ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ރޯން ބޭނުންނުވިއަސް އޭނާއަށް ރޮވެނީއެވެ. އަމިއްލަ ނަފުސުގެ މައްޗަށް އޮތް ޔަގީންކަން ކުޑަވެ ހިތުގައި ރިއްސަމުންދިޔައީ އިންތިހާއަށެވެ. އެކަރުނަތައް ހުއްޓުވަން އުޅުނަސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ފިއްތައިލައިގެން ހުރި ތުންފަތް ފޫއަޅުވައިލަމުން މަޑު އާހެއް އެހިނދު ބޭރުވިއެވެ. އެއަޑަށް ހިނިއައިސްފައި ދާމިންއާ ވާހަކަދައްކަންއިން ތާނީ ސިހިފައި ބަލައިލިއެވެ.

Ads by Hajj Corporation

ކުއްލިއަކަށް އަވަސް އަރުވައިލައިފައި ތާނީ ފޯންބޭއްވިއެވެ. ދާމިން ސުވާލުކޮށްފާނެތީ މަންމަ އައީ ކަމަށްބުނެ މެސެޖް ކޮށްލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި އައިސް ލީމްގެ ފަހަތުން މަޑުކޮށްލަމުން އޭނާގެ ކޮނޑުގައި އަތްޖައްސައިލިއެވެ.

"ކުރެވުނު ކަންތަކާ ހިމާތަކޮށްފަތަ ތި ރޮނީ.." ތާނީ ވާހަކަ ދެއްކީ ކިރިޔާ ލީމް އަށް އިވޭ ވަރަށެވެ. ހަމަބިމަށް އާދެވުނު މީހަކު ފަދައިން އަވަސް އަވަހަށް ކަރުނަތައް ފުހެލަމުން ލީމް ދެފަރާތަށް ބޯހޫރައިލިއެވެ.

"އަހަރެން ހިތަށް އަރަނީ.. އަހަންނަށްވެސް ތާނީ ގޮތަށް ވާހަކަ ދެއްކޭނެ ނަމައޭ.. އޭރުން.. އަހަންނަށްވެސް ދާމިންއާ ވާހަކަދައްކާ ލެވުނީސް.." ތާނީއާ ދިމާއަށް އެނބުރެމުން އަތުގެ އިޝާރާތުން ލީމް ބުނެލިއެވެ. ޖަވާބުގައި ބުނާނެ އެއްޗެއް ނުވިސްނިފައި ތާނީ ހުރީ އެއީ ދުވަހަކުވެސް ލީމް އުޅުނުގޮތެއް ނޫންވީމައެވެ. އަމިއްލަ ހާލާ މެދު ލީމް ދުވަހަކުވެސް ޝަކުވާ ކުރާތީ އޭނާ ނުދެކެއެވެ. ދާމިންއާމެދު ލީމްގެ ހިތުގައިވި އިހުސާސުތައް ފުންވެފައިވި މިންވަރު އެކަމުން ތާނީ އަށް ދެނެގަނެވުނެވެ. ލީމްގެ ކޮނޑަށް ފިތާލުމާއެކު މަޑުމަޑުން އެ އެކުވެރިޔާގެ ގައިގައި އޭނާ ބައްދައިލީ ހިތްވަރުދޭފަދަ ގޮތަކަށެވެ. ނުބުންޏަސް ލީމްގެ ހާލު އޭނާއަށް އިހުސާސުވެއެވެ. ދާމިންއާ ކުރިމަތިލާން ލީމް ޖެހިލުންވާ ސަބަބު ވިސްނެއެވެ. ކުރެވެނީ ރަނގަޅުކަމެއް ނޫން ނަމަވެސް ލީމްއަށްޓަކައި އޭނާ އެކަމަށް އެއްބަސްވީވެސް އެހެންވެއެވެ. ތާނީގެ ކޮނޑުގައި ބޯއަޅައިލުމާއެކު ލީމް އަށް އަނެއްކާވެސް ރޮވުނީއެވެ. ބަހެއްވެސް ނުބުނެ ލީމްގެ ބުރަކަށީގައި ފިރުމައިލަ ފިރުމައިލައި ތާނީ ހުރީ އެކުވެރިޔާއަށްޓަކައި ހަމްދަރުދީވާ ހާލުއެވެ.

* * * * *

ފާއިތުވެދިޔަ ދުވަސްތަކު މެހެރީނަށް ގޭގައި ހުރެވޭ ކޮންމެ ރެއަކުވެސް އާރިޒްއާ ދެމީހުން ގޭގެ ގޯތިތެރޭގައި ރޭގަނޑުގެ ހަމަހިމޭން ވަގުތުތައް ހޭދަކުރެއެވެ. އެކަކު އަނެކެއްގެ ހަޔާތުގެ އެކި ވާހަކަތައް ހިއްސާކުރުމުގައެވެ. ނޭނގި ނަމަވެސް އެކަކު އަނެކަކަށްޓަކައި ހިތުގައި ދެވިފައިވި މަގާމު އައީ ފުންވަމުންނެވެ. އިހުސާސުތައް ދިޔައީ ކުރިލައި ފޯދެމުންނެވެ. އާރިޒްއާ މެދުގައި ތަފާތު ނަޒަރަކުން މެހެރީނަށް ދެކެވެން ފެށިއްޖެކަން ގައިމެވެ. ހިތް އޭގެ މަޤާމުން ދޫވެ އާރިޒްގެ މިލްކަކަށް ވެއްޖެކަން ޔަގީނެވެ. އެހިތުގައި އައު ވިންދެއް ޖަހަންފެށީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އާރިޒް ހުރިހައި ގޮތަކުންވެސް މެހެރީނަށް ޚާއްސަވެއްޖެއެވެ. ގެއަށް އައިސް ވަދެވިއްޖެނަމަ މެހެރީން ދެކެން ބޭނުންވާ ހަމައެކަނި ސޫރައަކީ އާރިޒް ކަމުގައި ވެއްޖެއެވެ. އެހެނަސް އެއިން އެއްވެސް ވާހަކައެއް އޭނާގެ ދުލުން ބޭރުވިޔަކަ މެހެރީން ނުދެއެވެ. ހިތް ކިތަންމެ އެދުނަސް އެއީ ރަނގަޅުކަމެއް ނޫންކަން ވިސްނޭތީއެވެ. މީހެއްގެ އަނތްބެއް ގޮތުގައި ހުރެ ކައިވެނީގެ ބޭރުން އެފަދަ ގުޅުމަކަށް ދާކަށް މެހެރީން ނޭދެއެވެ. އަމިއްލަ ނަފުސުގެ މައްޗަށް އޭނާ ގަދަވެގަންނަނީ އެހެންވެއެވެ. ކުރިއެކޭވެސް އެއްގޮތަކަށް އާރިޒްއާ މެދުގައި އަމަލުތައް ބެހެއްޓުމަށް އޭނާ އިސްކަމެއް ދެއެވެ. ނަމަވެސް އެކަނިވުމާއެކު އޭނާއަށް ކުރެވޭ ހަމައެކަނި ޚިޔާލަކީ އެއީއެވެ. ބައެއްފަހަރު އެފަދަ ޚިޔާލުތަކާ ދުރުވަން ބޭނުންވެފައިވާވަރުން ރަޒާންގެ ގާތްކަމަށް އޭނާއަށް އެދެވެއެވެ. އެހެނަސް ރަޒާންގެ ފުށުން އެންމެ ފަހަރަކު ފިޔަވާ އެގާތްކަން މެހެރީނަށް ލިބިފައެއް ނެތެވެ. ކޮންމެ ވަގުތަކުވެސް ވަރުބަލިކަން ބަހަނާއަކަށް ދައްކައި އެކަމުން ރަޒާން މަނާވެގަންނަނީއެވެ. އެކައިވެނި ދަމަހައްޓަން އިތުރަށް ކުރާނެކަމެއް މެހެރީންގެ ވިސްނުމަކަށް ނައެވެ. އަމިއްލަ ހާލާ މެދު ވިސްނާ ވިސްނާ ފަހަކަށް އައިސް ނުފިލާ ރިހުމެއް އޭނާގެ ބޮލުގައި ހަރުލައިފައި ހުރެއެވެ. ގޮތެއް ނިންމަން މެހެރީން ބޭނުންވީ އެހިސާބުންނެވެ.

ދުވަހަށް ހަމަޖެހިފައިވި ހުރިހައި އެޕޮއިންޓްމަންޓްތަކެއް ނިމުމުން މެހެރީން ހިންދެމިލަމުން އައިސް ކެބިންގެ ކުޑަދޮރުކައިރީގައި ބޭރު ފެންނާނޭހެން މަޑުކޮށްލިއެވެ. މަޑުމަޑުން އަތުގެ އިނގިލިތަކުން ނިތްކުރިމަތި އޭނާ މަސާޖުކޮށްލިއެވެ. ބޮލުގައި ރިއްސާވަރުން ބޮލަށް އެނބުރުން އަރާހެންވެސް އޭނާއަށް ހީވެއެވެ. ކަރުދޮށުގައި އަތްޖައްސައިލިއިރު ހުންވައްތަރުވެފައި ހުރީހެން އޭނާއަށް ހީވިއެވެ. އަނގައިން އަޑެއް ލައްވައިލަމުން އޭނާ އައިސް މޭޒުގެ ދޮށުގައިހުރި އޭނާގެ ގޮނޑީގައި އިނށީނެވެ. އެވަގުތު މޭޒުމަތީގައި ބާއްވައިފައި އޮތް ފައިލު އޭނާގެ ލޮލުގައި އަޅައިގަތެވެ. ވިސްނުމަކަށް ގެއްލިފައި އިން މީހަކު ފަދައިން އެފައިލް ނަގައި މެހެރީން ހުޅުވައިލިއެވެ. ދެތިންގަނޑު އެއްލުމާއެކު އޭނާގެ ހަރަކާތްތައް މަޑުޖެހުނެވެ. ފައިލް ތެރޭން ފެންނަންއޮތް ވަރީގެ ފޯމަށް ފުންނަޒަރަކުން މެހެރީން ބަލަން އިނެވެ. އޭރުވެސް ހުއްޓުމެއްނެތި އޭނާގެ ސިކުނޑި ދިޔައީ މަސައްކަތް ކުރަމުންނެވެ. ކުރެވެން މިއުޅޭ ކަންތަކާމެދު ވިސްނައިލަމުން ތުންފަތުގައި މަޑުމަޑުން ދަތްއަޅައިލިއެވެ.

"މީ ރަނގަޅު ނިންމުމެއްބާ.. ރަޒާން ގާތުން އަހަރެން ހަމަ ވަރިވާންވީތަ.. އާން.. ދެން އިތުރަށް މިފަދަ ގުޅުމެއްގަ ހައްޔަރުވެގެން އަހަންނަކަށް ނުހުރެވޭނެ.. ކިހާ ދުވަހެއް ވަންދެން ކެތްކުރަންވީ.. އެއްވެސް ކަމެއް ރަނގަޅުވިތަ.. ރަނގަޅުކުރަން ރަޒާން ބޭނުންވެސް ނުވާ ކަހަލަ.. އަހަންނަށް އަނިޔާ ކުރާއިރު އަހަރެންމީ އޭނާގެ އަނބިމީހާކަންވެސް ރަޒާން އަށް ނޭނގެނީތަ.. ނޫން.. ދެން އިތުރަށް އެންމެ ހިނދުކޮޅެއްވެސް އޭނާއާއެކު އަހަންނަށް ކެތެއް ނުވާނެ.." ހަމަހިމޭންކަމުގައި އިނދެ އަމިއްލަ ނަފުސާ ވާހަކަދައްކަމުން މެހެރީން ދިޔައެވެ.

"މިއޮއް ހުރިހާ ދުވަހު ރަޒާން އަނިޔާކޮށް ހިތުގަ ޖެއްސިއިރުވެސް އޭނާ ގާތުން ވަރިވާކަށް އެންމެ ފަހަރަކުވެސް މެހެރީން ނުވިސްނާ.. އަދި ކިރިޔާތަ ކެތްނުވާނެކަން އެނގުނީ.. ކީއްވެ.. އާރިޒް ފެނުނީމަތަ.. އޭނާދެކެ ލޯބިވެވުނީމަތަ.. އަވަހަށް މިނިވަންވެ އާރިޒް ގާތަށް ދާން ބޭނުންވީ ދޯ.. ތި ދެމެދަށް އެޅިފައޮތް ހަމައެކަނި ހުރަހަކީ ރަޒާން އެއްނު.. ވަރިވާން ބޭނުންވެގެން ތިއުޅެނީ އެހެންވެ.." ކުއްލިއަކަށް މެހެރީންގެ ކަންފަތްބުޑުގައި މަލާމާތުން ފުރިފައިވި އަމިއްލަ ޟަމީރުގެ އަޑު ގުގުމައިގަތެވެ. ދެލޯބޮޑުކޮށްލުމާއެކު އޭނާ ދެފަރާތަކަށް ބޯހޫރައިލިއެވެ.

"ނޫން.. އަހަރެން.. އަހަރެން ކޮންއިރަކު ބުނީ އާޒް ދެކެ ލޯބިވެއޭ.." ހާސްވެފައި އިންވަރުން އޭނާއަށް ވާހަކަދެއްކުނީ ބާރަށް ކަންވެސް މެހެރީނަށް ރެއަކާނުލިއެވެ.

"ދުނިޔެއަށް އޮޅުވާލިއަސް އަމިއްލަ ނަފުސަށް އޮޅުވާނުލާ.. މެހެރީން މިހާރު ލޯބިވަނީ އާރިޒްދެކެ އެއްނު.." އަނެއްކާވެސް އެއަޑު ޖަވާބުދިންކަހަލައެވެ. ނޭވާ ހިފަހައްޓާލުމާއެކު އިންތަނުން ފުންމައިގެން މެހެރީން ތެދުވެއްޖެއެވެ.

"އަހަރެން.. ނޫން.. އަހަރެން އާޒް ދެކެ.. ލޯބި.." ވަށައިގެން އެނބުރެމުން ތަންތަނަށް ބަލަމުންދިޔައިރު މެހެރީނަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ހާސްވެގެންގޮސް މީހާ ދަލުން ފޯވަމުންދިޔައެވެ. ކެބިންގައި ހުރި އޭސީގެ ފިނިކަންވެސް އޭނާއަށް އިހުސާސުނުވާކަހަލައެވެ. ކުއްލިއަކަށް އެކެބިންގައި ޓަކި ޖަހައިލަމުން ޖުމާނާ ހުޅުވައިލިއެވެ. މެހެރީން ހުރިގޮތް ފެނިފައި އޭނާ ވެސް ކަންބޮޑުވާގޮތްވިއެވެ. ޖުމާނާގެ އަޑަށް މެހެރީނަށް ހީވީ ހުވަފެނަކުން ހޭލުވީހެނެވެ. ހިންދިރުވައިލުމާއެކު އޭނާ ފުންނޭވާތަކެއްގައި އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލިއެވެ.

"ރީން.. އޯކޭތަ.. ބޮލުގަ މާބޮޑަށް ރިއްސަނީ ދޯ.." ހަލުވިކޮށް އައިސް މެހެރީންގެ ކޮނޑުގައި ހިފަހައްޓާލަމުން ޖުމާނާ ސުވާލުތައް އަމުނާލިއެވެ. މެހެރީންގެ ހަށިގަނޑު ހޫނުވެފައިވީވަރު އިހުސާސުވެ އޭނާއަށް ދެލޯބޮޑުކޮށްލެވުނެވެ. "ހާދަ ބޮޑަކަށް ހުން އައިސްފައޭ.. ހިނގާ ޑޮކްޓަރަށް ދައްކަން ދާން.. މިވަރުވީއިރުވެސް ނުބުނަން ދޯ ރީން ތި ހުންނަނީ.." ހިތްހަމަނުޖެހުމާއެކު ކަންބޮޑުވުންވެސް ޖުމާނާގެ އަޑުގައި އެކުލެވިގެންވިއެވެ. ނޫނެކޭބުނެ މެހެރީން ދެފަރާތަށް ބޯހޫރައިލިއެވެ. ޑޮކްޓަރަށް ދައްކަންދާން އޭނާ އުޒުރުވެރިވީއެވެ. މިވަގުތު އޭނާ ބޭނުންވަނީ ގެއަށް ގޮސް އަރާމުކޮށްލުމަށެވެ. އަތުގައި އޮތް ފައިލުގައި ހިފައި މެޔާޖައްސައި ބާރުކޮށްލަމުން ދަނީކަމަށްބުނެ މެހެރީން ހިނގައިގަތެވެ. ނަމަވެސް އެހާލުގައި މެހެރީން އެކަނި ގެއަށް ފޮނުވާކަށް ޖުމާނާ އެއްބަހެއް ނުވިއެވެ. އެހެންވެ އޭނާއާ އެކުގައި ދާނަންކަމަށްބުނެ ޖުމާނާ ގަދަހަދާލިއެވެ. އިތުރުގޮތެއްނެތް މީހަކު ފަދައިން މެހެރީންއަށް ޖެހުނީ އެއްބަސްވާށެވެ. "ޑޮކްޓަރަށް ދައްކަން އެއްބަސް ނުވަންޏާ ގެއަށް ގޮސް ރަނގަޅަށް އަރާމުކޮށް ބޭސްކާން ވާނެ.. އަދި ބުނަން އަހަންނަށް ބަރާބަރަށް ވާނުވާ އަންގަންވާނެ.. އަމިއްލަ ނަފުސާ މެދުވެސް ކޮންމެވެސް ވަރަކަށް ވިސްނާލަންވާނު.." ނުރުހުންވެފައި ޖުމާނާ ބުނެލިއެވެ.

ގެއަށް އައިސް އަރާމުކުރުމަކުން މެހެރީންގެ ހާލަތު ރަނގަޅުވާގޮތެއް ނުވިއެވެ. ރޯގާވައްތަރުގެ ބޮލަށް މާބޮޑަށް އެނބުރުން އަރާހެން ހީވަނީއެވެ. ކާއެއްޗެއްގެ ވަސްޖެހުނަސް މޭނުބައި ކުރާތީ ކެއުމާވެސް އޭނާ އަށް މާބޮޑަށް ދުރުވެވޭގޮތްވީއެވެ. ގައި ވަރުދެފަވެ މޭނުބައިކުރާތާވެސް މިހާރު ދެތިން ދުވަސް ވެއްޖެއެވެ. މެހެރީން ހީކުރީ އެހުރިހައިކަމެއް ގުޅިފައިވީ އޭނާ ހުންވައްތަރުވުމުން އެކަމާކަމަށެވެ. އެއީ ރޯގާވައްތަރުގެ ހުން އައިސްފިނަމަ އާންމުކޮށް އޭނާއަށް ކުރިމަތިވާ އުނދަގޫތަކަކަށް ވުމުންނެވެ.

ހަށިގަނޑު މާބޮޑަށް ވަރުދެރަވުމުން އެންމެ ފަހުން ގޭ ގެންގުޅޭ ކުއްޖެއްގެ އެހީތެރިކަމާއެކު މެހެރީން ގަސްދުކުރީ ޑޮކްޓަރަށް ދައްކާލަން ދިއުމަށެވެ. މެހެރީންގެ ހާލު އެނގި އާރިޒްވެސް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. އެމީހުންގެ އިންތިޒާރުގައި ގޭގައި މަޑުކޮށްލައިގެން ވަގުތު ގުނައިލަ ގުނައިލައި އާރިޒް ހުއްޓެވެ. ރަޒާން އަނެއްކާވެސް ބިޒްނަސް ދަތުރަކު ގައުމުން ބޭރަށް ގޮސްފައިވުމުން ހަވީރުގެ އެވަގުތު ގޭތެރަށްވެސް ވެރިވެފައިވީ ހިމޭންކަމެވެ.

ޑޮކްޓަރަށް ދައްކައިފައި މެހެރީން ގެއަށް އައީ ޑޮކްޓަރު ހަދަންދިން ޓެސްޓްތައް ހެދުމަށްފަހުއެވެ. ނަތީޖާ ނަގަން ފަހުން ދާނީކަމަށްބުނެ އޭނާ ބޭނުންވީ އަވަހަށް ގެއަށް އަންނާށެވެ. އެނދުގައި އޮށޯވެލުމާއެކު ވަރުބަލިގޮތަކަށް މެހެރީން ދެލޯމަރައިލިއެވެ. އާރިޒްގެ ސުވާލުތަކަށް ޖަވާބުދޭނެހައި ވަރެއްވެސް އޭނާގެ ހަށީގައި ނެތީއެވެ. އެހެންވެ ޑޮކްޓަރު ދެއްކި ވާހަކަތައް ކުރު ގޮތަކަށް ބުނެލުމަށްފަހު އައީއެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރު ވަގުތެވެ. ކޮންމެވެސް ވަރަކަށް ހުން މަޑުވެ ގައިގައި ވަރުޖެހިފައިވުމުން މެހެރީން ގަސްދުކުރީ ހޮސްޕިޓަލަށް ގޮސް ކުރިން ދުވަހު ހެދި ޓެސްޓްތަކުގެ ނަތީޖާ ނެގުމަށެވެ. ނަތީޖާ ލިބުމުން ހޮސްޕިޓަލުން ގުޅި ނަމަވެސް ރޭގައި އިތުރު ތަނަކަށް ދާނެހައި ވަރެއް އޭނާގެ ނެތެވެ. ނަތީޖާ ނަގަން ދިއުން ފަސްކޮށްލީ އެހެންވެއެވެ.

ރޫޅާލައިފައިވި އިސްތަށިގަނޑުގައި އަތް ހިންގައިލަމުން މެހެރީން އައިސް ގަރާޖުގައި އޮތް ކާރަށް އެރިއެވެ. އަދި ހޮސްޕިޓަލާ ދިމާއަށް މިސްރާބުޖެހިއެވެ. ގެއިން ނުކުތް ވަގުތު އާރިޒްއާ ދިމާވެ އޭނާ ދާތަނަކާމެދުގައި ސުވާލުކުރުމުން މެހެރީން އޮޅުންފިލުވައިދިނެވެ. ބަލިވީއްސުރެ ބަރާބަރަށް އާރިޒް އޭނާގެ ހާލު ބަލަމުން އައީތީ މެހެރީނަށް ލިބިފައިވީ އަޖައިބެއްފަދަ ހިތްހަމަޖެހުމެކެވެ. ހިތުގައި އާރިޒްއަށް ދެވިފައިވި މަޤާމު މަތިވިކަހަލައެވެ.

މެހެރީންގެ އިންތިޒާރުގައި ގޭގެ ވަންނަ ދޮރުކައިރީގައި އާރިޒް އިނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލި އާރިޒްގެ ނިތަށް ރޫތައް ޖަމާވެލީ ކަމަކާމެދު ވިސްނާފަދައިންނެވެ. މެންދުރު ދިޔަގޮތަށް އިރުއޮއްސެން ކައިރިވީއިރުވެސް މެހެރީންގެ ޚަބަރެއް ނުވީތީ އޭނާ އިނީ ހިސާބަކަށް ހާސްވާގޮތް ވެފައެވެ. މެހެރީނަށް ކަމެއްވީކަމަށް ހީކޮށް އޭނާއަށް ކުރެވިފައިހުރި މެސެޖުތަކަށްވެސް އެތައް ފަހަރަކު އާރިޒްއަށް ބެލިއްޖެއެވެ. އެއިން އެއްވެސް މެސެޖަކަށް މެހެރީން ޖަވާބުދީފައެއް ނެތެވެ. ކަންބޮޑުވެފައިވީ އެހެންވެއެވެ. އަނެއްކާ މެހެރީނަށް ކަމެއްވީބާއެވެ.

ފިކުރުތަކަށް ގެއްލިފައި އިން އާރިޒް އަށް ހަމަހޭވެރިކަން ލިބުނީ ގޭތެރަށް ވަދެގެން އައި ކާރު ފެނިފައެވެ. ކާރު ޕާރކް ކޮށްލަމުން އޭގެން ފޭބި މެހެރީން ފެނިފައި އާރިޒްއަށް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އެހެނަސް ދެވަނަ ސުކުންތު މެހެރީން ހުރި ގޮތް ފެނިފައި އޭނާ ސުވާލުއުފެދޭގޮތްވިއެވެ. ގެއިން ނުކުމެގެން ދިޔައިރު މޫނުމަތީގައި ހުރި ހަމަޖެހުމުގެ އެއްވެސް އަސަރެއް އޭނާގެ ފުށުން ފައުޅުވާތީ ނުފެނެއެވެ. މުޅިކުއްޖާ ހީވަނީ ޝޮކެއް ޖެހިފައިހުރިހެނެވެ. މޫނުގެ ކުލަ ފަނޑުވެފައިވީއިރު، މެހެރީންގެ ހަރަކާތްތަކުގައިވެސްވީ ލަސްކަމެވެ. އެސްފިޔަ ޖަހައިލުމެއްނެތި ކުރިއަށް ބަލަމުން އޭނާ އައެވެ. އާރިޒް ގޮވައިލުމުން އެއްވެސް ދިރުމެއް ނެތް ފަދައިން އޭނާ ބަލައިލިއެވެ. ވީގޮތަކާމެދު އާރިޒް ސުވާލުކުރީ ދެނެވެ. އިރުކޮޅަކު ހަރަކާތެއްވެސް ކޮށްނުލައި ހުރުމަށްފަހު ދެފަރާތަކަށް މެހެރީން ބޯހޫރައިލިއެވެ. އަދި ކަރުކެހިލުމާއެކު ނިކަން އަވަހަށް އިސްޖަހައިފިއެވެ.

"މެހެރް.. ކަމެއް ގޯސްވީތަ.. ކީކޭ ޑޮކްޓަރު ބުނީ.. ކީއްވެ ލަސްވީ.." މެހެރީނާ ގާތަށް ގޮނޑި ދުއްވައިލަމުން އާރިޒް އެއްސެވެ. "ނޫން.. ހު..ހުރިހާ ކަމެއްވެސް ރަނގަޅު.. ހެހެ.. އާޒް ހާދަ އަވަހަށޭ ދޯ ތިކަންބޮޑުވަނީ.. ލަސްވީ އެކުވެރިއަކާ ދިމާވެގެން މަޑުކޮށްލަން ޖެހުނީމަ.. އާޒް.. މިވަގުތު ވަރަށް ވަރުބަލިވެފަ މިހުރީ.. އަރާމުކޮށްލަން ބޭނުމީ.." ގަދަކަމުން ހިނިތުންވެލަމުން މެހެރީން ބުންޏެވެ. މޫނުމަތީގެ ކުލަވަރު މެހެރީން ބަދަލުކޮށްލިލެއް އަވަސްކަމުން ހިނދުކޮޅަކަށް އާރިޒްއަށްވެސް ހުއްޓުންއަރާގޮތްވިއެވެ. ނުބުންޏެއްކަމަކު މެހެރީނަށް ކޮންމެވެސް ކަމެއްވެއްޖެކަމުގައި އޭނާ ހިތް ބުނެލިއެވެ. އެހެނަސް ހިތުގައިވީ ސުވާލުތައް އޮއްބައިލަމުން އޭނާ ބޯޖަހައިލީ އެންމެ ރަނގަޅޭ ބުނެލަމުންނެވެ.

އޭގެ ފަހުން ދެދުވަސް ފާއިތުވެ ދިޔައިރުވެސް އާރިޒްއާ ހަމަޖެހިގެން ވާހަކަދެއްކުމަށް މެހެރީން އައީ ދެކޮޅު ހަދަމުންނެވެ. ކޮންމެވެސް ބަހަނާއެއް ދައްކައި އާރިޒްގެ ކުރިމަތިން ސަލާމަތްވުމަށް އޭނާ މަސައްކަތްކުރެއެވެ. ދަންވަރުގެ ވަގުތުތަކު އާންމުކޮށް ދެމީހުން ވާހަކަދައްކަން ތިބޭ ތަނުގައި މެހެރީންގެ އިންތިޒާރުގައި އާރިޒް ވަގުތުތައް ގުނައެވެ. އެހެނަސް ދެރޭ ފާއިތުވެދިޔައީ މެހެރީންގެ ޚަބަރެއް ނުވެއެވެ. ގޭގައި މެހެރީން އުޅޭކަން އޭނާއަށް ޔަގީންވެއެވެ. ނަމަވެސް ކުއްލިއަކަށް މެހެރީނަށް އެހައި ބަދަލު އަންނަޖެހުނު ސަބަބެއް ނުވިސްނުނެވެ.

ޖެހިގެން އައި ރޭވެސް މެހެރީންގެ އިންތިޒާރުގައި އާރިޒް ގޭގެ ގޯތިތެރޭގައި ހިޔާކޮށްފައިހުރި ބައިގައި މަޑުކޮށްލައިގެން އިނެވެ. ފަޒާގައިވި ތެތްފިނިކަމުން ވިއްސާރަވާން އުޅޭހެން ހީވެ އުޑުމައްޗަށް އޭނާ ނަޒަރު ހުއްޓައިލިއެވެ. ހަނދާއި އޭގެ ބައިވެރިންގެ އުފައުތަކަށް ހުރަސްއަޅައިފައި ކަޅު ވިލާތައް ފެނުނީ އެހިނދުއެވެ. ހަށިފުރާ ދޫކޮށްލި ނޭވާއާއެކު އަތުކުރީގައި އޮތް ގަޑިއަށް އާރިޒް ބަލައިލިއެވެ. އަދި އެތަނުން ދިއުމަށް އެނބުރިލިއެވެ. އެވަގުތު އޭނާއަށް ބަލަހައްޓައިގެން ހުރި މެހެރީން ފެނިފައި އާރިޒް ސިހޭގޮތްވިއެވެ. އެތަންފެނި މެހެރީން ހިނިގަނޑެއް ޖަހައިލިއެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައި އާރިޒްއަށް އިނދެވުނީއެވެ. މިހާރު އޭނާގެ ކުރިމަތީގައި ހުރި މެހެރީންއެކޭ ކުރީގެ މެހެރީންއެކޭ އެއްވެސް ތަފާތެއް ނެތެވެ. ހިނިތުންވެފައި ހުރިއިރު އެމޫނުން ފައުޅުވަމުން ދިޔައީ މައުސޫމުކަމެވެ. އާރިޒް ބަލަން އިނުމުން ނިތް އަރުވައިލުމަށްފަހު އެދިމާއަށް މެހެރީން ހިނގައިގަތެވެ. ކުދި ފިޔަވަޅުތަކެއްގައި އައިސް އާރިޒް ގާތުގައި މެހެރީން އިނށީނެވެ.

"ސޮރީ.." އާރިޒްއަށް ބަލަން އިނދެ ތުންފިއްތައިލަމުން މެހެރީން ބުންޏެވެ. "ކީއްވެ.." އާރިޒް އެއްސެވެ. "އަހަންނަށް އެނގޭ އަހަންނަށް ވީގޮތެއް ނޭނގި އާޒް ތިއިނީ ވަރަށް ކަންބޮޑުވެފަކަން.. އެކަމު ހަމަ ތެދެއް މިބުނީ.. އައި އެމް ފައިން.. ޑޮކްޓަރަށް ދައްކާފަ އައި ފަހުން މާބޮޑަށް ބަލިވީ.. ވަރުދެރަވެ ބޮލަށް އެނބުރުން އަރާވަރުން އެނދުން ތެދުވެލާނެ ހިތްވަރުވެސް ނެތީ.. ސޮރީ އާޒް.. ޚަބަރެއް ނުވެވުނީވެސް އަދި މިތަނަށް ނާދެވުނީވެސް އެހެންވެ.." އިސްޖަހައިލައިގެން އިނދެ މެހެރީން ބުނެލިއެވެ. "ދެން ކީއްވެ އަހަރެން ގާތު ނުބުނީ.. ކީއްވެ އަހަރެން ފެންނައިރަށް އަހަރެން ކުރިމަތިން ދުރަށްދާން އުޅެނީ.." އަސަރުން ފުރިފައިވި ގޮތަކަށް އާރިޒް އަހައިލިއެވެ. މެހެރީން ކަންތައް ކުރިގޮތުން ހަގީގަތުގައިވެސް އޭނާގެ ހިތުގައިވީ ޝަކުވާތައް ފުނިޖެހިފައެވެ. "އިގްނޯރ ކުރާކަށްނޫން.. ބޮލަށް ގޮތްވެފަ ހުންނަވަރުން ކުރެވޭ ނުކުރެވޭކަމެއްވެސް އަހަންނަށް ނޭނގުނީ.." މާޔޫސީ ގޮތަކަށް މެހެރީން ބުންޏެވެ. އެންމެ ރަނގަޅޭބުނެ އާރިޒް ބޯޖަހައިލީއެވެ. ދުރަށް ނަޒަރު ހުއްޓާލައިގެން އާރިޒް އިނެވެ. ހިމޭންކަން ދެމެދަށް ވެރިވުމުން އެކަމުން ދެމީހުނަށްވެސް ބުނެދޭން ނޭނގޭ އުނދަގޫ އިހުސާސުތަކެއް ކުރެވުނެވެ.

އެސްފިޔަ ޖަހައިލުމެއްނެތި މެހެރީނަށް ބެލެމުންދިޔައީ އާރިޒްގެ މޫނަށެވެ. އެލޮލުން އެތައް ޖަޒުބާތެއް އެއްފަހަރާ ފައުޅުވާން ހުއްޓެވެ. އާރިޒްއަށް ބަލަން އިން އިރު އޭނާގެ ހިތަށް އެތައް ވާހަކަތަކެއް އަރައި ފައިބަމުންދިޔައެވެ. އާރިޒްގެ ގާތްކަމަށް އިންތިހާއަށް ހިތް އެދެމުންދިޔައެވެ. މެހެރީން ހިމޭންވެފައި އިނުމުން އެއްޗެކޭ ބުނަން ގަސްދުކޮށް އޭނާއާ ދިމާއަށް އާރިޒް ބަލައިލިއެވެ. އެހެނަސް މެހެރީން އޭނާއަށް ބަލަން އިންގޮތްފެނި އާރިޒްގެ ބަސްހުއްޓޭގޮތްވިއެވެ. އެދެލޮލުން ފައުޅުވާންހުރި ބޭޤަރާރުކަމާއި އާދަޔާ ޚިލާފު ބޭނުންވުމެއްގެ އަސަރުތައްފެނި އާރިޒްގެ ހިއްސުތައް ހޭލައްވައިލި ކަހަލައެވެ. ހިތުގެ ވިންދު އަވަސްވެލީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭއެވެ. ބަހެއްވެސް ނުބުނެ މެހެރީންގެ ފުން ދެލޮލަށް ނަޒަރު ސީދާކޮށްލައިގެން އާރިޒް އިނެވެ.

ޖެހިލިފިނި ރޯޅިއާއެކު މެހެރީންގެ އިސްތަށިގަނޑު ވިހުރިގެން ދިޔައެވެ. މޫނުމައްޗަށް ވެއްޓުނު ދެތިން އިސްތަށިކޮޅުވެސް ރަނގަޅުކޮށްލުމެއް މެހެރީން އިނީއެވެ. ގުޑިލަންވެސް އޭނާ ބޭނުންނުވާފަދައެވެ. މަޑުމަޑުން އަވަސްވަމުންދިޔަ ނޭވައާއެކު މެހެރީނަށް ހިންދިރުވައިލެވުނެވެ. އެވަގުތު ކުޑަކޮށް ގުދުވެލަމުން ލަސްލަހުން މެހެރީންގެ މޫނުމައްޗަށް ވެއްޓިފައިވި އިސްތަށިކޮޅު އާރިޒް އެއްފަރާތްކޮށްލިއެވެ. މެހެރީންގެ ކޯތާފަތުގައި ފިނިވެފައިވި އާރިޒްގެ އަތްތިލަ ބީހިލުމާއެކު އޭނާގެ ހަށީގައި މަޑުމަޑު ތުރުރުރެއް އުފެދުނެވެ. ދެލޯމަރައިލެވުނީ ބޭއިޚުތިޔާރުގައެވެ. އެތަންފެނި އާރިޒްގެ ކެތްތެރިކަން ކޮޅުންލީކަހަލައެވެ. ކުރެވެމުންދިޔައީ ކިހައިވަރެއްގެ ކަމެއްކަން ދެމީހުންކުރެ އެކަކަށްވެސް އިހުސާސުނުވާފަދައެވެ.

އާރިޒްގެ ބޮޑުވައި އިނގިލި މެހެރީންގެ ކޯތާފަތްމަތިން ލައިފައި ލަސްލަހުން އައިސް އެމަޑު ފިޔާތޮށިކުލައިގެ ތުންފަތުގައި ބީހިލިއެވެ. އެއިހުސާސާއެކު މެހެރީންއަށް ދެލޯހުޅުވައިލެވުނެވެ. ނުރައްކާތެރި ދަރަޖައަކަށް ދެމީހުންގެ މޫނު ކައިރިވެފައިވީއިރު ހަތަރުކަޅިވީ ބައްދަލުވެފައެވެ. އެކަކު އަނެކެއްގެ ލޮލުގެ ތެރަށް ގެނބެމުންދިޔައިރު ދެހިތްވެސް އެދިގޮވަމުންދިޔައީ އެއްކަމަކަށެވެ.

"މެހެރް.." އާރިޒްގެ އަޑުގައިވެސް މަސްތުކަމެއްގެ އަސަރުއެކުލެވިފައެވެ. އެހެނަސް އެއަޑުން މެހެރީނަށް ހަމަބިމަށް އާދެވުނުފަދައެވެ. ކުރެވެން މިއުޅެނީ ކިހައިވަރެއްގެ ކަމެއްކަން އޭނާއަށް އިހުސާސުވީ ދެނެވެ. އެހެނަސް ހަރަކާތެއް ކޮށްލުމަށްވެސް އޭނާ ނުކުޅެދިފައިވީ ފަދައެވެ. ބަހެއްބުނުމަށް ތުންފަތް ހަރަކާތްކޮށްލި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. އާރިޒްގެ ނަޒަރު ލަސްލަހުން މެހެރީންގެ ތުންފަތަށް ދަތުރުކޮށްލުމަށްފަހު އަނެއްކާވެސް އެދެލޮލަށް އަމާޒުވެއްޖެއެވެ. އަމިއްލަ އިހުސާސުތަކުގައި އޭނާވީ މާދުރަށް ބެހިގެންގޮސްފައެވެ.

"މެހެރް.. މެހެރް ދެކެ.. އަހަރެން.. އަހަރެން.."

"އަހަރެން ބަނޑުބޮޑު.." އާރިޒްގެ ޖުމުލަ މެދުކަނޑައިލަމުން ދެލޯމަރައި ފިއްތައިލުމަށްފަހު މެހެރީން ބުނެލިއެވެ.

(ނުނިމޭ)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!