ޚަބަރު ސަރުކާރު

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހައްޖައް ދިޔަ ދިވެހިންތަކެެއް؛ ފޮޓޯ ސަން

1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

އެމިނިސްޓްރީން ވިދާޅުވީ ޕްރޮޕޯސަލް ހުށަހެޅޭނީ، ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ގުޅޭ އުސޫލުގައި ބުނެފައިވާ ޝަރުޠު ހަމަވާ ކުންފުނިތަކަށް ކަމަށާއި ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދަދޭނީ ހުށަހަޅާ ކުންފުނިތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށްކަމަށެވެ.

ޕްރޮޕޯސަލް ފޮތާއި ޕްރޮޕޯސަލް ހުށަހަޅާފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓީންގ އޮންނާނީ 2023 މާރިޗް 2 ވާ (ބުރާސްފަތި) ދުވަހުގެ 10:00ގައި މިނިސްޓްރީގެ މީޓިންގ ރޫމް 1 ގައިކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން 13 މާރިޗް 2023ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަންވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކާފައިވާ ކުންފުނިތަކަށްކަމަށްވެސް މިނިސްޓްރީ ބުނެފައިވެއެވެ.

ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ދެއްވާ ރަސްމީ ކޯޓާގެ ގޮތުގައި 1000 ކޯޓާ މިއަހަރު ވަނީ ރާއްޖެއަށް ލިބިފައެވެ.

އަދި އިތުރު ކޯޓާ ހޯއްދެވުމުގެ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ޢަލީ ކުރައްވަމުން ގެންދަވާއިރު، މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ޙައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ހުޅުވައިލާގޮތަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދަދޭނީ ހުށަހަޅާ ކުންފުނިތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ.

ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ތެރެއިން، ޙައްޖުކޯޕަރޭޝަންގެ އިތުރުން ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކަށް ދޭނީ 90 (ނުވަދިހަ) ކޯޓާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!