އަމީނީ މަގު ހެދުމުގެ މަޝްރޫޢު ނިންމުމަށް އައު ތާރީޚެއް

އަމީނީ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިން ނިންމަން ކަނޑައެޅި ތާރީޚަށް ނުނިންމޭނެ ކަމަށް ވިދާޅުވެ، މަޝްރޫޢު ނިންމަން އައު ތާރީޚެއް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ދެއްވައިފިއެވެ.
އަމީނީ މަގު ތަރައްޤީ ކުރުމުގެ މަސައްކަތް، 84 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެ މަޝްރޫޢު ނިމޭނެ ތާރީހަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ، މަޝްރޫޢު ކުރިން ނިންމަން ހަމަޖެހިފައި އޮތީ މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށާއި، މަސައްކަތް އެ ތާރީޚަށް ނުނިމޭނެ ކަމަށެވެ.
"ދަތިތަކަށް ކޮންސިޑާކޮށްފައި އަޅުގަނޑުމެން މިހާރު ވާނެ ރިވައިޒްޑް ކޮމްޕްލީޝަން ޑޭޓެއް ކަނޑައަޅާފައި، އެއީ 27 ސެޕްޓެމްބަރު، އެހެންވީމާ އަމީނީ މަގު ނިމިގެން ދާނެ ސެޕްޓެމްބަރު މަހާ ހަމައަށް،" އަސްލަމް ވިދާޅުވިއެވެ.
އަމީނީ މަގުގައި ހުރި ގަސްތައް ކަނޑައިލި މައްސަލައިގައިވެސް ހަސަން ސުވާލު ކުރެއްވިއެވެ. އަސްލަމް ވަނީ ގަސްތައް ކަނޑަން ޖެހުނު ސަބަބު ސާފު ކޮށްދެއްވައިފައެވެ.