ޚަބަރު ސިޔާސީ

މިދުވަސްވަރު ޖޭޕީން ސިޔާސީ މީހުން ވަކިވާނެ، އެއީ ޖަހާފައި އޮތް ހިސާބެއް: އަމީން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ޖޭޕީއަށް ނިސްބަތްވާ ބޭފުޅުން މިދުވަސްވަރު އެޕާޓީން ވަކިވުމަކީ އާ ކަމެއް ނޫންކަމަށާއި އެއީ ޖަހާފައި އޮތް ހިސާބެއް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި މިނިސްޓަރުންގެ ފަރާތުން ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ. އެގޮތުން ސަރުކާރު މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވަމުން މަޖިލީހުގައިވެސް ދަނީ ގޮވައިލަމުންނެވެ.

މިކަމާއި ގުޅިގެން އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖޭޕީގެ ސްލޮޓުތަކުގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނިންމެވުންތައް އެކި ޕްރެޝަރާއި ގުޅިގެން މި މޫސުމުގައި ތަންކޮޅެއް ތަފާތު ގޮތްގޮތަށް އެނބުރޭތަން ފެނުމަކީ އާ ކަމެއް ނޫން ކަމަށެވެ.

"އެއީ ޖަހާފައި އޮތް ހިސާބެއް. އެއިން ޖޭޕީގެ ނިންމުމަކަށް އަސަރެއް ނުކުރާނެ. ޖޭޕީ ދާނީ އިންޝާﷲ ކުރިއަށް" އަމީން ވިދާޅުވި އެވެ.

ރައީސް ޞާލިހާއިއެކު ކޯލިޝަން ނުހަދަން ޖޭޕީން ނިންމުމާއިއެކު އެޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ޕާޓީން ވަކިވަމުންނެވެ. އެހެންނަމަވެސް ރައީސް ޞާލިހުގެ ކެބިނެޓުގައި އިންނެވި ޖޭޕީގެ އެއްވެސް ވަޒީރަކު މިހާތަނަށް އިސްތިއުފާ ދެއްވައިފައެއް ނުވެ އެވެ.

ޖޭޕީގެ ލީޑަރު ގާސިމް ވަނީ ޖޭޕީގެ މެމްބަރުން މަގާމުތަކުން ވަކި ކުރާނަމަ ރައީސް ޞާލިހުވެސް އިސްތިއުފާ ދޭން ޖެހޭނެކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. ވިދާޅުވީ ޖޭޕީގެ މެމްބަރުން މަގާމުތަކުން ވަކިކުރަން މަޖުބޫރު ކުރުވާނަމަ ސަރުކާރުވެސް ނޯންނާނެ ކަމަށެވެ.

Ads by Allied Insurance
  1. އެކަކު ކައިހުސްކުރަން މާގިނަ ދައުރެއް ދިނުމަކީ ބުއްދިވެރި ގޮތެއްނުން، މިހާރުވެސް ވަގުން ގިނަ ސަރުކާރެއް، ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ގިނަ ސަރުކާރެއް !

  2. ސިޔާސީ މީހުންނަކީ ވަފާތެރި ކެހިވެރިން !