ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ވިސްނަބަލަ ޔާން.. ޔާން އެއްނު ބުނީ އެންމެ ގާތް އެކުވެރިޔާއަސް މެހެރީންދެކެ ނަފުރަތު ކުރެވެއޭ.. ހުރިހާ ކަމަކުން އަބަދުވެސް ކުރި ހޯދަނީ މެހެރީންއޭ.. މީ ޔާންގެ ފުރުސަތު.. އޭނާގެ ކިބައިން ބަދަލުހިފާކަށް ބޭނުމެއްނޫންތަ.. އަމިއްލަ ގެދޮރެއް މުދަލެއް ނެތް ނިކަމެއްޗަކު ފަދައިން މަގުމަތީ އެދަރިއާވެގެން ތެޅޭތަން ބަލާލާކަށް ބޭނުންނުވޭތަ.. ބުނެބަލަ ޔާން.." ޔާނީގެ އިސްއުފުލާ އެދެލޮލާ ސީދާކޮށްލަމުން ރަޒާން ބުނެލީ މަކަރުވެރި ގޮތަކަށެވެ. އޭނާގެ ބޭނުމަކީ ޔާނީގެ ވިސްނުމާ ކުޅެލުމެވެ. ޔާނީގެ ދެލޮލުން ފައުޅުވެލި އާދަޔާ ޚިލާފު ކުލަވަރުން ރަޒާންގެ ބޭނުން އޭނާއަށް ރަނގަޅަށްވެސް ހާސިލްވެއްޖެކަން ގައިމެވެ.

Ads by MWSC

"ބޭނުން.. ވަރަށް ބޮޑަށް ބޭނުން.. މިހުރިހާ ދުވަހުވެސް މިގޮތަށް އަހަރެން ކެތްމިކުރީ ހަމައެކަނި އެހެންވެ.. ޒާން.. އަހަރެން ޒާންއަށް ވަރަށް އިތުބާރުކުރަން.. ޕްލީޒް.. އަހަރެން ހިތުޖެހޭފަދަ ކަމެއް ޒާން ނުކުރައްޗޭ.."

"ޔަގީނެއްނު.. ލޯބި އަދި ކުޑަ ދުވަސްކޮޅަކު ކެތްކޮށްލާ.. ވަރަށް އަވަހަށް އަހަރެމެންގެ ހުވަފެންތައް ހަގީގަތަކަށްވާނެ.. މިހާރު އަހަރެން މިދަނީ އެކަމުގެ އެންމެ ފަހު ތައްޔާރީތައްވަމުން.." ވިހަ ހިނިތުންވުމަކާއެކު ރަޒާން ބުނެލިއެވެ. ރަޒާންއާ ބައިވެރިވެލަމުން ޔާނީވެސް ހިނިތުންވެލިއެވެ. އިރުކޮޅެއްކުރިން އެހިތުގައިވި ޝަކުވާތައް ރަޒާންގެ ލޯބިވެތި ފިރުމުންތަކުން ފިލައިފިކަހަލައެވެ. މެހެރީނަށް ރެއަކާވެސްނުލާ ހާލު އޭނާގެ ދިރިއުޅުމަށް ވިހަލުމަށް ދެމީހުން ތައްޔާރުވަމުން ދިޔައިރު، އެއިން އެކަކަށްވެސް ނޭނގުނީ މާތް ރަސްކަލާނގެ ރޭއްވެވުން އެއަށްވުރެ ފުރިހަމަވެގެން ވާކަމެވެ.

* * * * *

ކުރިމަތީގައި ހިނިއައިސްފައި ހުރި ފިޒިއޮތެރަޕިސްޓަށް އާރިޒް ވެސް ބަލައިލީ ހިނިތުންވެފައެވެ. އަމިއްލަ ފައި މައްޗަށް ކޮޅަށް ހުރެގެން ދެފަރާތުގައިހުރި ދަނޑީގައި އަތްނުލައި އޭނާ މަޑުމަޑުން ހިނގަމުންދިޔައިރު އެމޫނުގައިވީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. އެތައް ދުވަހަކު ދުއްވާގޮނޑިއެއްގައި އިނދެފައި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވުމުން އޭނާއަށް ކުރެވުނީ މުޅީން ތަފާތު އިހުސާސެކެވެ. މާތް ﷲ އަށް ޙަމްދުކުރެވެމުންދިޔައީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

މަޑުމަޑުން ފަޔަށް ލިބިފައިހުރި ގެއްލުން ރަނގަޅުވަމުން އައިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އޭނާ އެވާހަކަ އެއްވެސް މީހަކާ އަދި ހިއްސާއެއް ނުކުރެއެވެ. އޭނާގެ އެދުމަށް ތެރަޕިސްޓްވެސް ވަނީ އެކަން މެހެރީނަށްވެސް ސިއްރުކޮށްފައެވެ. ބާކީ އޮތީ އެންމެ ފަހު ސެޝަނަށްވާއިރު، އާރިޒްގެ ވިސްނުންހުރީ އެދުވަހު މެހެރީން އެތަނަށް ގެނައުމަށްފަހު އޭނާއަށް މިހާރު ހިނގޭކަން ބުނެދޭށެވެ. މެހެރީނަށް އެމަންޒަރުފެނުމުން އެމޫނަށް އަރައިފައިބާނެ ކުލަވަރު ބަލައިލުމަށް ބޭނުންވެފައިވީވަރުންނެވެ. އެވަގުތުވެސް މެހެރީނާ ދޭތެރޭ ވިސްނައިލެވުމުން އާރިޒްގެ ތުންފަތުގައިވި ހިނިތުންވުން އިހުނަށްވުރެ ފުޅާވެލިއެވެ.

"ހީކުރިވަރަށްވުރެ އަވަހަށް އާރިޒް ރަނގަޅުވެއްޖެ.. އާރިޒް އަސްލުވެސް ވަރަށް ހިތްވަރުގަދަ.." އާރިޒްގެ ހަރަކާތްތަކަށް ބަލަންހުރެ އޭނާގެ ތެރެޕިސްޓް ބުނެލިއެވެ. އެވާހަކަތައް އިވިފައި އޭނާއަށް ބަލައިލަމުން އާރިޒް ބޯޖަހައިލިއެވެ.

"ކޮބާ.. އެންމެ ފަހު ސެޝަނަށް ތައްޔާރުތަ.. މެހެރީން ގާތު އެދުވަހު އަންނަން ބުނިންތަ؟"

"ލައްބަ.. މެހެރް ގާތުވެސް ބުނެލިން.. ހޯޕް ޝީ ވިލް ކަމް.." އާރިޒްގެ ދެލޮލުގައި ވިދަމުންދިޔައީ އުއްމީދުގެ ކުލަވަރެވެ. ކޮންމެގޮތަކުން ނަމަވެސް އެދުވަހު އޭނާއާ އެކުގައި މެހެރީން ވުމަށް އާރިޒްއަށް އެދެވެއެވެ. އެތައް ދުވަހަކަށްފަހު ލިބުނު އެއުފަލުގައި އެންމެ ގާތުން އޭނާއާ ބައިވެރިވާން އާރިޒްއަށް އެދެވޭ ހަމައެކަނި މީހަކީ ވެސް މެހެރީންއެވެ.

* * * * *

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ލީމްގެ ގޭގައި ހައްދައިފައި އޮތް ބަގީޗާ ތެރޭގައި ޖަހައިފައިހުރި ބެންޗްތަކުން ބެންޗެއްގައި ދާމިން އާއި ލީމް ތިއްބެވެ. ދެމެދުގައި ބޮޑަށް ދެކެވެމުން ދިޔައީ ކުރެވެން އުޅޭ ކައިވެނީގެ ވާހަކައެވެ. ދެއާއިލާގެވެސް ރުހުން އެގުޅުމަށް ލިބުމުން އިތުރަށް ދުވަސްތައް ބޭކާރުކުރާކަށް ދާމިން ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވީ ވީ އެންމެ އަވަހަށް ލީމް އޭނާގެ މިލްކަކަށް ހަދާށެވެ. އެގޮތާ ޚުދު ލީމް ވެސް ރުހި ގަބޫލުވީ ދާމިންގެ މީހަކަށް އުމުރަށް ވުމަށް ބޭނުންވެފައިވީ ވަރުންނެވެ.

ހިނދުކޮޅަކު އެކި ކަންކަމާ މަޝްވަރާކުރުމަށްފަހު ލީމް ފުން ޚިޔާލަކަށް ގެއްލިފައިވީހެން ދުރަށް ނަޒަރު ހުއްޓައިލައިގެން އިނެވެ. ކޮފީ ޖޯޑުން އެތިފޮދެއް ބޯލަމުން ލީމްގެ މޫނަށް ދާމިން ނަޒަރު ހިންގައިލިއެވެ. މަޑުމަޑުން ލީމްގެ ނަމުން ގޮވައިލަމުން ކިހިނެއްވެފަތޯ އޭނާ އަހައިލީ އޯގާތެރިކަމާއެކުއެވެ. ހިންދިރުވައިލަމުން ލީމް އިސްޖަހައިލިއެވެ. ކައިވެނިކުރެވެން އުޅޭއިރު ދާމިންއަށް އޭނާއާ ބެހޭ އެއްވެސް ކަމެއް ސިއްރުވެފައި އޮންނާކަށް ލީމް ނޭދެއެވެ. އެވާހަކަތައްވެސް ދާމިންއަށް ކިޔައިދޭންވީ ވަގުތު ޖެހިއްޖެކަން އޭނާއަށް ވިސްނުނީއެވެ. އެހެން މީހެއްގެ ފުށުން އެނގުމަށްވުރެ ލީމް ބޭނުންވީ ޚުދު އޭނާ އެވާހަކަތައް ދާމިންއަށް ކިޔައި ދިނުމަށެވެ.

"އަހަރެން ދާމިންއާ ކުޑަ ވާހަކައެއް ދައްކާލަން ބޭނުންވެފަ ހުންނަތާ ދުވަސްކޮޅެއް ވެއްޖެ.." ވާހަކަފަށާނެ ގޮތެއް ނުވިސްނުމުން ލީމްއަށް ބުނެވުނެވެ. ހުއްދަދޭ ފަދައަކުން ދާމިން ބޯޖަހައިލިއެވެ. އޭރު އޭނާގެ ހުރިހާ ސަމާލުކަމެއްވީ ލީމްގެ ހަރަކާތްތަކަށް ހުއްޓިފައެވެ.

"އަހަރެން.. އަހަރެން މީ ހަގީގަތުގަ މިއާއިލާއާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން.. ބުނަން މިއުޅެނީ އެއީ.. އަހަރެންގެ އަސްލު މައިންބަފައިންނެއް ނޫނޭ.." ހަށިފުރާ ދޫކޮށްލި ފުންނޭވައާއެކު ދާމިންއާ ކުރިމަތިލައި ލީމް ބުނެލިއެވެ. އެއާއެކު ދާމިންގެ ނިތަށް ރޫތައް ޖަމާވެލީ ލީމް ބުނި ވާހަކަތައް ގަބޫލުކުރުން ދަތިވުމުންނެވެ. ހައިރާންކަން އޭނާގެ މޫނުން ފައުޅުވާން ހުއްޓެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކޮށް އޭނާ އިނީ ލީމް ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ބުނުމަށް ފުރުސަތުދީގެންނެވެ.

"ދާމް.. އަހަރެން މީ އަސްލު ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ މީހެއް.. އަހަރެންގެ މައިންބަފައިން ވެސް.. އެއީ އަހަރެން ވަރަށް ކުޑައިރު ކަމަށް އާތިކާ މަންމަ ބުނީ.. އޭރު އެދެމަފިރިންނަށް ކުއްޖަކު ނުލިބި އެކަމުގެ ހިތާމައިގަ އެތައް ދުވަހެއް ވަންދެން ބޭސްވެސް ކުރި.. އެކަމަކު އެއިން އެއްވެސް ކަމެއް ކާމިޔާބު ނުވީމަ އެދެމީހުން ނިންމީ ދިވެހި ބޭސްވެރިކަން ކުރަން.. އެހެންވެ އެދުވަސްވަރު އާތިކާ މަންމަ އާއި ޒުހޭލް ބައްޕަ އަހަރެންގެ ރަށަށް ދިޔައީ.. އަހަރެންގެ އަސްލު މަންމައާ އާތިކާ މަންމަ ބައްދަލުވީ އެދަތުރުގަ ރަށަށް ގޮސް އުޅުމުގެ ތެރޭ.. އޭރު މަންމަގެ އަހަރެންގެ އިތުރުން އެހެން ކުއްޖަކުވެސް ހުއްޓޭ އާތިކާ މަންމަ ބުނި.. މަންމަމެންގެ ފަގީރުކަމުން ދެކުދިން ގެންގުޅެވޭނެ ފެންވަރު ނެތީމަ، އެއްދުވަހު ދެކެވުނު ވާހަކައެއް ތެރޭގަ އާތިކާ މަންމައަށް ކުދިން ނުލިބޭ ވާހަކަ ބުނުމުން އަހަރެންގެ މަންމަ އެދުނީ އަހަރެން ގެންދިއުމަށް.. އަދި އަމިއްލަ ދަރިއަކު ފަދައިން ބަލައި ބޮޑު ކުރުމަށް.. މަންމަ ބޭނުންވީ މަންމަގެ ކޮންމެވެސް އެއްކުއްޖަކަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯދަދޭން.. އެމީހުން އަހަރެން ގޮވައިގެން ފުރި ދުވަހު މަންމަގެ ހާލު ވަރަށް ގޯސްވި ވާހަކަ އާތިކާ މަންމަ ބުނި.. މަންމަ އަހަރެން ދޫކޮށްލީ ބޭނުންނުވެގެނެއް ނޫން.. އާތިކާ މަންމަގެ ވާހަކަތަކުން އަހަރެންގެ އަސްލު މަންމަ އަހަރެންދެކެ ވަރަށް ބޮޑަށް ލޯބިވާކަން އެނގޭ.. އަދި އެއީ ވަރަށް ހެޔޮބައެއްކަންވެސް އެނގޭ.. އާތިކާ މަންމަ ބުނި މާލެ އައި ފަހުންވެސް މަންމައާ ކޮންމެވެސް ވަރަކަށް ގުޅުން ބޭއްވިކަމަށް.. އެކަމަކު ފަހުން ވީނުވީއެއް ނޭނގި ކުއްލިއަކަށް މަންމަ ޚަބަރުވުން ހުއްޓާލީކަމަށް.. އެފަހުން އެއްފަހަރު އަހަރެން ގޮވައިގެން ރަށަށް ދިޔަ ވާހަކަވެސް ބުނި.. އެކަމަކު މަންމައާ ބައްދަލެއް ނުވިއޭ އާތިކާ މަންމަ ބުނީ.. ދާމް.. އަހަރެންގެ އާއިލާ ވީ ތަނެއް ޚުދު އަހަންނަށްވެސް ނޭނގޭ.. އެކަމަކު އެމީހުން ދުނިޔޭގަ ތިބިނަމަ އެމީހުނާ ބައްދަލުކޮށްލަން އަހަރެންގެ ހިތް އިންތިހާއަށް އެދޭ.. ހަގީގަތުގަ އޮސްޓްރޭލިއާގަ ހުރެފަ އަހަރެމެން ރާއްޖެ ބަދަލުވީވެސް އަހަރެންގެ އެދުމުގެ މަތިން.. އަހަރެން ހިތް އެދެނީ އެމީހުން ހޯދުމަށް.. އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ އާއިލާއާ ބައްދަލުކޮށްލުމަށް.. އެކަމަކު... އެމީހުން ހޯދަން ހަދާނެ ގޮތެއް އަހަންނަކަށް ކުޑަކޮށްވެސް ނުވިސްނޭ.." ހިނދުކޮޅަކަށް ވާހަކަދެއްކުން ހުއްޓައިލަމުން ލީމް އިސްޖަހައިލިއެވެ. އޭނާ ދާމިން ގާތުގައި އެ ފައުޅުކުރީ އަދި އެކަކު ގާތުވެސް ފައުޅުނުކުރާ ސިއްރެކެވެ.

ލީމްގެ ވާހަކަތަކާ މެދުގައި ވިސްނަން އިނުމަށްފަހު ލަސްލަހުން ލީމްގެ ދަތްދޮޅިދަށަށް އަތްލައްވައިލައި ދާމިން އުފުލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު ދާމިން ހަދިޔާކޮށްލީ ލޯބިވެތި ހިނިތުންވުމެކެވެ. ހިމޭންކަންމަތީގައި އިން ނަމަވެސް ދާމިންގެ އެ ހަރަކާތްތައްފެނި ލީމްއަށް ވެސް ހީނލެވުނެވެ. ލޯތްބާއެކު ލީމްގެ ކޯތާފަތުގައި ފިރުމައިލަމުން ދާމިން ވާހަކަދައްކަން ފެށިއެވެ.

"ލީމް ހާސްނުވޭ.. އިރާދަކުރެއްވިއްޔާ އަހަރެމެންގެ ކައިވެނީގެ ކުރިން ލޯބިގެ ތި އެދުން ފުރިހަމަކޮށްދޭނަން.. އަހަރެމެންގެ ކައިވެނިކުރެވޭނީ ލީމްގެ އާއިލާވެސް ހިއްސާވެގެން.. އެހެންވީމަ ތިކަން އަހަރެންގެ އަތްމައްޗަށް ދޫކޮށްލާ.."

"އެކަމަކު ދާމް ކިހިނެއް.." ޔަގީންނުވަފަދަ ގޮތަކަށް ލީމް އަހައިލިއެވެ.

"ކަންބޮޑުނުވޭ.. އެކަން ކުރާނީ އަހަރެންގެ އެކުވެރިއެއް ލައްވާ.. ތިކަހަލަ ކަންކަމަށް ނިކަން މޮޅެތި މީހުން އަހަރެން ދަންނަން.. އަދި ކައިވެންޏަށް ތިން މަސް ބާކީ އެބައޮތް.. އެހެންވީމަ އެދުވަސްތަކުތެރޭ އިރާދަކުރެއްވިއްޔާ އެމީހުނާ ބައްދަލުވާނެ.. އަހަރެން އޭނައާ ވާހަކަދައްކާލާފަ ލީމް އަށް އަންގާނަން.. އޭނަ ބޭނުންވާ މައުލޫމާތުތައް ލީމް ވާނެ ކިޔައިދޭން.. އޭރަށް އިރާދަކުރެއްވިއްޔާ އަހަރެންގެ ލޯބި ތިއެދޭ ކަންތައް ފުރިހަމަވާނެ.. އަހަރެންގެ ބާރުގެ ދަށުގަ އޮތް ކޮންމެ ކަމެއް ލީމްއަށްޓަކާ އަހަރެން ކޮށްދޭނަން.. އަހަންނަށް އިތުބާރުކުރޭ.." ލޯބިން ލީމްގެ ކޮލުގައި ހިފައިލަމުން ދާމިން ބުނެލިއެވެ. އެވާހަތަކުން ކަނިވަމުންދިޔަ ލީމްގެ އުއްމީދުގެ ހުޅުކޮ އިތުރަށް ރޯވެ އަނދައިގަތް ކަހަލައެވެ. އެދެލޯ ވިދައިގަތީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ. މިހާރުންސުރެ އަމިއްލަ އާއިލާ އާއި ބައްދަލުކޮށްލުމަށް އެދި ލީމް އަށް ދުވަސް ގުނެން ފަށައިފިއެވެ. ކުރަން އޮތީ ކިތަންމެ ދިގު އިންތިޒާރެއް ނަމަވެސް އޭނާ އެކަން ކުރަން ވެސް ތައްޔާރެވެ.

* * * * *

ޖެހިގެން އައި ދުވަހުގެ ހަވީރު ވަގުތެވެ. ވިހާ ދުވަސް ގާތްވަމުން ދިޔައީ މެހެރީން ބޭނުންވީ އެކަނި ނަމަވެސް ލިބެން އުޅޭ ދަރިފުޅަށް ބޭނުންވާނެ ސާމާނު ގަތުމަށް ދާށެވެ. ރަޒާން ގާތުގައި އެދަރިފުޅުގެ އެއްވެސް ކަމެއް ކޮށްދިނުމަށް ބުނާކަށް މިހާރު އޭނާ ބޭނުމެއްނުވެއެވެ. އުފަންނުވާ އޭނާގެ އެ ތުއްތު ދަރިފުޅަށް ނިސްބަތްކޮށްވެސް ރަޒާންގެ ދުލުން ބަދުބަހެއް ނޫނީ ނުނިކުމެއެވެ. އޭނާއަށް އަނިޔާކުރާއިރު އެކަމުން އެ ތުއްތު ފުރާނައަށް ގެއްލުމެއްވެދާނެތީ ރަޒާން ޖެހިލުންވާހެނެއް ހިއެއްނުވެއެވެ. ކޮންމެފަދަ ކަމެއް ކުރުމަށްފަހުވެސް މަޢާފަށް އެދުމުން ރަޒާންގެ ނަޒަރުގައި އެކަން އެ ނިމުނީއެވެ. އެކަމަކު މެހެރީންގެ ހިތުގައި ލަމުންދިޔަ ކޮންމެ ޒަޚަމެއް ތާޒާކަން މަތީގައި ހުރިއިރު، އޭނާ އެކަންތައް ހަނދާންނައްތާލާ ރަޒާންއަށް މަޢާފުކުރާނީ ކިހިނެއް ހެއްޔެވެ.

އަށްމަހުގެ ބޮޑު ބަނޑާއެކު މެހެރީން އެކަނި ފިހާރަތަކަށް ދާން އުޅުމުން ޖީނާ އެކަމާ ދެކޮޅު ހެދިއެވެ. އެންމެ ފަހުން މެހެރީންއަށް ޖެހުނީ ޖީނާ ވެސް ގޮވައިގެން ދާށެވެ. ކުއްލިއަކަށްވެސް މެހެރީނަށް ކަމެއް ވެއްޖެނަމަ އެހީވާނެ މީހަކު އަބަދުވެސް ހުރުން މުހިންމުކަމުގައި ޖީނާ ބުނުމުންނެވެ. ދެމީހުން ކާރުގައި އައިސް އެންމެ ފުރަތަމަ މެހެރީން ބޭނުންވި ފިހާރަކުރިމައްޗަށް މަޑުކޮށްލިއެވެ.

ކުޑަކުދިންގެ އެކި އެއްޗެހީގައި އަތްކާއްތަމުން ދިޔައިރު މެހެރީންގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއްގެ އަސަރުވިއެވެ. އޭނާ ގާތުގައި ހުރި ޖީނާގެ ފުށުން ވެސް ފައުޅުވަމުންދިޔައީ އެފަދަ އަސަރުތަކެކެވެ. އަލަށް ގެއަށް އަންނަން އުޅޭ މެހެމާނަށް ޚުދު އޭނާއަށް ވެސް އިންތިޒާރު ކުރެވެމުންދިޔައެވެ. ގޭގައި ގެންގުޅޭ ޚާދިމުންނެއް ކަމަކު މެހެރީން އެމީހުނާ ދޭތެރޭގައި ކަންތައް ކުރަނީ އަމިއްލަ އާއިލާއެއް ފަދައިންނެވެ. ކޮއްކޮއަކު ފަދައިން ޖީނާއަށް މެހެރީންއާ މެދުގައި ކަންތައްކުރެވެނީވެސް އެހެންވެއެވެ.

ހިތްހަމަޖެހޭވަރަށް ބޭނުންވާ ސާމާނުތައް ގަނެގެން ފިހާރައިން މެހެރީން ނުކުތެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ކޮތަޅުތަކުގައި ހިފައިގެންހުރެ ޖީނާ ވެސް ނުކުތެވެ. ދެމީހުންގެ މޫނުންވެސް ފައުޅުވަމުން ދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. މިއަދަށްދެން ނިމުނީކަމުގައި ބުނަމުން މެހެރީން އުޅުނީ އެއްފަރާތުގައި ޕާރކް ކޮށްފައި އޮތް އޭނާގެ ކާރަށް އަރާށެވެ. ނަމަވެސް އެވަގުތު ފެނުނު މަންޒަރުން އޭނާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުރިމަތީގައި ހުރި ހޮޓެލަށް އޭނާގެ ނަޒަރު ހުއްޓިފައިވީއިރު، އޭނާއަށް ބެލެމުން ދިޔައީ އަތުގުޅުވައިލައިގެން ދެލޯބިވެރިން ފަދައިން އެތަނަށް ވަދެގެންދިޔަ ރަޒާން އާއި ޔާނާ އަށެވެ. ކާރަށް އަރަން ހުޅުވައިލި ދޮރު ލައްޕައިލުމާއެކު އެ ހޮޓެލާ ދިމާއަށް މެހެރީން ހިނގައިގަތެވެ. ފެނުނު މަންޒަރު އަދިވެސް ޔަގީންކުރަން ބޭނުންވެފައި ވީވަރުންނެވެ.

(ނުނިމޭ)

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!