ޚަބަރު އިޖުތިމާޢީ

ކޮވިޑް ލޯނުގެ ގްރޭސް ޕީރިއަޑް އިތުރު ކޮށްދޭން ނިންމަވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19ގެ ޕެންޑެމިކާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން ތަޢާރަފުކުރި ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމުން ލޯނު ލިބުނު ފަރާތްތަކަށް ދިން ގްރޭސް ޕީރިއަޑް އިތުރުކޮށް ދޭން ނިންމަވައިފިއެވެ.

Ads by MWSC

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވެފައިވަނީ، އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދިން ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް ޖުމުލަ 19 މަސް ދުވަހުގެ މުއްދަތަކަށް، އެކަމަށް އެދި ބީއެމްއެލްއަށް ހުށަހަޅާ ފަރާތްތަކަށް އިތުރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށާއި ގްރޭސް ޕީރިއަޑް އިތުރު ކުރެވޭނީ ކުރިން އެ މުއްދަތު އިތުރުކުރުމަށް ހުޅުވާލި ފުރުސަތުގައި ގްރޭސް ޕީރިއަޑް 19 މަހަށް އިތުރުކޮށްދެވިފައި ނުވާ ފަރާތްތަކަށް ކަމަށެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ މި ސްކީމަކީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާގޮތަށް އެ ދަތި ދަނޑިވަޅުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލެވުނު ސްކީމެއް ކަމަށެވެ. އެހެންކަމުން ލޯނު އަނބުރާ ދެއްކުމުގައި ވެސް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށް ދިނުމަކީ މި މިނިސްޓްރީގެ މަގުސަދެއް ކަމަށާއި، މިއީ ލޯނުގެ ފައިސާ އަނބުރާ ހޯދުމަކީ މިފަދަ އިތުރު ސްކީމްތައް ހުޅުވާލުމަށް ފަހިވާނެ ކަމެެއް ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއްވިއެވެ.

އެގޮތުން، ކޮވިޑް-19 ރިކަވަރީ ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޖުމުލަ 19 މަހަށް ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެދިވަޑައިގަންނަވާ ފަރާތްތަކާއި، ލޯނު ރީޝެޑިއުލްކުރަން އެދިލައްވާ ފަރާތަކުން މި އިއުލާން ޝާއިއުކުރެވޭތާ 60 ދުވަހުގެ ތެރޭގައި ބީއެމްއެލް އަށް އީމެއިލް ([email protected]) ކުރަންވާނެ ކަމަށްވެސް ފިނޭންސުން ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!