އިޔާޒު ނިޝާނަށް: އަމިއްލަފުޅަށް އެޅުއްވި ފިޔަވަޅަކުން ދިމާވި ހިތާމަވެރިކަމެއްގެ ޒިންމާ އަދާލަތަށް ރައްދުކުރާތީ ހިތާމަކުރަން
އަދާލަތު ޕާޓީގައި ހުރުމަކީ ދީނަށް ވެވޭ ހިޔާނާތެއްކަމަށް ޝެއިޚް އާދަމް ނިޝާން ވިދާޅުވި ވިދާޅުވުމަށް ޑރ. މުހައްމަދު އިޔާޒު ރައްދު ދެއްވައިފިއެވެ.
ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ޝެއިޚް އާދަމް ނިޝާން ވިދާޅުވީ މިހާރު ޢަދާލަތު ޕާޓީއަކީ އިސްލާމްދީނަށް ނަޞްރުދީ ﷲގެ ޝަރީޢަތް މަތިވެރިކޮށް އަދި އިސްލާމްދީނުގެ ޢަދާވާތްތެރިންގެ އަޅުވެތިކަމުން މިދީބުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް މަސައްކަތް ކުރާ ބައެއްގެ ބަދަލުގައި، ޢަލްމާނީ ސެކިއުލަރ ފަރާތްތަކާ ގުޅި ބައިޢަތު ހިފައިގެން އެމީހުން އެގޮވައިލާ ލާދީނީ ފަލްސަފާއަށް ފާޅުގައި ވާގިދޭ ބައެއް ކަމަށެވެ.
ޝެއިހް ނިޝާނަށް ރައްދު ދެއްވާ ޑރ. އިޔާޒު ވިދާޅުވީ ގިނަ ޢިލްމުވެރިންތަކެއްގެ ނަޞޭޙަތް އަޑުނުއައްސަވާ އަމިއްލަފުޅަށް އެޅުއްވި ފިޔަވަޅަކުން ދިމާވި ހިތާމަވެރިކަމެއްގެ ޒިންމާ އަދާލަތަށް ރައްދުކުރައްވާތީ ހިތާމަކުރައްވާކަމަށާއި ޝައިޚް ނިޝާން ޤަބޫލުފުޅު ނުކުރެއްވިނަމަވެސް ޢަދާލަތުގެ ނިންމުންތައް ނިންމަނީ ޢިލްމީގޮތުން ދިރާސާ އާއި މަޝްވަރާކުރެވި އަދި ޝަރްޢީ ޙުއްޖަތްތަކާއި ދަލީލުތަކުގެ އަލީގައިކަމަށެވެ.
"މިއީ ތެދުކަން ﷲ ހެކިވެވޮޑިގެންވާނެ. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ ޝައިޚް އަށް އޮޅިވަޑައިގެންފައިވާކަންކަން ސާފުވެ، ތިޔަވާހަކަތައް އަނބުރާ ގެންނެވުން. އަދި ޝައިޚްގެ މައްޗަށް އުފުއްލިފައިވާ ދަޢްވާއިން ޝައިޚް ބަރީއަވެ ސަލާމަތްވުން. އަޅުގަޑުމެންނަށް ކުޅަދާނަވީވަރަކަށް އިޞްލާޙު ކުރުން މެނުވީ ބޭނުމެއް ނުވޭ. އަދި ﷲގެ ޙަޟްރަތުން މެނުވީ އަޅުގަނޑުމެންނަށް ތައުފީޤު ލިބުމެއްވެސް ނުވޭ. އަޅުގަނޑުމެން ވަކީލުކުރަނީ އެފަރާތަށް" ޑރ. އިޔާޒު ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދު ކުރަން ނިންމުމާއެކު ގިނަ ދީނީ އިލްމުވެރިން ދަނީ އެޕާޓީއަށް ފާޑުކިޔަމުންނެވެ.
ކޮންތާކުން އިޔާޒްމެން ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ބައެއް. އިބޫ ކުރާ އެއްވެސް ގޯސްކަމެއް އޭނާ އަކަށް ނުފެންނާނެ ލޯ ވަނީ ކަނުވެފަ