލިއެވެ.

"އެކަމު އަބަދު ތިކަން ސިއްރުކޮށްގެން ލީ އަށް ހުރެވޭނެތަ.. ލީ ވިސްނާލަބަލަ... ތިހެން ސިއްރުކޮށްގެން ހުއްޓަ ދާމިން އަށް އެނގުނީމަ އޭނަ އަދި މާބޮޑަށް ހިތްހަމަނުޖެހޭނެ.. އޭނާގެ ނަޒަރުގަ ވާނީ ލީ އޭނައަށް އޮޅުވާލިކަމަށް.. އެހެންވާންތަ ބޭނުންވަނީ.. އަބަދު އެއްގޮތަކަށް ކަންތަކެއްވެސް ނުވާނު.. ކިހިނެއް އެނގެނީ ލީ ހުރިހާ ވާހަކަތަކެއް ކިޔާދެނިކޮށް ދާމިން ހަމަ ލީ ބަލައިވެސް ގަނެފާނެ.." ލީމްގެ އަތުގައި ހިފައި ފިތައިލަމުން ތާނީ ބުނެލީ ނުހަނު އޯގާތެރި އަޑަކުންނެވެ. އެހެނަސް އެވާހަކަތައް ގަބޫލުކުރުން ލީމްއަށް އެހައި ފަސޭހަކަމަށް ނުވިއެވެ. ހިތުގައި ނުބައި ޚިޔާލުތައް ވަކިހިއްޕައިލައިފައިވީ ނުހަނު ބޮޑަށެވެ. އުމުރު ދާމިން އާއި އެކުގައި ހޭދަކޮށްލުމުގެ ނަސީބު ނުލިބުނަސް މިހާރު އޭނާގެ ފަރާތުން އެލިބޭ ވަގުތީ އުފައުވެރިކަންވެސް ލީމް އަށް ފުދެއެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެގާތްކަން އެގޮތުގައި ދެމިއޮތުމަށް އޭނާއަށް އެދެވެމުން ދިޔައީ އިންތިހާއަށެވެ. ކަންތައް ކުރެވެނީ ރަނގަޅަށް ނޫންކަން އޭނާއަށް ވިސްނުނަސް އެކަން ގަބޫލުކުރަން އޭނާގެ ހިތް ދެކޮޅުހަދަނީއެވެ.

"އަހަންނަށްޓަކާ ތާނީ ދާމިންއާ ވާހަކަދައްކާލަދޭން ވީނު.. ޕްލީޒް.." އާދޭހުގެ ނަޒަރަކުން ތާނީއަށް ބަލަން އިނދެ ލީމް އިޝާރާތުން ބުނެލިއެވެ. ލީމް ބުނި ބަހުގެ މާނަ ދޭހަނުވި ފަދައަކުން އޭނާ ނިތްއަރުވައިލިއެވެ.

"މިބުނީ.. އޭނަ.. ގުޅީމަ.. އަހަންނަށް ވެގެން.. ތާނީ ދާމިންއާ ވާހަކަދައްކަންވީނު.. ޕްލީޒް.. ކުޑަ ދުވަސްކޮޅަކަށް.. ދާމިން ގާތު އެވާހަކަތައް ބުނަން އަހަރެން އަދި ތައްޔާރެއް ނޫން ތާނީ.. އެކަމަކު އަބަދު ދާމިން އެދޭ ކަމަކަށް ދެކޮޅު ހަދާނެ ހިތްވަރެއްވެސް އަހަރެންގެ ނެތް.. ޕްލީޒް އަހަންނަށް މިކަން ކޮށްދީ.. ކުޑަ ދުވަސްކޮޅަކު.. އޭގެ ފަހުން އަހަރެން.. ދާމިންއަށް ހުރިހާ ވާހަކައެއް ކިޔާދޭނަން.. ޕްލީޒް.." ލީމް ދެއްކިވާހަކަތަކުން ދެލޯބޮޑުވެފައި ތާނީއަށް އިނދެވުނީ ގަބޫލުކުރަންވެސް ދަތިވެފައެވެ. ނޫނެކޭ ބުނެ އޭނާ އެކަމާ ވަގުތުން ދެކޮޅު ހެދީއެވެ. ލީމް ކުރަން އެއުޅެނީ ރަނގަޅުކަމެއް ނޫންކަން ތަކުރާރުކޮށް ތާނީ އޭނާއަށް ވިސްނައިދިނެވެ. އެހެނަސް ލީމްގެ އާދޭސްތަކާއެކު އެދެލޮލުން ފޭބި ކަރުނުން ތާނީގެ ހިތް މަޑުކަފަކޮޅަކަށްވީ ފަދައެވެ. އިތުރަށް ލީމްއާ ދެކޮޅަށް އެއްޗެއް ބުނުމަށް އޭނާ ނުކުޅެދުނީއެވެ. ލީމްގެ ހިތުގައިޖެހިފައިވީވަރު ފެނިފައެވެ. އެކަމަށް އޭނާ އެދެމުންދިޔަ ވަރުންނެވެ. ހިތް ނުރުހުނަސް ލީމްއަށް އެހީވާން އޭނާ ނިންމީ އެހެންވެއެވެ. އެހެނަސް އެކުވެރިޔާއަށް ފަހުން ވެދާނެ ގޮތަކާމެދު އޭނާ ވީ ނުހަނު ކަންބޮޑުވެ ހާސްވެފައެވެ. ދެވަނަ ފަހަރަށް ލީމްގެ ހިތް ހަލާކުވާކަށް ޚުދު އޭނާވެސް ބޭނުމެއް ނުވެއެވެ. އެކަމަކު ލީމްއަށް އިތުރަށް ވިސްނައިދޭނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ލީމްގެ ފޯނު އަތަށް ލައިގެން އޭގެން ފެންނަންހުރި ދާމިންގެ ނަމްބަރަށް ބަލަން އިރުކޮޅަކު ތާނީއަށް އިނދެވުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ލީމް އަށް ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

"ލީ އަށް ޔަގީންތަ މީކަން ލީ ބޭނުންވާގޮތަކީ.. އަދިވެސް ވަގުތު އެބައޮތް.." މަޑުމައިތިރި ގޮތަކަށް ތާނީ އެއްސެވެ. ލަސްލަހުން ލީމް ބޯޖަހައިލިއެވެ. ނުރުހުމުގެ އަޑެއް ލައްވައިލަމުން ތާނީ އަނެއްކާވެސް ފޯނަށް ނަޒަރު ހުއްޓައިލިއެވެ.

"ލީ.. އޮޅުވާލުމަކުން ފެށޭ ގުޅުމެއްގަ އެއްވެސް ހިތްހަމަޖެހުމެއް ނުވާނެކަން ދަންނައްޗޭ.. އެފަދަ ގުޅުމެއްގަ އަބަދުވެސް ތިމާ އުޅެންޖެހޭނީ ހާސްކަމެއްގެތެރޭ.. ދާމިންއަށް އެނގޭ ދުވަހަކުން ލީ މާބޮޑަށް ދެރަވާނެކަން އަހަންނަށް ޔަގީން.. އެދުވަހަކުން އޭނަ ކަންތައްކުރާނެ ގޮތެއް ބުނެދޭންވެސް ދަތި.. ލީ އަށް ހެޔޮއެދޭތީ އަހަރެން މިހެން މިބުނަނީ.. އެކަމަކު މީ ލީ ބޭނުންވާ ގޮތް ކަމަށްވަންޏާ އަހަރެން މިކަން ކޮށްދޭނަން.." ލީމް އެއްޗެއް ބުނޭތޯ ތާނީ މަޑުކޮށްލިއެވެ. އެއްވެސް ޖަވާބެއް ލީމްގެ ފުށުން ނުލިބުމުން އޭނާ ދާމިންގެ ނަމްބަރަށް ގުޅައިލިއެވެ. އަދި ލައުޑް ސްޕީކަރަށް ލަމުން ލީމް އަށް ބަލައިލިއެވެ.

ފޯނު ރިންގްވަމުންދިޔަ އަޑާއެކު ލީމްގެ ހިތް ތެޅިގަތެވެ. ތުންފަތުގައި ދަތްއަޅައި އޭނާއަށް ބާރުކޮށްލެވުނެވެ. އިރުކޮޅަކު ފޯން ރިންގްވުމަށްފަހު ފިރިހެންވަންތަ އަޑުން ހެލޯއޭ ބުނެލިއަޑު އިވުނެވެ. ގައިން ހީބިހި ހިލިގެން އައުމާއެކު ލީމްއަށް ނޭވާހިފަހަށްޓައި ލެވުނެވެ. ހިތުން ދާމިންގެ ނަން އޭނާއަށް ކިޔައިލެވުނުއިރު އެދެލޮލުގައިވި ވިދުން ގަދަވެލިއެވެ. ލީމްއަށް ބަލަން އިނދެ ތާނީ ވެސް މަޑުމަޑުން ހެލޯއޭ ބުނެލިއެވެ.

"ލީމް.. އަސްލުވެސް ތީ ލީމްތަ.. އޯހް.. ހިތަށްވެސް ނާރާ އިސްވެ ލީމް އަހަންނަށް ގުޅާފާނޭ.. އެނގޭތަ މިވަގުތު އަހަރެން އުފާވެފަ މިހުރިވަރު.. ތެންކް ޔޫ.. ތެންކް ޔޫ ސޯ މަޗް.." އުފަލުންގޮސް ދާމިން ހީވަނީ މޮޔަވެދާނެހެންނެވެ. އެއަޑުގައިވި އުފައުވެރިކަމުން ލީމްގެ ހިތުގައި ރިއްސައިލިއެވެ. ދާމިންއަށް އެހައިބޮޑު އޮޅުވައިލުމެއް އޮޅުވައިލަން ވެދާނެ ހެއްޔެވެ. އިސްޖަހައިލެވުމާއެކު ލީމް އަނެއްފަރާތަށް އެނބުރުނީ ތާނީއާ ނަޒަރު ސީދާކުރަން ނުކެރުމުންނެވެ.

"ލީމް.. އެބަހުރިންތަ.. ލަދުންތަ ތިހުރީ.. ހެހެ.. ކީއްކުރަނީ.. އަހަރެން ވަރަށް އަނގަ ގަދަ ވެއްޖެ ދޯ.. އަސްލު އަހަރެން މީ އެހާ އަނގަ ގަދަ މީހެއްނޫން އިނގޭ.. ލީމް ގުޅީމަ އުފަލުންގޮސް އަހަންނަށް ވާ ގޮތެއް ކަންނޭނގެ.. ހެހެ.." ބަހެއް ނުބުނުމުން ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކީ ދާމިންއެވެ. ލީމްއަށް ބަލައިލުމަށްފަހު ކަރުކެހިލަމުން ތާނީ ވާހަކަދައްކަން ފެށިއެވެ.

"އާން.. އެބަހުރިން.. އަހަރެން ވަކި ކަމެއް ނުކުރަން.. ދާމިން ކީއްކުރަނީ.."

"އޮފީސް ނިންމާލާފަ ގެއަށް މިއައީ ހަމަ.. އަހަރެން ފްރީ ވާނެކަން އެނގިގެންތަ ތިގުޅީ.." ލާނެތް ރާގަކަށް ދާމިން އެއްސެވެ. މަޑު ހޫން އަކުން ތާނީ ފުއްދައިލީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ.

"ވާހަކައެއް ބުނަންތަ.." ލޯބިވެތި ރާގަކަށް ދާމިން އަހައިލިއެވެ. އެއަޑު އިވިފައި ލީމްގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ތާނީއާ ދިމާއަށް އެނބުރެމުން އޭނާގެ އަތުގައި އޮތް ފޯނަށް ލީމް ބަލައިލީ ކެތްތެރިކަން ކުޑަ ގޮތަކަށެވެ. ބެގަރާރުކަން އެމޫނުމަތިން ސާފުކޮށް ފައުޅުވާން ހުއްޓެވެ. ތާނީ އާނއެކޭ ބުނުމާއެކު ދާމިން ލުއިކޮށް ހީނލިއަޑު އިވުނެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ހުރުމަށްފަހު ހަމަބުންނަވީ ހެއްޔޭ އަނެއްކާވެސް ދާމިން އަހައިލިއެވެ. އެއަޑުގައި އެތައް ޖަޒުބާތެއް އެކުލެވިގެން ވިއެވެ. ލީމްއަށް އުނގުމަތީގައި އޮތް ދެއަތްތިލައަށް ބާރުކޮށްލެވުނެވެ.

"ބުނީމަތާ އެނގޭނީ.." ކުޑަކޮށް ހީނލަމުން ތާނީ ބުންޏެވެ. އެއަޑު އިވިފައި ދާމިން ޖަހައިލީ ހިނިގަނޑެކެވެ.

"ލީމް.. ތިސޫރައާ އެއްވަރަށް އަޑުވެސް އެހާ ރީތި.. އެހާ ހިތްގައިމު.. އަހަރެންގެ ހިތުގެ އެންމެ ހިމަނާރާ ކުޅެލިފަދަ.. ހެހެ.." ލޯބިން ފުރިގެންވި ރާގަކަށް ދާމިން ބުންޏެވެ. އެއަޑުއިވިފައި ސިހިފައި ލީމްއަށް ބަލައިލެވުނީ ތާނީއާ ދިމާއަށެވެ. ހިންދިރުވައިލުމާއެކު އިންތަނުން އޭނާއަށް ތެދުވެވުނީ ބޭއިޚުތިޔާރުގައެވެ. ލަސްފިޔަވަޅުތަކެއްގައި އައިސް ކުޑަދޮރު ކައިރީގައި ލީމް މަޑުކޮށްލިއެވެ. އޭރު ދާމިންގެ ދުލުން ދެންމެ ބޭރުވި ތަޢުރީފުގެ ޖުމުލަތަށް އޭނާގެ ކަންފަތްބުޑުގައި ތަކުރާރުކޮށް ގުގުމަމުން ދިޔައެވެ. ތުންފިއްތައިލުމާއެކު ލީމްއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. އިތުރަށް އެދެމެދުގައި ދެކެވުނު އެއްވެސް ވާހަކަތަކެއް ލީމްއަށް އަޑުނީވޭފަދައެވެ. އެއަށްވުރެ ދާމިންގެ އެ ޖުމުލަތައް އޭނާގެ ކަންފަތުގައި ހަރުލައިފައިވީ ނުހަނު ބޮޑަށެވެ. މެރިފައިވި އެސްފިޔަތައް ފޫދުއްވައިލައިފައި ކަރުނަ ތިއްކެއް ކޯތާފަތް މައްޗަށް ވެއްޓުނީ އޭނާގެ އެއްވެސް ހުއްދައެއް ނެތިއެވެ. ރޯން ބޭނުންނުވިއަސް އޭނާއަށް ރޮވެނީއެވެ. އަމިއްލަ ނަފުސުގެ މައްޗަށް އޮތް ޔަގީންކަން ކުޑަވެ ހިތުގައި ރިއްސަމުންދިޔައީ އިންތިހާއަށެވެ. އެކަރުނަތައް ހުއްޓުވަން އުޅުނަސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ފިއްތައިލައިގެން ހުރި ތުންފަތް ފޫއަޅުވައިލަމުން މަޑު އާހެއް އެހިނދު ބޭރުވިއެވެ. އެއަޑަށް ހިނިއައިސްފައި ދާމިންއާ ވާހަކަދައްކަންއިން ތާނީ ސިހިފައި ބަލައިލިއެވެ.

(ނުނިމޭ)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!