ޚަބަރު ސަރުކާރު

ހިޔާ ފުލެޓުގެ ކުލި ކުޑަކުރުމަށް 3 ގޮތެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ހުޅުމާލޭ ފޭސް ދޭއްގައި ހަދާފައިވާ ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު 3 ގޮތެއް ހާމަކުރައްވައިފިއެވެ.

Ads by STELCO

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަރަކާތްތެރިވާ ”ހިޔާ ރައްޔިތުންގެ ގުޅުން“ ހަރަކާތާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި 3 ގޮތަކީ ކުލި ދައްކަން ޖެހިފައި އޮތް މުއްދަތަށް ބަލައި ކުލި ކުޑަކޮށް ލޯނު ދައްކަންޖެހޭ މުއްދަތު އިތުރުކުރުން، ކުލި ދެއްކުމަށް ދަތިވާ މީހުން ބަލައި ދައުލަތުން އެފަދަ ފަރާތްތަކަށް ސަބްސިޑީއެއް ދިނުން އަދި ހިޔާ ފުލެޓްތަކުގެ އެންމެންގެ ކުލި އެއް އަދަދަކަށް ކުޑަކުރުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އިކޮނޮމިކް ކައުންސިލާއި ކަމާގުޅޭ އެހެނިހެން އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު ގޮތްތަކެއް ނިންމެވުމުގެ ކުރިން އަދި އެއްފަހަރު ”ހިޔާ ރައްޔިތުންގެ ގުޅުން“ ހަރަކާތާ ބައްދަލުކުރައްވާނެ ކަމަށާއި ދެމަހެއްހައި ދުވަސްތެރޭ އުފާވެރި ޖަވާބެއް ދެއްވާނެކަމަށެވެ.

ހިޔާ ފުލެޓުގެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ ބޯހިޔާވަހި ކަމުގެ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި 6،600 ރުފިޔާ ނަގަން ނިންމައިފައިވީ ނަމަވެސް މި ސަރުކާރުން ވަނީ އެ އަގަށް ބަދަލު ގެނެސް ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި މަހަކު 7500 އަދި މެއިންޓެނެންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާ އެކު ޖުމްލަ 8500 ރުފިޔާ ދައްކަން ޖެހޭނެކަމަށް ނިންމައިފައެވެ.

މިކަމާ ގުޅިގެން ހިޔާ ފުލެޓުތަކުގެ ވެރިންނާއި އިދިކޮޅުން ބުނަމުންދާ ގޮތުގައި މި އަދަދަކީ އެ ފުލެޓްތަކާ އަޅާބަލާއިރު ބޮޑު އަދަދެއް ކަމަށާއި ކުލީގެ އަގު ކުޑަކުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!