ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ލިބޭ އިސްލާހު އުވާލައިފި
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ކޮންމެ ދެ އަހަރަކުން އެއް ފަހަރު ކުރިއެރުން ލިބޭ ގޮތަށް އެކުލަވައިލި އިސްލާހު އުވާލައިފި އެވެ.
މި އިސްލާހު އުވައިލީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިމިދިޔަ ހަފްތާގައި ނެރުނު ސާކިއުލާއަކުންނެވެ.
2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއިއެކު ހާއްސަ އެލެވެންސެއް ދޭން ތައާރަފު ކުރި އެވެ. އެ އެލެވެންސަކީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 70 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންގެ މުސާރައަށް ދެ އަހަރުން އެއް އަހަރު ކުރިއެރުން ލިބޭ އެލެވެންސެކެވެ. އެގޮތުން 200 ރުފިޔާގެ ކުރިއެރުމެއް ކޮންމެ ދެ އަހަރަކުން މުވައްޒަފުންނަށް ލިބޭނެ އެވެ.
އެހެންނަމަވެސް ބަޖެޓު ނުލިބޭތީ 2017 ވަނަ އަހަރުން ފެށިގެން މި އެލެވެންސް ބޮޑުކުރުން އޮތީ މަޑުޖައްސާލައިފަ އެވެ.
މިމައްސަލައިގައި ޝަރުއީ ދާއިރާގެ މުވައްޒަފުންތަކެއް ވަނީ ޓްރައިބިއުނަލްއަށްވެސް ގޮސްފަ އެވެ. އެމުވައްޒަފުން ދައުވާ ކުރީ މުސާރައިގެ އޮނިގަނޑަށް ގެނަސްފައި އޮތް އިސްލާހާއި އެއްގޮތަށް އެލެވެންސް ފައިސާ ހޯދާށެވެ. އެހެންނަމަވެސް ޓްރައިބިއުނަލްއިން ނިންމީ ބަޖެޓު ލިބިފައި ނުވާތީ ފައިސާ ދޭން އަމުރު ކުރެވެން ނެތް ކަމަށެވެ.
ބެލެވޭ ގޮތުގައި މުސާރައަށް ކުރިއެރުން ލިބޭ އިސްލާހު އުވައިލަން ޑީޖޭއޭއިން ނިންމާފައި މިވަނީ ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ސަރުކާރުން ތަންފީޒު ކުރާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ސަބަބުންނެވެ. ފިނޭންސް މިނިސްޓްރީން މި އަހަރު ވަނީ އެމިނިސްޓްރީއަށް އެންގުމަކާއި ނުލައި އެއްވެސް ބޮޑު ހަރަދެއް ނުކުރުމަށް އެދި ސާކިއުލާއެއް ނެެފަ އެވެ.