ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ރަޒާނަށް އޭނާ ބަލިވެއިންކަން އެނގިއްޖެނަމަ ކަންތައްކުރާނީ ކިހިނެއްބާއެވެ. ރަޒާން އުފާވާނެ ހެއްޔެވެ. އޭނާއާ މެދުގައި ކަންތައްކުރާ އިހާނެތިގޮތް ބަދަލުވެދާނެ ހެއްޔެވެ؟ އޭނާއާއެކު އެދަރިފުޅު ރަޒާން ބަލައިގަންނާނެބާއެވެ. ދަރިފުޅަށްޓަކައި ނަމަވެސް އެކައިވެނީގައި ދެމިހުރުމަށް ވިސްނައި އަނެއްކާ މެހެރީނަށް އެ ނިންމެނީ އެންމެ ރަނގަޅު ނިންމުމެއްބާއެވެ.

Ads by STELCO

ރަޒާނަން މެހެރީން ބަލިވެއިން ޚަބަރު ލިބުމުން އޭނާގެ ކިބައިން ފައުޅުވީ މެހެރީން އުއްމީދުވެސް ނުކުރާފަދަ އުފައުވެރިކަމެވެ. ވީ އެންމެ އަވަހަކަށް ވިޔަފާރި ދަތުރު ނިންމައިލުމަށްފަހު އެނބުރި އަންނާނެކަމުގައި އޭނާ ބުންޏެވެ. އަމިއްލަ ހިތަށް ތަދުވިއަސް މެހެރީން އިސްކުރީ އޭނާގެ ބަނޑުގައިވި ދަރިފުޅެވެ. އެދަރިފުޅަށްޓަކައި އަމިއްލަ އުފައުވެރިކަން ގުރުބާންކުރީއެވެ.

ޑޮކްޓަރަށް ދައްކަން ދިޔައިރު ކުޑަކޮށްވެސް އޭނާ ބަލިވެއިނދެފާނެ ކަމަށް މެހެރީން ހިއެއްނުކުރެއެވެ. އެޚަބަރު ފުރަތަމަ ލިބުމުން ގަބޫލުކުރަން ދަތިވީވެސް އެހެންވެއެވެ. އެންމެން އުއްމީދު ކަނޑައިލައިފައި ވަނިކޮށް އޭނާ ބަލިވެއިނުމުންނެވެ. ޚުދު ޑޮކްޓަރުވެސް ހުރީ ހައިރާންވެފައެވެ. ޔަގީންކުރުމަށް ދެވަނަ ފަހަރަށްވެސް މެހެރީން ޓެސްޓް ކުރިއެވެ. ނަތީޖާ ބަދަލެއް ނުވިއެވެ. ލިބުނު އުފައުވެރިކަމާއެކު އެހިތަށް ތަދުކުރި ކަމަކަށް އާރިޒްގެ ޚިޔާލުތައްވިއެވެ. އެތައް ދުވަހެއްގެ އުއްމީދު ފުރިހަމަވެގެން އައި އިރު، އުފާވާންވީ އެންމެ ބޮޑަށް މެހެރީން އުފާނުވީ އެހެންވެ ކަންނޭނގެއެވެ.

ކުރިން ރޭގެ ހާދިސާއަށްފަހު އާރިޒްއާ ކުރިމަތިލުން މެހެރީނަށްވީ ދަތިކަމަކަށެވެ. އަމިއްލަ ނިންމުމުގެ މަތީގައި ދެމިހުރުން އޭނާ އަށް މުހިންމެވެ. އެކަމަކު އާރިޒްއާ ދެމެދު ގުޅުން ބަދަހިވީވަރަކަށް އެނިންމުމުގައި ދެމިހުރުން މެހެރީނަށްވާނީ ކެތްނުވާވަރުގެ ކަމަކަށްކަށް ޔަގީނެވެ. އާރިޒްއާ އެކުގައި ހޭދަވަމުންދިޔަ ވަގުތުތައް އޭނާ މުޅީން ހުއްޓައިލީއެވެ. ރޭގަނޑުގެ ވަގުތުތަކު އޭނާގެ އިންތިޒާރުގައި އާރިޒް ހުންނާތީ އޭނާ ސިއްރުން ބަލައެވެ. ނަމަވެސް އެތަނަށް އިތުރަށް ދާނެހައި ވަރެއް އޭނާގެ ކިބައިގައި ނެތެވެ. ލޯބިވާ ފަރާތާއެކުގައި ވާހައި ހިނދަކު އެލޯބި ހިތުން ފިލާނީ ކިހިނަކުންހެއްޔެވެ.

ގޭތެރޭގައި ހޭދަވާ ވަގުތުތައްވެސް މެހެރީން އުޅެނީ އާރިޒްއަށް ފިލަފިލައިގެންނެވެ. އެއްގޮތަކަށްވެސް އާރިޒް ކުރިމައްޗަށް އަރަން އޭނާ ބޭނުންނުވާ ކަހަލައެވެ. މެހެރީންގެ މި ކުއްލި ބަދަލު އާރިޒްއަށް މާނަކުރެވުނީ އެހެން ގޮތަކަށެވެ. އެހައި ގާތްކޮށް އުޅެފައި ކުއްލިއަކަށް މެހެރީން އޭނާ ދުރުކޮށްލުމުން ނޭނގޭ ރިހުމެއް އޭނާ މުޅިން ގައިދުކޮށްލިފަދައެވެ. ދެމެދަށް ދުރުކަން އައިސް ބޯފާރެއް ލެވުނީ ހީވެސްނުކޮށް ހުއްޓައެވެ. އޭނާއަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްކަމެއް އާރިޒްއަކަށް ނުވިސްނުނެވެ. މެހެރީން އެފަދައިން ކަންތައްކުރަންވީ ސަބަބެއް ނޭނގުނެވެ. ދެމެދުގައިވި ގުޅުން އެހައި ފަސޭހައިން މެހެރީނަށް ކަނޑައިލެވުނުއިރު، އޭނާއަށް އެކަމުންކުރި އަސަރު ހަމަ ނުވިސްނުނީބާއޭ ހިތަށް އެރިއެވެ. ކޮޓަރީގެ ހަތަރުފާރުތެރޭ އާރިޒް މުޅީން އެކަނިވެއްޖެއެވެ. މެހެރީން އޭނާގެ ސޫރަވެސް ދެކެން ބޭނުންނުވާކަމުގައި އަމިއްލަ ނަފުސު ވިސްނައިދިނީތީއެވެ.

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ގަސްތަކުގެ ފަތްތަކުތެރޭން ފުރޭނިގެން އައިސް އިރުގެ ރަން ދޯދިތައް ގޯތިތެރަށް އެޅިފައި ހުއްޓެވެ. އެތަނުން ގަހެއްގެ ދޮށުގައި ބަހައްޓައިފައިހުރި މޭޒެއް ކައިރީ އާރިޒް އިނެވެ. ކުރިމަތީ އާވި އަރައަރާހުރި ކޮފީގެ ވަހުން މުޅި މާހައުލު އެއްވަސްކޮށްލައިފައި ވިއެވެ. އާރިޒްގެ ނަޒަރުވީ އެހެންދިމާއަކަށް ހުއްޓިފައެވެ. ހަމަހިމޭންކަމުގައި އޭނާ އިންއިރު އެމޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުން ކޮންމެވެސް ކަމަކާމެދުގައި ވިސްނަނީކަން ދޭހަވެއެވެ.

ހުޅުވުނު ދަގަނޑު ގޭޓުގެ އަޑަށް އެދިމާއަށް އާރިޒް ބަލައިލިއެވެ. އެތެރަށް ވަތް މެހެރީންގެ ކާރުފެނި އޭނާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ފުންނޭވައެއް ދޫކޮށްލުމާއެކު އަމިއްލަ ނަފުސު ކަމަކަށް ތައްޔާރުކޮށްލި ކަހަލައެވެ. ކާރު ގަރާޖުގައި ޕާރކް ކޮށްލުމަށްފަހު އެދިމާއަށް މެހެރީންނަށް އާރިޒް ފެނުމާއެކު އޭނާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. ހިނދުކޮޅަކު އާރިޒްއަށް ބަލަން ހުރުމަށްފަހު އިސްޖަހައިލަމުން މެހެރީން ހިނގައިގަތީ އާރިޒް ނުފެންނަކަމަށް ހަދަމުންނެވެ. ބަލާކަށް ނުހުރެ އެދިމާއަށް ބާރުބާރަށް އާރިޒް ގޮނޑި ދުއްވައިލިއެވެ. މެހެރީން ގެއަށް ވަނުގެ ކުރިން އޭނާގެ ކުރިމަތީގައި އައިސް ހުއްޓެމުން އާރިޒް ގޮވައިލިއެވެ. އެ އަޑު އިވުނެއްކަމަކު މެހެރީން ބަލައެއްނުލިއެވެ.

"މެހެރް.. ވަޓްސް ރޯންގް.." ކެތްތެރިކަން ކުޑަ ގޮތަކަށް އާރިޒް އެއްސެވެ. ހަގީގަތުގައިވެސް މެހެރީން ކަންތައްކުރަމުންދިޔަ ގޮތުން އާރިޒް ހިތުގައި ޖެހިއްޖެއެވެ. "ކަމެއް ނުވޭ.. އަހަރެން ދާން ވެއްޖެ.." އިސްއުފުލައިލުމެއްނެތި މެހެރީން ވާހަކަދެއްކީ ރުންކުރު ގޮތަކަށެވެ. "ވީގޮތެއް ނުބުނެ ނުދެވޭނެ.. އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ.. އެހެންވީއިރު އަހަރެން މަޢާފަށް އެދެން.. އެކަމަކު މިދެމެދުގަ އޮތް އެކުވެރިކަން ކަނޑާނުލާ.. އެންމެ ކުޑަމިނުން ވީގޮތެއް އަހަރެން ގާތު ބުނެބަލަ.."

"ކޮންމެކަމެއް އަހަރެން ނުޖެހޭ އާރިޒްއަށް އޮޅުންފިލުވަދޭކަށް.. އާރިޒްއާ ދުރުދުރުން އަހަރެން އުޅެނީ ކޮންމެވެސް ކަމެއްވީމަކަން ނުވިސްނޭވަރު ކުޑަކުއްޖެއްތަ ތީ.." ދެބުމަ ގޮށްޖަހައިލަމުން އާރިޒްއަށް މެހެރީން ބަލައިލިއެވެ.

"އެހެނެއްނޫން.. އެކަމަކު.. މެހެރް ކުއްލިއަކަށް.."

"ޕްލީޒް.. އަހަރެން.. ބޭނުމެއްނޫން ކުރިން އުޅުނުގޮތަށް އުޅޭކަށް.. އަހަރެން ބަނޑުބޮޑު.. ބައިވަރު ޒިންމާތައް އަހަރެން އުފުލަން ޖެހޭ.. އާރިޒްއަށް ހުސްވަގުތުތަކެއް ލިބުނަސް މިހާރު އަހަރެންނަށް ހުސްއަނގަތަޅަން ހުންނާނެހާ ވަގުތެއް ނެތް.. މިއަދު ރަޒާންވެސް އަންނާނެ.. އޭނާ އަންނަންވާއިރަށް ތައްޔާރުވެލަން އަހަރެން ބޭނުން.. އަހަރެން ދިޔަދީ.." ހަރުކަށިކަން ދެއްކުން މެހެރީނަށްވީ އުނދަގޫކަމަކަށެވެ. އާރިޒްގެ މޫނަށް ވެރިވި ހިތާމައިގެ ކުލަވަރުން މެހެރީންގެ ހިތުގައި ރިއްސައިލިއެވެ. ނަމަވެސް އެނޫން ގޮތަކަށް އާރިޒްއާ ދުރުގައި ހުންނާނެގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އާރިޒްއަށް ވެސް އެންމެ ރަނގަޅުވާނީ އެގޮތެވެ. އޭނާ މަތިން ފޫހިވުމެވެ. ދިރިއުޅުމައިގެން އާރިޒްއަށް ވެސް ކުރިއަށް ދެވޭނީ އެދުވަހަކުންނެވެ. ބޭކާރު އުއްމީދުތަކެއް އާރިޒް ކުރާކަށް މެހެރީން ނޭދެއެވެ. އާރިޒްދެކެ ކިތަންމެ ލޯބިވިއަސް އޭނާއަށް މިއަދު މިނޫންގޮތެއް ނެތެވެ. އާދޭހުގެ ނަޒަރަކުން އާރިޒްއަށް ބަލަހައްޓައިގެން މެހެރީން ހުރިއިރު، އެދެލޮލުން އޭނާގެ ހާލު ދެގެންނާށޭ އާރިޒް ގާތު ބުނާކަހަލައެވެ. ބޯޖަހައިލި އާރިޒް އެއްފަރާތަކަށް ޖެހިލިއެވެ. އެއާއެކު އެންމެ ހިނދުކޮޅެއްވެސް މަޑުކޮށްލުމެއްނެތި މެހެރީން ގޭތެރަށް ވަނެވެ. އޭނާ ގޮސް ސިޑިން އަރަންދެން އެދިމާއަށް ބަލަހައްޓައިގެން އާރިޒް އިނެވެ. މެހެރީން އެދުނުފަދައިން އޭނާ ކަންތައް ކުރާނެއެވެ. އެއީ މެހެރީން ބޭނުންވާގޮތްނަމަ އާރިޒްގެ އެއްވެސް ޝަކުވާއެއް ނެތެވެ. އިތުރަށް މެހެރީނަށް ޖެހިފައިވީ ބުރައަކަށް ވާކަށް އޭނާ ބޭނުމެއްނުވެއެވެ. ވިސްނާލަން އިނުމަށްފަހު ޖީބުގައިއޮތް ފޯނު އާރިޒް ނެގިއެވެ. ކޮންޓެކްޓްސް ބަޔަށް ވަންނަމުން ތިރިއަށް ވާހެން އޭނާ ސްކްރޯލް ކޮށްލިއެވެ. ޒާމިންގެ ނަން ލޮލުގައި އަޅައިގަތުމާއެކު އާރިޒްގެ ހަރަކާތްތައް މަޑުޖެހިލިއެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވައާއެކު އޭނާ ނިންމުމެއް ނިންމީއެވެ. އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު މަޑުމަޑުން ޒާމިންގެ ނަމަށް ފިތައިލިއެވެ. އަދި އޭނާއަށް ގުޅައިލަމުން ސްކްރީނަށް ބަލަހައްޓައިގެން އާރިޒް އިނެވެ. މެހެރީން އެދެނީ އޭނާއާ ދުރުގައި ހުންނަންކަމަށް ވަނީނަމަ އޭނާ މެހެރީންގެ އެ އެދުން ފުއްދައިދޭނެއެވެ.

* * * * *

ފާއިތުވި ދުވަސްތަކުގައި އެކިފަހަރުމަތިން ދާމިންއަށް ގުޅައިގެން ތާނީ ލައްވައި ލީމް ވާހަކަދެއްކުވިއެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް ކުޑަކޮށްވެސް ނުވާ ހާލު ދާމިން ހުރީ ނުހަނު ހިތްހަމަޖެހި އުފާވެފައެވެ. ލީމްގެ ގާތްކަމުން އޭނާގެ ހިތުގައިވީ އުއްމީދުތައް އާލާވެއްޖެއެވެ. ވަކިގަޑިތަކަކު ގުޅޭނެ ވާހަކަ ލީމް ބުނި ނަމަވެސް އެކަމަށް ދާމިންގެ އެއްވެސް ފަރުވާލެއްނެތީ ލީމްގެ އަމިއްލަ ވަގުތުތަކަށް އޭނާގެ ސަބަބުން ބުރުލެއްއަރަން ނޭދޭތީއެވެ. އެއީ ކިޔަވާކުއްޖެއްކަން އޭނާ ދަނެއެވެ.

އެތައް ދުވަހެއްގެ މަތިން ދާމިން ގާތުގައި ހުރިހައި ވާހަކަތަކެއް ހާމަކޮށްފާނަމޭ ލީމް ހިތަށް އަރައެވެ. އެހެނަސް އެހިތްވަރުކުރާން އޭނާއަށް އަދިވެސް ނުކެރެނީއެވެ. އަމިއްލަ ނަފުސަށް ވިސްނައިދޭ ކޮންމެ ވަގުތަކު އޭނާގެ ސިކުނޑީގައި އެނބުރިގަންނަނީ މާޒީގައި އޭނާއާމެދު ކަންތައް ހިނގައިދިޔަ ގޮތެވެ. ނުކުޅެދޭ ކުއްޖަކަށްވީތީ އެކިފަހަރުމަތިން އަޑުއަހަން ޖެހުނު މަލާމާތުގެ ބަސްތަކެވެ. ނަފުސަށްލިބޭ ކުޑަކުޑަ ޔަގީންކަންވެސް އެބަސްތަކުން ނެތިދަނީއެވެ. ދާމިންއާ ކުރިމަތިލާން ޖެހިލުންވެފައިވީ އެހެންވެއެވެ.

ކޮލެޖުގައި ލީމް އުޅޭ ކްލަބްގެ ފަރާތުން ބާއްވަން ހަމަޖެހިފައި އޮތް އިވެންޓަކަށް ތައްޔާރުވުމުގައި ލީމް އުޅުނީ ނުހަނު ބުރަކޮށެވެ. ތާނީ އަކީ ކްލަބްގެ ޕްރެޒިޑެންޓަށްވީއިރު، ލީމް އަކީ އެކްލަބްގެ ވައިސް ޕްރެޒިޑެންޓެވެ. އިވެންޓާ ބެހޭގޮތުން ކުޑަވަގުތުކޮޅަކަށް ވާހަކަދައްކަން ޖެހޭތީ އެކަން ކުރުމަށް ތާނީ އެދުނީ ލީމް ގާތުންނެވެ. ފުރަތަމަ އެކަމާ އޭނާ ދެކޮޅު ހެދި ނަމަވެސް ތާނީގެ އާދޭހާއެކު އެކަމަށް އެންމެ ފަހުން އެއްބަސްވީއެވެ. ލީމް ދައްކާ ވާހަކަތައް އެހެން މީހުނަށް ފަހުމްވާހެން ކިޔައިދޭނެކަމަށް ތާނީ ބުންޏެވެ. ވީއިރު އެކަމާ ހާސްނުވުމަށް އެދުނެވެ. ތާނީގެ ބޭނުމަކަށްވީ ނުކުޅެދޭ ކުއްޖަކަށްވީ ނަމަވެސް އެއީ ލީމްއަށްވެސް ކުރެވޭނެކަމެއްކަން އޭނާ އަށް ވިސްނައިދިނުމެވެ. އެހެން މީހުނަށްވުރެ ތިމާމީހާގެ ގަދަރުދަށްނޫން ކަން އަންގައިދިނުމެވެ. ކޮލެޖުގައި އެހެން ކުދިންނަށް ލިބިދޭ ފުރުސަތުތައް ޚުދު ލީމްއަށް ވެސް ލިބޭނެކަން އަންގައިދިނުމެވެ. އެރޭގެ ސްޕީޗަށް ތައްޔާރުވުމަށްޓަކައި ދެކުދިން ގިނަ ވަގުތުތައް އެކުގައި ހޭދަކުރަން ފެށިއެވެ.

ދުވަސް އައިސް ޖެހުނުއިރު ލީމްގެ ނަފުސަށްވެސް އޭނާއަށް އެކަން ވެދާނެކަން ގަބޫލުކުރެވުނެވެ. ކޮލެޖުގެ ރެސްޓް ރޫމްގައި ތައްޔާރުވެ ނިމިގެން ލޯގަނޑުން ފެންނަންހުރި ސޫރައަށް ބަލަން ހުރިއިރު އޭނާގެ މޫނުމަތިން ފައުޅުވަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ނަފުސަށް ޔަގީންކަން ދޭފަދައިން ކުޑަކޮށް ބޯޖަހައިލަމުން އެތަނުން ނުކުންނަން އޭނާ ހިނގައިގަތީ ވަގުތު ކުޑަތަންވަމުން އަންނަކަން ވިސްނުމުންނެވެ. އޭރު ތާނީ އޭނާގެ އިންތިޒާރުގައި ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ލީމް ފެނުމާއެކު ހުރިހައި ކަމެއް ރަނގަޅުތޯ އޭނާ އެއްސެވެ. ބޯޖަހައިލަމުން ތާނީއާ އެކުގައި ލީމް ހިނގައިގަތެވެ.

އެހަފުލާއަށް ކޮލެޖުގެ ފަރާތުން މާލޭގެ ނަން މަޝްހޫރު އެކި ފަރާތްތަކަށް ދައުވަތު ދެވިފައިވިއެވެ. ކްލަބުން އިސްނަގައިގެން ހިންގި ކަމެއް ނަމަވެސް މެހެމާނުން ޚިޔާރުކުރީ ކޮލެޖުގެ ފަރާތުންނެވެ. އެހެންވެ ދައުވަތު ދެވިފައިވީ ކޮންބައަކަށްކަމާ ކިހައި މީހުނަކަށްކަން އެއްވެސް ކުއްޖަކަށް ޔަގީންކޮށް ބުނާކަށް ނޭނގެއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ހަފުލާ ފެށިގެން ދިޔައިރު، މުޅި ހޯލް ތެރަށް ވެރިވެފައިވީ ހިމޭންކަމެވެ. ކިޔަވައި ނިމުމުން ސްޓޭޖަށް އެރި ކުއްޖާ އެ ހަފުލާއާ ބެހޭ ކުޑަ ތަޢާރަފެއް ދިނެވެ. ފެށުމުގެ ކުރިން ހަފުލާގެ ކަންކަން ކުރިއަށްދާނެ ތަރުތީބު ކޮންމެވެސް ވަރަކަށް އެކުއްޖާ އޮޅުންފިލުވައި ދިނެވެ.

ލީމްއާއި ތާނީއަށް ސްޓޭޖަށް އަރަން ޖެހުނީ އެކުއްޖާ ފޭބިތާ އިރުކޮޅެއް ފަހުންނެވެ. އެކަކު އަނެކަކުގެ އަތަށް ކުޑަކޮށް ފިތައިލަމުން ފަރިހިނގުމެއްގައި ދެކުދިން ސްޓޭޖަށް އަރައިގެން އައެވެ. ސްޓޭޖްގެ މެދުގައި ހުއްޓެމުން ލީމް ހޯލްތެރަށް އަވަސް ނަޒަރެއްދެމުން ހިނިތުންވެލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ ދުރަށްކަމުން ކުރިމަތީ ގޮނޑިބަރީގައިތިބި މީހުން އެހައި ބޮޑަށް އޭނާގެ ލޮލުގައި އަޅައެއްނުގަނެވެ. ހިސާބަކަށް ފިނިވެފައިވުމުން ލީމް ބަލަމުން ދިޔައީ މީހުން އެންމެ މަދުން އިނށީދެތިބި ހިސާބަށެވެ.

އަމިއްލަ ނަފުސު ކުޑަކޮށް ހަމައަކަށް އަޅުވައިލަމުން އޭނާ އަތުގެ އިޝާރާތުން ވާހަކަދައްކަން ފެށިއެވެ. ލީމްއަށް ބަލަން ހުރި ތާނީ މަޑުމަޑުން އޭނާ ހަރަކާތުން ބުނަމުންދިޔަ ވާހަކަތައް އެހެން މީހުނަށް ފަހުމްވާނެހެން ކިޔައިދެމުންދިޔައެވެ. އޭނާ އާއި ތާނީގެ ކުޑަ ތަޢާރަފެއް ދެމުން ލީމް ވާހަކަފެށީ އެ ކްލަބް ފެށުނު ގޮތް ކިޔައިދެމުންނެވެ. އަދި މިރޭގައި ކުރިއަށްދަމުން މިދާ އިވެންޓަކީ ކިހިނެއް ފެށިގެން އައި ކަމެއްކަން އޮޅުންފިލުވައިދެމުންނެވެ. އެ އިވެންޓްގެ މަގުސަދުގެ އިތުރުން ކްލަބުން ހާސިލްކުރަން ނިންމައިފައިހުރި ލަނޑުދަނޑިތައްވެސް ލީމް އޮޅުންފިލުވައިދިނެވެ. އޭނާގެ ވާހަކަ ނިންމައިލުމާއެކު ހޯލްތެރެ ގުގުމައިގެން ދިޔައީ އަތްތިލަބަޑީގެ އަޑުންނެވެ. ތާނީވެސް ފަޚުރުވެރިކަމާއެކު ލީމްގެ ހިތްވަރަށް ސާބަސް ދެމުން ދިޔައެވެ. ހިނިއައިސްފައިތިބެ އަތްތިލަބަޑި ޖަހަމުންދިޔަ އެކިމީހުންގެ މޫނަށް ލީމް ނަޒަރުހިންގައިލިއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތް ފަރާތަކަށް ނަޒަރު ހުއްޓައިލިގޮތަށް ލީމް އަށް ހުރެވުނީއެވެ. މޫނުގެ ކުލަވަރު ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެއްޖެއެވެ. ތުންފަތުގައިވި ހިނިތުންވުން ފިލައި ގޮސް ކަންބޮޑުވެ އޭނާ އަށް ދެލޯބޮޑުކޮށްލެވުނެވެ. މޫނުމަތި ހުދުވެގެން ދިޔަގޮތުން ހީވަނީ ބިރެއް ފެނުނީހެނެވެ. ހަށިގަނޑު ތުރުތުރުއަޅައިލުމާއެކު ލީމްއަށް ހިންދިރުވައިލެވުނީ ހަދާނެ ގޮތެއް ނުވިސްނިގެން ކަހަލައެވެ. އޭރު ހަރަކާތެއްވެސް ކޮށްލުމެއްނެތި ސީރިއަސް ނަޒަރަކުން ސީދާ ލީމްގެ މޫނަށް ބަލަހައްޓައިގެން ދާމިން އިނެވެ. އެދެލޮލުން ފައުޅުވަމުންދިޔަ އަސަރުތައްފެނި ލީމްގެ ހިތް ތެޅިގަތީ ޖެހިލުންވީވަރުންނެވެ.

(ނުނިމޭ)

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!