ޚަބަރު ޝަރުޢީ ދާއިރާ

ދުވާފަރު ކައުންސިލުގެ ހިޔާނާތް: 8 މީހަކަށް ދައުވާކުރަން ފޮނުވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރ.ދުވާފަރު--

ރ. ދުވާފަރު ކައުންސިލުގެ މެންބަރުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލްގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށްފައިވާ މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

Ads by Hajj Corporation

އޭސީސީ އިން ބުނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލި ދުވާފަރު ކައުންސިލްގެ ޚާއްޞަ މޮނިޓަރިންގ ރިޕޯޓަކުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަޙުޤީގުކޮށް، ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށްފަހު، ދަޢުވާކޮށްދިނުމަށް ނިންމާފައިވާ 8 މީހުންގެ ތެރޭގައި އެކައުންސިލްގައި އޭރުތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނޭކަމަށެވެ. މިގޮތުން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި 8 މީހުންގެ ތެރޭގައި ހިމެނެނީ ދުވާފަރު ކައުންސިލްގެ ރައީސް ޙަސަން ޙަކީމް، ކައުންސިލްގެ ނާއިބު ރައީސް ޢިޒްމީލް އަޙުމަދު، ކައުންސިލްގެ އޭރުގެ މެންބަރު އަޙްމަދު ސަމޫޙު، ކައުންސިލްގެ މެންބަރު މުޙައްމަދު ޝާމް، ކައުންސިލްގެ މެންބަރު ޒުހުދާ އާދަމް، ކައުންސިލްގެ މެންބަރު އާމިނަތު ޞަލާޙު، ސެކްރަޓަރީ ޖެނަރަލް މުޙައްމަދު ނާޞިޙްގެ އިތުރުން ދުވާފަރު ކައުންސިލްގެ އިދާރާގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރ، މުޙައްމަދު ޢަލިފުޅެވެ.

މި އެންމެންގެ މައްޗަށްވެސް ދަޢުވާކޮށްދިނުމަށް އެދިފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައިވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި، އެޤާނޫގެ 516 ވަނަ މާއްދާގައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން، ހަމަ އެޤާނޫނުގެ 517 ވަނަ މާއްދާގައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން މައުލޫމާތު ދެއްވައެވެ.

އޭސީސީ އިން ބުނީ އުސޫލުތަކާއި ޚިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮމިޝަނަށް ހުށައެޅުމާއެކު، ޚާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަޙުޤީގަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، 2 މަސްދުވަސްތެރޭގައި މައްސަލައިގެ ތަޙުޤީގު ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ވަނީ ފޮނުވާފައިކަމަށެވެ.  އަދި މިއަދު ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން އިސްލާހުކުރުމަށް އެންގިކަންކަން އިސްލާހު ކުރުމަށްފަހުގައިކަމަށްވެސް އެކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!