ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ލައިގެންހުރި ފަޓުލޫނުގެ ޖީބަށް އަތްޖަހައިލައިގެން ހުރެ ލުއި ހިނިތުންވުމަކާއެކު ލީމް އިން މޭޒާ ދިމާއަށް އައި ޒުވާނާ ފެނިފައި ލީމް ލައިލައިހުރި ނޭވާ ވެސް ހިނދުކޮޅަކަށް ތާށިވީކަހަލައެވެ. ދެލޯބޮޑުކޮށްލުމާއެކު ގުޑިލަންވެސް ނުކެރިފައި އޭނާ އިނީ ގަތް ބިރެއްގެ ސަބަބުންނެވެ.

Ads by STELCO

"ހާއި ލީމް.." އެމޭޒު ކައިރިއަށް ހުއްޓެމުން ލާނެތް ހުނުމަކާއެކު ދާމިން ބުނެލިއެވެ.

އެ ފިރިހެންވަންތަ އަޑުން ލީމް މުޅި ގައިން ހީބިހިލި ހިލިގެން އައެވެ. ބުދެއްހެން އެސްފިޔަޖަހައިލުމެއްނެތި އޭނާ އިނީ ދާމިންއަށް ބަލަހައްޓައިގެނެވެ. ފެންނަނީ ހަގީގަތެއްކަމެއް ނޫނީ ހުވަފެނެއްކަމެއް ދެނެގަންނަން ނޭނގިފައެވެ. އެހާ ހިނިއައިސްފައި ދާމިން އޭނާއާ ވާހަކަނުދައްކާނެކަން ޔަގީނެވެ. އެސްފިޔަތައް ތަޅުވައިލަމުން ދެލޯމަރައިލުމަށްފަހު ހުޅުވައިލަމުން ލީމް އަނެއްކާވެސް ދާމިންއާ ދިމާއަށް ބަލައިލިއެވެ. ދެންވެސް ހިނިއައިސްފައި އެހުރި ގޮތަށް ދާމިން ހުރިތަންފެނި އޭނާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ.

ލީމްގެ ކޮންމެ ހަރަކާތަކަށް ދާމިން ބަލަމުންދިޔައީ ޝައުޤުވެރިކަމާ އެކުއެވެ. އެންމެ ހިނދުކޮޅަކަށްވެސް އޭމުނުމަތިން ލާނެތްކަމުގެ އަސަރު ފިލައިގެން ނުދެއެވެ. އެއީ އެންމެ ފުރަތަމަ ލީމްއާ ދާމިން ބައްދަލުވިއިރުވެސް އެމޫނުގައިވާ ހިތްގައިމު އަސަރުތަކެވެ. ލީމްއަށް ހިންދިރުވައިލެވުނެވެ. ދާމިންގެ ބޭނުމަކީ ކޮބައިކަން ނުވިސްނި އޭނާ ހާސްވާގޮތްވިއެވެ. އިރުއިރުކޮޅުން އެތަނަށް ވަންނަ ދޮރާ ދިމާއަށް ލީމްއަށް ބެލެމުން ދިޔައީ ތާނީ އަންނާނެ ވަގުތެއްގެ އިންތިޒާރުގައި އިނދެއެވެ. ލީމްގެ އެ ހާސްކަން ދާމިންއަށް ވިސްނުނީކަންނޭނގެއެވެ. ލަސްހަރަކާތަކާއެކު ލީމް އާ ކުރިމަތިވާނޭހެން ދާމިން އެތަނުން ގޮނޑިއެއްގައި އިނށީދެ ހަމަޖެހިލިއެވެ. އެއާއެކު ލީމްއަށް ލިބުނު ހައިރާންކަންވީ އިތުރެވެ. ސުވާލުގެ ނަޒަރަކުން ދާމިންއަށް އޭނާ ބަލަމުންދިޔައީ އެމޫނުންވިއަސް ކޮންމެވެސް ކަމެއް ދެނެގަނެވޭނެކަމަށް ހީކޮށެވެ.

"ލީމް.." ޖަޒުބާތުން ފުރިގެންވީ ގޮތަކަށް ދާމިން ދެވަނަ ފަހަރަށް ލީމްއަށް ގޮވައިލިއެވެ. ހިންދިރުވައިލަމުން އޭނާ މަޑުމަޑުން ބޯޖަހައިލީއެވެ. "ތާނީ އަންނާނެކަމަށްތަ ދޮރާ ދިމާއަށް ތި ބަލަނީ.." ލީމްގެ ސިއްރުވެރި ނަޒަރުތައް ދާމިންއަށް ފާހަގަވެއްޖެކަން އެނގި އޭނާ އިތުރަށް ލަދުގަންނަގޮތް ވިއެވެ. "އަހަރެން ނުބުނަނީސް މިތަނަށް ދެން އެކަކަށްވެސް ނުވަދެވޭނެ.. ލީމް މިތަނަށް ގެނެސްފަ ތިއިނީ އަހަރެން ބޭނުންވެގެން.." ހަމަޖެހިލަމުން ކަތިނަޒަރަކުން ލީމް އަށް ބަލަން އިނދެ ދާމިން ބުނެލީ އާދައިގެ ގޮތަކަށެވެ. ނަމަވެސް އެއަޑުއިވި ލީމްގެ ހިތް ތެޅިލިއެވެ. ތާނީ އެވަރުގެ ކަމެއް އޭނާއަށް އަންގައިނުލައި ނުކުރާނޭ ހިތް ބުނެލިއެވެ. ގަބޫލުކުރަންވީ އަމިއްލަ ހިތުގެ އަޑު ކަމެއް ނުވަތަ ސިކުނޑީގެ އަޑުކަމެއް ނުވިސްނިފައި އޭނާ އިނީއެވެ.

"އައި އެމް ސޮރީ.. ލީމް އަހަންނަށް މަޢާފުކުރާނަންތަ.. އެދުވަހު ރުޅިއައިސްފައި ހުރެ އަހަންނަށް ކިޔުނީ ހަގީގަތުގަ ކިޔައިގެންވާނެ އެއްޗިއްސެއްނޫން.. އެކަމަކު.. ލީމް ކަންތައްކުރިގޮތުން އަހަރެންގެ ހިތަށް މާބޮޑަށް ތަދުވީ.." ސީރިއަސްކަން މޫނަށް ވެރިކޮށްލަމުން ދާމިން ބުނެލިއެވެ. އެއަޑުއިވިފައި ލީމް އަށް އިސްޖަހައިލެވުނީ ނަފުސު ވަށައިލި ކުށްވެރިކަމުގެ އިހުސާސުންނެވެ. އެތަންފެނި ލީމްގެ ނަމުން ނުހަނު އޯގާތެރިގޮތަކަށް ދާމިން ގޮވައިލިއެވެ. ނުކެރިއިނދެފައިވެސް އޭނާ އިސްއުފުލައިލިއެވެ.

"އަހަރެން ހިތަށް އެރި ދުވަހަކުވެސް ލީމްއަށް މަޢާފެއް ނުކުރާނަމޭ.. އެކަމަކު.. ލީމްގެ އެ ހުރި ބޯހަރު އެކުވެރިޔާ އަހަރެންގެ ވިސްނުމާވެސް މުޅިން ކުޅެލައިފި.." ކުޑަކޮށް ހިނިތުންވެލަމުން އަތުގެ އިޝާރާތުން ދާމިން ވާހަކަދެއްކިއެވެ. އެތަންފެނި ލީމްއަށް ދެލޯބޮޑުކޮށްލެވުނީ ގަބޫލުކުރަން ދަތިވީ ވަރުންނެވެ. ދާމިންއަށް އޭނާއާ އިޝާރާތުން ވާހަކަދައްކާނެގޮތް ދަސްވީ ކޮންއިރަކުހެއްޔެވެ. ސުވާލުގެ ނަޒަރަކުން ލީމް ބަލަންފެށުމުން އަނެއްކާވެސް އަތުގެ އިޝާރާތުން ދާމިން ވާހަކަދައްކަން ފެށިއެވެ.

"ސަޕްރައިޒް ވީތަ ޑާރލިންގް.. ހެހެ.. އަހަންނަށް ސައިން ލެންގްއޭޖް ދަސްކޮށްދިނީ ތާނީ.. މިހާ ދުވަހު ލީމް ކުރިމައްޗަށް ނާދެވި ލަސްވީ އެހެންވެ.. އަހަރެން ބޭނުމެއްނޫން ދެމެދުގަ ވާހަކަދެއްކުމަށް އެއްވެސް ދަތިކަމެއް ކުރިމަތިވާކަށް.. ލީމްއާ ފަސޭހައިން ވާހަކަދެއްކޭނީ މިހެންކަން ވިސްނުނީތީ މިކަން ދަސްކޮށްފަ ނޫނީ ލީމްއާ ބައްދަލުކުރަން ބޭނުންނުވީ.. ލީމް.. ތާނީ އަހަންނަށް ހުރިހާ ވާހަކައެއްވެސް ކިޔާދީފި.. ތާނީ ދެއްކި ކޮންމެ ވާހަކައަކާމެދު އަހަރެން ވަރަށް ފުންކޮށް ވިސްނިން.. ލީމްގެ ނަޒަރުން މިހުރިހާކަމެއް ދެނެގަންނަން މަސައްކަތްކުރިން.. މިރޭ އަހަރެން ލީމް ކުރިމައްޗަށް އައިސް މިހުރީ އެހުރިހާ ކަމަށް މަޢާފުކޮށް ލީމްއަށްޓަކާ އަހަރެންގެ ހިތް ސާފުކޮށްގެން.. ވެދިޔަތަން ބަދަލެއް ނުކުރެވޭނެ.. އެހެންވީމަ އެކަންތައްމަތިން ހަނދާންނައްތާލާފަ އާ ފެށުމަކުން ފަށަމާ.. ބުނެބަލަ ލީމް.. އަހަރެމެންގެ ގުޅުމަށް އެ ފުރުސަތު ދޭނަންތަ.." ބޯއަރިކޮށް ލޯބިވެތި ގޮތަކަށް ލީމްގެ ރަތްވަމުންދިޔަ މޫނަށް ދާމިން ބަލައިލިއެވެ. ދާމިންގެ ކޮންމެ ވާހަކައަކުން ލީމްގެ ހިތަށް ކުރުވީ ބަޔާންކުރަން ދަތި އަސަރެކެވެ. ލަގޮނޑިއަށް ވާންވެލުމާއެކު ލީމްގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. އެހުރިހައި ކަމަކަށް ފަހުވެސް ދާމިން އޭނާ ބަލައިގަންނަނީ ހެއްޔެވެ.

"ލީމް.. އަހަންނާ ވާހަކަ ދައްކަބަލަ.. މިރޭ ލީމް ދައްކާ ކޮންމެ ވާހަކައެއްވެސް އަހަރެން މިއިނީ އަޑުއަހަން.." ކުލުންވެރިކަން ދާމިންގެ އަޑުގައިވިއެވެ. ލޮލުގެ ފުސްކަމުގެ ތެރެއިން އޭނާ ދާމިންއަށް ބަލައިލިއެވެ. އަދި އަތުގެ އިޝާރާތުން ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ. އެއާއެކު ފެނުނީ ދާމިން ހިނިތުންވެލިތަނެވެ. "ޔެސް ލީމް.. އެހުރިހާކަމެއް އެނގިހުރެވެސް އަހަރެން މިހުރީ ލީމް ބަލައިގަންނަން ތައްޔާރަށް.. އެއީ.. އެއީ.. އަހަރެން ލީމްދެކެ އިންތިހާއަށް ލޯބިވާތީ.. އަހަރެންގެ އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރަން ބޭނުންވަނީ ލީމްއާ އެކު.. މާޒީއަށް ފަސްއެނބުރި ބަލާކަށް އަހަރެން ނެތިން.. އަހަރެން އެދެނީ މިއަދުން ފެށިގެން ލީމްއާ އެކު އަހަރެންގެ ކުރިމަގު ބިނާކުރަން.." އިންތަނުން ތެދުވެގެން އައިސް ލީމް ގާތުގައި ކުޑަކަކޫ މައްޗަށްވާހެން ދާމިން ތިރިވެލިއެވެ. ލީމްގެ ތޫނު ދެލޮލާ ދާމިންގެ ލޯ ބައްދަލުވުމާއެކު ދެހިތް ތެޅިގަތީ އިތުރަށް ކެތްނުވެގެން ކަހަލައެވެ.

ލަސްލަހުން އުފުލައިލި ކަނައަތްތިލަ ދާމިން ދިއްކޮށްލުމާއެކު ނުކެރި އިނދެފައިވެސް އެއަތުގައި ލީމް ހިފައިލިއެވެ. ލީމްގެ އަތުގައި ހިފައި އޭނާ ކޮޅަށް ނަގަމުން ދާމިން މިސްރާބުޖެހީ އެތަނުން ނުކުމެވެން ހުރި ފުޅާ ބެލްކަންޏާ ދިމާއަށެވެ. ހުޅުވިފައިވި ދޮރުން ބެލްކަންޏަށް ނުކުންނަމުން އެތަނުގެ މެދުގައި ދާމިން ހުއްޓުނެވެ.

ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން އުޑުގައި ރަނިކަން ކުރަމުންދިޔަ ހަނދުގެ ރީތި ރިހިއަލިން އެމުޅި މާހައުލު ފެންނަމުން ދިޔައީ ހުވަފެނީ ގޮތަކަށެވެ. ތަންކޮޅެއް ދުރުގައި ބަހައްޓައިފައިހުރި ގަސްމުށިތަކުގައި ފޮޅިފައިވި ބައެއް މާމަލުގެ މީރު ވަސް ޖެހިލާ މަޑުމަޑު ރޯޅިއާއެކުވެ އެ ސަރަހައްދުގައި ހިފައިލައިފައި ހުއްޓެވެ. ހަށިގަނޑަށް އަރާމުލިބޭފަދަ ހަމަޖެހުމެއް މުޅި އެހިސާބުގައި ވާކަހަލައެވެ.

ލީމްއަށް ބަލަން ހުރެ މަޑުމަޑުން ދާމިން އަތްއުފުލައިލަމުން ދެފަރާތަށްވާހެން ދޫކޮށްލައިފައިވި ލީމްގެ އިސްތަށިގަނޑުގައި އަތްހިންގައިލިއެވެ. އަދި ފުންނަޒަރަކުން ލީމްއަށް ބަލަން ހުރެ އެ އިސްތަށިތައް އެއްފަރާތަކަށް ޖައްސައިލީ ލީމްގެ ކަންފަތް ފެންނާނެހެންނެވެ. ގުޑިލަންވެސް ނުކެރިފައިހުރި ލީމްއަށް ހިންދިރުވައިލެވުނެވެ. ދާމިންގެ ނަޒަރު އޭނާގެ ކަންފަތުގައި އަޅުވައިފައިވި ހިއަރިންގް އެއިޑްއަށް ހުއްޓުމާއެކު ތެޅިގަންނަމުން އަވަސް ހަރަކާތަކާއެކު ލީމް އުޅުނީ ކަންފަތް ފޮރުވާށެވެ. ނަމަވެސް އޭގެކުރިން ހުޝިޔާރުވެ ހުރި ދާމިން ލީމްގެ އަތުގައި ހިފައި އެކަން ހުއްޓުވިއެވެ. ލަދުވެތިކަން ހަފަރާތުން ވަށާލުމާއެކު އަމިއްލަ ނަފުސުގެ އުނިކަން އިހުސާސުވެ ލީމްގެ ހިތަށް ތަދުވިއެވެ. އެކަން ވިސްނުނު މީހަކު ފަދައިން ލީމްގެ ކޯތާފަތުގައި ދާމިން އަތުގެ ބޮޑުވައި އިނގިލި ހިންގައިލީ ނުހަނު ލޯބިންނެވެ.

"މީގެފަހުން ލީމް ދުވަހަކުވެސް ނުޖެހޭނެ އަމިއްލަ ނަފުސުގެ އުނިކަން އަހަރެންގެ ކުރިމަތީގަ ފޮރުވާކަށް.. މިއީ ލީމްގެ އުނި ސިފައެއްކަމަށް ދެކޭކަށް.. މިކަމާހެދި އަމިއްލަ ނަފުސަށް މަލާމާތްކޮށް ލަދުވެތިވާކަށް.. ލީމް.. ލިސަން ޓް މީ.. ޔޫ އާރ ބިއުޓިފުލް ޖަސްޓް ދި ވޭ ޔޫ އާރ.. އެހެންވީމަ އަމިއްލަ ނަފުސު ބަދަލުކޮށް އެހެންމީހަކަށް ވާން މަސައްކަތްނުކުރޭ.. ތިހުރިހާ ސިފައަކާއެކުވެސް އަމިއްލަ ނަފުސު ބަލައިގަންނަން ދަސްކުރޭ.. އަހަރެންގެ މި ދެލޮލަށް ބަލާބަލަ.. މި ދެލޮލުން ތި ނަފުސުގެ ފުރިހަމަކަން ދެކެން މަސައްކަތްކޮށްބަލަ.. ތި ލޯބިވެތި ސޫރަ.. ހިތްގައިމު އަދާތައް.." ހަތަރުކަޅި ހަމަކޮށްގެން ހުރެ ދާމިން ވާހަކަދައްކަމުން ދިޔައެވެ. އިވެމުންދިޔަ ވާހަކަތަކުން ލީމްގެ ހިތަށް ލިބެމުންދިޔައީ އިންތިހާ އުފާވެރިކަމެވެ. ދުވަހަކުވެސް އެފަދައިން މީހަކު އޭނާއާ ވާހަކަދައްކަފާނޭ ލީމް ހިއެއް ނުކުރެއެވެ. ދާމިންގެ ދުލުން ނުކުންނަމުންދިޔަ ކޮންމެ ލަފުޒެއް ލީމްގެ ހިތުގެ އެންމެ ހިމަނާރާ ހަމައަށް އައީ ވާސިލްވަމުންނެވެ. އުމުރު ދުވަހަށް އެ ލޯބިވެތި ބަސްތައް އޭނާ ހިތުގައި ރައްކާކުރާނެއެވެ. ދުވަހަކުވެސް ފުހެވުމެއް ނުވާނޭ ފަދައިންނެވެ.

"އަހަރެންގެ މޭގަވީ މިހިތް ތެޅެމުން މިދަނީ ހަމައެކަނި ލީމްއަށްޓަކާ.. އޯހް ލީމް.. އަހަރެން ލޯބިވާވަރު އިހުސާސުނުވޭތަ.. އަދިވެސް އަހަރެންގެ ސުވާލަށް ޖަވާބުދޭކަށް ނުވޭތަ.. ތިވަރަށް އަހަރެން އިންތިޒާރުކުރުވަން ނުޖައްސާ.. އަހަރެންމީ އެހާ ކެތްތެރި މީހެއް ނޫން.. ބުނެބަލަ.. އަހަރެމެންގެ ގުޅުމަށް އިތުރު ފުރުސަތެއް ލީމް ދީފާނަންތަ.. އަލުން އާ ފެށުމަކުން ފަށާނަންތަ.. ލީމް.. ޓެލް މީ.. އެންމެ ފަހަރަކު ނަމަވެސް ބުނެބަލަ.. އަހަރެންދެކެ ލީމް ވެސް މިވަރަށް ލޯބިވަމޭ ބުނެބަލަ.. އުމުރު އަހަރެންގެ މީހެއްގެ ގޮތުގަ ހޭދަކޮށްފާނަމޭ ބުނެބަލަ.. އޯހް ލީމް.. އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯ މަޗް މައި ސްވީޓްހާރޓް.."ލީމްއަށް ބަލަމުން ދާމިން ވާހަކަދައްކަމުންދިޔައީ ކެތްތެރިކަން ކުޑަ ރާގަކަށެވެ. ދާމިންގެ ކޮންމެ އަމަލަކުން ލީމްގެ ހިތް ލޯބިން ފުރެމުން އައެވެ. އިތުރަށް އޭނާއަށްވެސް ކެތްނުވީ ކަހަލައެވެ. އަތުގެ އިޝާރާތުންނާއި ބޮލުން ދާމިންކުރި ކޮންމެ ސުވާލެއްގެ ޖަވާބު ލީމް ދިނެވެ. ތަކުރާރުކޮށް އޭނާއަށްވެސް ދާމިންދެކެ ލޯބިވެވިއްޖެއޭ ބުނެލިއެވެ. އެތަން ފެނިފައި ދާމިންގެ ތުންފަތް ދެފަރާތަށް ދެމިލީ ހިތްގައިމު ހިނިތުންވުމަކުންނެވެ. ލީމްގެ ދެއަތްތިލައިގައި ހިފައި ބާރުކޮށްލުމާއެކު އުފުލައިލަމުން ލުއި ލުއި ކޮށް އެއަތްތިލައިގައި ދާމިން ބޮސްދިނެވެ. "މިރެއަށްފަހު ތީ އަހަރެންގެ މީހެއް.. ހަމައެކަނި އަހަރެންގެ.." ސިއްރެއްފަދައިން ދާމިންގެ ދުލުން ބޭރުވިއެވެ.

* * * * *

ބަދިގެތެރެއިން ތަށިތަކެއް ތަޅައިގެންދިޔަ އަޑަށް ކޮޓަރީގައި އިން އާރިޒްއަށް ސިހުން ގެނުވިއެވެ. އަވަސް އަވަހަށް ގޮނޑި ދުއްވައިލަމުން އޭނާ މިސްރާބުޖެހީ ކޮޓަރިން ނުކުމެ ބަދިގެއާ ދިމާއަށް ދިއުމަށެވެ. އެވަގުތު ކަންފަތުގައި އައިސް ޖެހުނު ރަޒާންގެ ބާރު ހަޅޭކުގެ އަޑުން ގަބޫލުނުކުރެވިފައި އާރިޒްއަށް ހުރި ދިމާލުގައި ހުއްޓެވުނެވެ. ރަޒާންގެ އަޑާއެކުވެ ފަނޑު ފަނޑުކޮށް އޭނާގެ ކަންފަތުގައި އައިސް ޖެހުނީ މެހެރީންގެ މަޑު ގިސްލުމުގެ އަޑެވެ. އެއާއެކު އާރިޒްއަށް އިނދެވުނުތަންވެސް ނޭނގުނެވެ. ގައިހުރި ބާރެއްލައިފައި އަވަސް އަވަހަށް ގޮނޑި ދުއްވައިލިއެވެ.

"މިހާރު ކިހާއިރެއް ކޮފީއެއް ހަދާދޭށޭ ކިޔާތާ.. އަދި ކިރިޔާތަ ކަލެއަށް ކޮފީ ހަދަން އަންނަން އެނގުނީ.. އަހަރެން ރުޅިއަރުވާނެ ގޮތެއް ނޭނގިގެން އުޅޭ މީހެކޭ އެއްގޮތޭ.." ބަދިގެ ތެރެއިން ރަޒާންގެ ހަރުކަށި އަޑު އިވިގެން ދިޔައެވެ. އާރިޒް އަށް އެހިސާބަށް އާދެވުނުއިރު ބިރުގެންފައި ގޭގައި ގެންގުޅޭ ދެތިންކުއްޖަކު ބަދިގެ ދޮރުމަތީގައި އެއްފަރާތަކަށް ވާހެން ހުއްޓިލައިގެން ތިއްބެވެ. އެއިން އެކަކަށްވެސް އިސްވެ މެހެރީންގެ ދިފާއުގައި އެއްޗެއް ބުނާކަށް ނުކެރުނެވެ.

"ކޮފީ ވަސްޖެހުނީމަ އަހަރެން މޭނުބާ ކުރޭ.. ރަޒާން ކީއްވެތަ އެވަރު ނުވިސްނަނީ.." ކުރެހިފައިވީ މެހެރީންގެ އަޑު އިވިނެވެ. މިވަނީ ކިހިނެއްކަން ނުވިސްނި އާރިޒްވެސް އެޚާދިމުންގެ ފަހަތުގައި މަޑުކޮށްލީ ހާސްވެފައި އިނދެއެވެ.

"ހެވޭ.. ތީ ހަމަ ހުސްވެސް ކަލޭ ޖައްސާ މޮޅެތި އެކްޓްތައް.. ބަނޑުބޮޑުވީ ފަހުން ތިނޫން ދުވަހެއް ދޭތަ.. އަހަރެންގެ އެއްވެސް ކަމެއް ކުރެވޭވަރެއް ހުންނަ ކަމަކަށް ނުވޭ.. ތިވެސް ޖެހުނު ބޮޑު މުސީބާތެއް ކަހަލަ.. މިހާރު އަހަރެން ހިތަށް އަރާ ކަލޭ ދުވަހަކުވެސް ބަނޑުބޮޑު ނުވިނަމައޭ.." ރަޒާންގެ ކޮންމެ ލަފުޒަކުން އާރިޒްގެ އަތް މުށްކެވިގެން ދިޔައެވެ. ދަތްތަކަށް ބާރުކޮށްލުމާއެކު ދަތްކުނޑިވިކައިލަމުން އާރިޒް ކުރިއަށް ޖެހިލީ އެދެމީހުން ސާފުކޮށް ފެނޭތޯއެވެ.

"ރަޒާންއަށް ތިކިޔޭ އެއްޗެއް އެބަ އެނގޭތަ.. ބަލަ މީ ހަމައެކަނި އަހަރެންގެ ދަރިއެއް ނޫނޭ.."

"އަހަންނަށް ވަރިހަމަ.. ތިވައްތަރަށް ކަލޭ އުޅެންޏާ އަހަރެން ތި ދަރިއެއްވެސް ބޭނުމެއްނޫން.. އެހެންޏަ.. މިހާރު ބަލިވެއިންތާ ކޮން ދުވަހެއް.. އެކަމަކު ކަލޭގެ ތި ޑްރާމާގަނޑު ހުއްޓޭކަމަކަށް ނުވި.. ތި ދަރިވެސް ވާނީ ކަލޭ ގޮތަށް އަހަންނަށް ޖެހޭ ބޮޑު ބަލާވެރިކަމަކަށްކަން ޔަގީން.. ކަލޭގެ ސުންޕާކަމުގެ އަސަރު މިހާރު ތިކުއްޖާއަށް ވެސް ނުކޮށެއް ނުހުންނާނެ.. އަހަރެން ވަރަށް ކެތްކޮށްފިން.. ދެން ނުވާނެ.. ހޮޑުލެވުނަސް، އެނބުރުން އެރިޔަސް، ނުތެދުވެވުނަސް ހެޔޮ.. އަހަރެންގެ އަނތްބެއްގޮތުގަ ހުރިހާ ދުވަހަކު ކަލޭ ޖެހޭނީ އަހަރެން ބުނާ ކޮންމެ ކަމެއް އެވަގުތަކު ކުރަން.. ދެންފަހަރަކުން އަހަރެންގެ އަމުރަށް ކިޔަމަންނުވެއްޖެއްޔާ މިއަށްވުރެ ބޮޑުވަރުކޮށްލާނަން.. ހަނދާންކުރާތި.."

އެންމެން ދުރުކުރަމުން ބަދިގޭ ދޮރުމައްޗަށް އައިސް އާރިޒްއަށް ހުއްޓެވުނީ އެވަގުތުއެވެ. ފެނުނު މަންޒަރުން އޭނާއަށް ލިބުނު ޝޮކުގައި ދެލޯބޮޑުކޮށްލެވުނެވެ. ހޫނު ކޮފީއާ އެކު ބިއްލޫރި ޖަގާއި ޖޯޑުތައް އޮތީ ތަޅުންމައްޗަށް ވެއްޓި ތެޅިފައެވެ. އެކި ހިސާބުތަކަށް ބިއްލޫކޮޅުތައް ބުރައިގެން ގޮސްފައި ހުރިއިރު މެހެރީންއާ ވީފަރާތުގައި ތަށިމުށިތައް މަތީގައި ލޭ ތިކި ތަޅައިފައި ހުއްޓެވެ. ލަސްލަހުން އާރިޒްގެ ނަޒަރު މެހެރީނަށް ދަތުރުކޮށްލިއެވެ. އެއާއެކު އޭނާގެ ކަތުރުކަށިގަނޑަށް ވާންވެލިއެވެ. ހޫނުފެން އެޅުމުގެ ސަބަބުން މެހެރީންގެ އަތްތިލައިން ބޮޑުބައެއް ފިހިފައި ހުރިއިރު، ބިއްލޫރިކޮޅުތައް ނަގަން އޭނާ އިނީ ބޮޑު ބަނޑާއެކު ގުދުވެއެވެ. އިންގޮތުން މެހެރީނަށް އުނދަގޫވެފައި ވީވަރު އެމޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ. އަތުގައިއޮތް ބިއްލޫރިކޮޅުން ފިހިފައިވި ތަނުގައި އެޅި އަތުގެ ބޮޑުބައެއް ހުރީ ކަފައިގެން ގޮސްފައެވެ. އެތަނުން ހުއްޓުމެއްނެތި ލޭތިކިތައް ފައިބަމުންދިޔައިރު، މެހެރީންގެ ކުރިމަތީގައި ހުރި ރަޒާނަށް އެތަން ނުފެންނަނީބާއޭ އާރިޒްގެ ހިތަށް އެރިއެވެ. ހުއްޓުމެއްނެތި މެހެރީންގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން އާރިޒްގެ މުޅި ނަފުސަށް ބުނެދޭން ދަތި ރުޅިވެރިކަމެއް ވެރިވިއެވެ.

"މެހެރް.." ބޭނުންނުވި ނަމަވެސް އާރިޒްއަށް ގޮވައިލެވުނީ ހަރުކަށި ރާގަކަށެވެ. އެއަޑަށް ދެބުމަގޮށްޖަހައިލައިގެން ހުރި ރަޒާން ފަސްއެނބުރި އޭނާއާ ދިމާއަށް ބަލައިލީ ނުރައްކާތެރި ގޮތަކަށެވެ.

(ނުނިމޭ)

Ads by Ooredoo
  1. ޛސެެހޖނޖދ

    ީިޖޖދޖނސނއނރނރ

  2. ފާތު

    މެހެރް މަމީ މެހެރުނަމަ ތިރަޒާން ގަނޑާއެކު ނޫޅުނީމޫސް