މުނިފޫހިފިލުވުން ދިވެހި ސިނަމާ

އަންނަ ހޮނިހިރު ދުވަހު ރައީސް ޞާލިޙު އޮލިމްޕަސް ސިނަމާ ހުޅުވައިދެއްވަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އަންނަ ފެބުރުއަރީ މަހުގެ 4 ވާ ހޮނިހިރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު، އޮލިމްޕަސް ސިނަމާ ހުޅުއްވައިދެއްވާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.

Ads by Sosun Fihaara

ރާއްޖޭގައި ހުރި އެންމެ ބޮޑު ސިނަމާ މި ހުޅުވަނީ ބަންދުކޮށްފައި ހުންނަތާ ތިން އަހަރު ފަހުންނެވެ. އެތަން ފުރަތަމަ ބަންދު ކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު ސިނަމާ ހުޅުވަން ހުއްދަ ދިނުމުން އެތަން މަރާމާތު ކުރުމަށްފަހު ހުޅުވަން ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްއިން ނިންމި އެވެ.

ދެ އަހަރެއްހާ ދުވަހުގެ މަރާމާތަށްފަހު އޮލިމްޕަސް ހުޅުވާއިރު ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކެއްގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ. އެހެންނަމަވެސް އެންސީއޭއިން ބުނީ ގިނަ ދުވަސް ހޭދަވީ ބޮޑު އަޕްގްރޭޑެއްގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.

ސިނަމާ އަލުން ހުޅުވުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައިދެއްވާނީ ރައީސް ޞާލިހެވެ. މިރަސްމިއްޔާތުގައި ހާއްސަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން ތައްޔާރީތަކެއް ވަމުން އަންނަކަމަށްވެސް މައުލޫމާތު ލިބެ އެވެ. މިހަރަކާތްތަކުގައި ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް ބައިވެރިވާން ވަނީ ހަމަޖެހިފަ އެވެ.

އޮލިމްޕަސް ހުޅުވުމާއިއެކު އެންމެ ފުރަތަމަ އަޅުވާނީ ޑާކްރެއިން އެންޓަޓެއިންމެންޓުގެ "ބީވީމާ" އެވެ. މިއީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ، އާމިނަތު ރަޝްފާ (އާޝާ)، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަދި ޒިދާން މުހިންމު ރޯލުތަކުން ފެންނަ ފިލްމެކެވެ.

މިއަހަރު އޮލިމްޕަހުގައި ގިނަ ފިލްމުތަކެއް އަޅުވާނެކަމަށް އޮތީ ބެލެވިފަ އެވެ. އެގޮތުން އަލީ ސީޒަންގެ "ލޯބިވެވިއްޖެ" މެއި 3 ގައި އަޅުވާއިރު، އިލިޔާސް ވަހީދުގެ "ނީނާ" ވެސް މިއަހަރު އަޅުވާނެ އެވެ. މީގެ އިތުރުން ނިއުމާ މުހައްމަދުގެ "ކަޅަކި"، ޓެޑްރީގެ "ލަސްވިޔަސް" ވެސް މިއަހަރު ސިނަމާއަށް އަންނާނެކަމަށް އޮތީ ބެލެވިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!