ކެނެޑާގެ އިންތިހާބުތަކަށް ޗައިނާއިން ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލަ ބަލަނީ
ކެނެޑާގެ އިންތިހާބުތަކަށް ޗައިނާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގާނެ ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެ އެވެ.
ޓްރޫޑޯ ވިދާޅުވީ ތަހުގީގު ކުރުމަށް ހާއްސަ މިނިވަން އޮފިޝަލަކު އައްޔަނުކޮށް، 2019 އަދި 2020 ގެ އިންތިހާބާ ގުޅޭ ގޮތުން ފެތުރިފައިވާ ރިޕޯޓުތަކުގެ ތެދު ދޮގު ބަލާނެ ކަމަށެވެ.
އޭގެ އިތުރުން ބޭރުގެ ނުފޫޒާ ގުޅޭ ތަހުގީގެއް ހިންގައި ޕާލަމެންޓަށް ރިޕޯޓެއް ހުށަހެޅުމަށް ޕާލަމެންޓްގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަދި ޖާސޫސީ ކަންކަމާ ބެހޭ ކޮމިޓީގައި އެދޭނެ ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ.
ޗައިނާގެ އިތުރުން އިރާނާއި ރަޝިއާ ފަދަ ގައުމުތަކުން އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަން ކެނެޑާއަށް އެނގޭ ކަމަށާއި "ޑިމޮކްރަސީގެ އިތުރުން ގައުމީ ކަންކަމަށް" ވެސް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ.
ކެނެޑާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އެންމެ ފަހުން ބޭއްވި އިންތިހާބުތަކުގައި ޗައިނާ ސަރުކާރުގެ އެއްބާރުލުމާ އެކު ވާދަކުރި ކެންޑިޑޭޓުންގެ "ބޮޑު ނެޓްވޯކެއް" ޖާސޫސީ އިދާރާއަށް ފާހަގަވި އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން ގޮވާލާފައި ވަނީ އާއްމުކޮށް ހުޅުވާލައިގެން ތަހުގީގެއް ހިންގުމަށެވެ.
އިންތިހާބުތަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތު ޗައިނާއިން ދޮގުކުރެ އެވެ. ޗައިނާއިން ބުނީ އެއީ "އެއްވެސް ހަގީގަތެއް ނެތި ޗައިނާގެ އަގު ވައްޓާލުމަށް" ދައްކާ ވާހަކަތަކެއް ކަމަށެވެ.
ކެނެޑާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އެންމެ ފަހުން ބޭއްވި އިންތިހާބުތަކުގައި ޗައިނާ ސަރުކާރުގެ އެއްބާރުލުމާ އެކު ވާދަކުރި ކެންޑިޑޭޓުންގެ "ބޮޑު ނެޓްވޯކެއް" ޖާސޫސީ އިދާރާއަށް ފާހަގަވި އެވެ.
ނޫސްތަކުން ބުނީ 2019 ގެ ފެޑެރަލް އިންތިހާބުތަކުގައި މަދުވެގެން 11 ކެންޑިޑޭޓުން ވާދަކުރީ ޗައިނާގެ ތާއީދާ އެކުގައި ކަމަށް އޮފިޝަލުން ޓްރޫޑޯއަށް އަންގަވާފައިވާ ކަމަށެވެ.
ނަން ހާމަނުކުރާ ޖާސޫސީ އޮފިޝަލުންނާ ހަވާލަދީ ގްލޯބަލް ނިއުސްއިން ބުނީ ޗައިނާއިން އެ ކެންޑިޑޭޓުންނަށް ހަރަދު ކުރި ކަމަށާއި ކެމްޕެއިން އެޑްވައިޒަރުންގެ ގޮތުގައި ވެސް ޗައިނާގެ އޭޖެންޓުން އުޅުނު ކަމަށެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމަށް އޮޕަަރޭޝަން ހިންގީ ޓޮރޮންޓޯގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓް މެދުވެރިވެގެން ކަމަށް ވެސް އޮފިޝަލުން ތުހުމަތު ކުރި އެވެ.