ދުނިޔެ

އަފްގާނުގެ އެންޖީއޯތަކުގައި އަންހެނުންނަށް ހުއްދަދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގައި ހާލުގައި ޖެހިފައި ތިބި އާންމު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަންހެނުން ބައިވެރިވުމާ ބެހޭ ގޮތުން އާ އުސޫލެއް ކަނޑައެޅުމަށް ފަހު، ވަރަށް އަވަހަށް އެކަމަށް ހުއްދަ ދޭނެ ކަމަށް، ތާލިބާން ޖަމާއަތާ ހަވާލާދީ، އދ. އިން ބުނެފި އެވެ.

Ads by Sosun Fihaara

އދ.ގެ އަންޑަ ސެކްރެޓަރީ-ޖެނެރަލް ފޯ ހިއުމެނިޓޭރިއަން އޮޕްރޭޝަންސްގެ މަގާމުގައި ހުންނެވި މާޓިން ގްރިފިތު ވިދާޅުވި ގޮތުގައި، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަންހެނުން ބައިވެރިކުރުމާ ބެހޭ ގޮތުން، އަފްޣާން ސަރުކާރާ އެކުގައި ކުރެވުނު މަޝްވަރާތަކުން މިހާރު ވަނީ އަލި މަގެއް ފެންނަން ފަށައިފަ އެވެ. އެ މަޝްވަރާތަކުގައި ތާލިބާނުން ވަނީ، އެ މަސައްކަތުގައި އަންހެނުން ބައިވެރިކުރުމާ ބެހާ އާ އުސޫލެއް ވަރަށް އަވަހަށް ކަނޑައަޅައި އެކަމަށް ހުއްދަ ދިނުމަށް ނިންމައިފަ އެވެ.

އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެއްވެސް އަންހެނަކަށް ނޫޅެވޭނެ ކަމަށް، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ތާލިބާން ސަރުކާރުން ނިންމުމާ ގުޅިގެން، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ. އަދި އެހީ ދިނުމުގައި ބައިވެރިވާ ބޭރުގެ ބައެއް ޖަމިއްޔާތަކުން ވަނީ މަސައްކަތް ވެސް ހުއްޓާލައިފަ އެވެ.

އދ. މަޖިލިސް މެދުވެރިކޮށް ހުޅަނގުގެ ގައުމުތަކުން ފޮނުވާ އެހީގެ ސާމާނު އާންމުންގެ ތެރެއަށް ބެހުމުގައި އަފްޣާނިސްތާނުގެ އަންހެނުން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެހެންކަމުން، ތާލިބާން ސަރުކާރުގެ އެ ނިންމުމާ ގުޅިގެން، އެތައް މިލިއަން ބަޔަކު މިހާރު ތިބީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައި ކަމަށް، އެހީދޭ ޖަމިއްޔާތަކުން ބުނެ އެވެ.

މާޓިން ގްރިފިތު ވިދާޅުވި ގޮތުގައި، މިއަހަރުގެ ތެރޭގައި މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ ބޮޑު ހަރަކާތެއް ކުރިއަށް ދާނީ އަފްޣާނިސްތާނުގަ އެވެ. އެ ގައުމުގެ 28 މިލިއަނަށް ވުރެ ގިނަ އާންމު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެއްޗާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނެތުމުގެ ސަބަބުން އެތައް މިލިއަން ބަޔަކު މިހާރުވެސް ހައިހޫނުކަމުގެ ތެރޭގައި ތިބި އިރު، މިހާރު ކުރިމަތިވެފައިވާ ގަދަ ފިނީގެ ސަބަބުން، އެމީހުންގެ ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ. ގަދަ ފިނިން ސަލާމަތްވުމަށް ބޭނުންވާ ހީޓަރާއި ރަޖާ ފަދަ ތަކެތި ނެތި، ގަދަ ފިނީގައި ތިބެން ޖެހުމުން، މިހާތަށް 130 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ބައެއް ގޭބިސީތަކުގައި ކަރަންޓުން ބޭނުންކުރާ ހީޓަރާއި ގޭހުން ބޭނުންކުރާ ހީޓަރު ހުރި ނަމަވެސް، ބައެއް ސަރަހައްދުތަކުގައި ކަރަންޓު ނެތުމުން އެފަދަ ތަކެތި ބޭނުންކުރެވޭނެ ގޮތެއް ނެތެވެ. އަދި ގޭހާއި ތެލުގެ ބާވަތްތައް ލިބުން ދަތިވެފައިވާތީ، ގޭހުން ބޭނުންކުރާ ހީޓަރުތައް ހުރީ ގުދަންތަކުގައި ރައްކާކޮށްފަ އެވެ.

އެހީ ދޭ ޖަމިއްޔާތަކުގައި އަންހެނުން މަސައްކަތް ކުރުން ތާލިބާނުންގެ ސަރުކާރުން މަނާކުރީ، އެ ގައުމުގެ އަންހެނުންގެ ހައްގުތައް ނިގުޅައިގަތުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ގިނަ ނިންމުންތަކެއް ނިންމުމަށް ފަހު އެވެ. އެ ގޮތުން އެ މަހުގެ ތެރޭގައި ތާލިބާން ސަރުކާރުން އެޅި އެއް ފިޔަވަޅަކީ، އެ ގައުމުގެ ހުރިހާ ޔުނިވަސިޓީތަކުގައި އަންހެނުންނަށް ކިޔަވައިދިނުން މަނާ ކުރުމެވެ.

އޭގެ ފަހުން ތާލިބާނުން ވަނީ، އެ ގައުމުގެ އަމިއްލަ މީހުން ހިންގާ ކުންފުނިތަކާއި އޮފީސްތަކާއި ޖަމިއްޔާތަކުގައި އަންހެނުން ވަޒީފާ އަދާކުރުން ވެސް މަނާކޮށްފަ އެވެ.

ވިހި އަހަރު ވަންދެން އަފްޣާނިސްތާން އަޅުވެތިކޮށްގެން ތިބުމަށް ފަހު، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ނޭޓޯގެ ސިފައިން، އޮގަސްޓް 2021 ގައި އެ ގައުމުން ފޭބުމާ އެކު، އެ ގައުމުގައި ވެރިކަން ކުރަމުން އަންނަނީ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނެވެ. އެއަށް ފަހު އެ ގައުމުގެ އަންހެނުންނާ މެދު ތާލިބާން ސަރުކާރުން އަމަލުކުރަމުން އަންނަނީ ވަރަށް އިހާނެތި ގޮތަކަށެވެ.

އެ ގޮތުން ތާލިބާނުން އެޅި އެންމެ ފުރަތަމަ ފިޔަވަޅަކީ، ސަރުކާރުގެ ވަޒީފާތަކުގައި ތިބި ހުރިހާ އަންހެނުން ވަޒީފާތަކުން ވަކިކޮށްލުމެވެ. އެއަށް ފަހު، 2021ގެ ޑިސެމްބަރު މަހުން ފެށިގެން، ސާނަވީ މަރުހަލާގެ ސްކޫލްތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން ވަނީ މަނާކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!