ޚަބަރު ސަރުކާރު

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް ފުރުސަތު ހުޅުވާލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހައްޖައް ދިޔަ ދިވެހިންތަކެެއް؛ ފޮޓޯ ސަން

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކޮށްފައިވާ އިއުލާނެއްގައި ބުނީ 1444 ވަނަ އަހަރުގެ ޙައްޖަށް  ގެންދަން އެކުންފުންޏަށް ލިބޭ ކޯޓާގެ ތެރެއިން %5، އެކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާ، ޙައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ޙާއްސަކުރުމަށްވަނީ ނިންމާފައިކަމަށެވެ.

މިއިއުލާނުގައި ބުނެފައިވާ ގޮތުން 09 މާރިޗު 2023 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން ޙާއްޞަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމަށް މިހާރު ހުޅުވާލައިފައިވާއިރު ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 21 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ސައުދީން މި އަހަރު ރާއްޖެއަށް 1000 ހައްޖު ކޯޓާ ހަމަޖައްސާފައިވާއިރު، އިތުރު 2500 ކޯޓާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!