މެދުއިރުމަތި

އިސްރާއީލުން ރޯދަމަސް ފެށީ ޒުވާން އާމިރުގެ ބޮލަށްޖެހި ބަޑިއާއެކު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރޯދަމަހުގެ ފުރަތަމަ ދުވަހުވެސް އިސްރާއީލުން ފަލަސްތީނުގެ ޒުވާނެއްގެ ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ތުލްކަރީމް ސިޓީގައި އުމުރުން 25 އަހަރުގެ އާމިރު އަބޫ ޚަދީޖާގެ ބޮލަށް ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ބަޑި ޖަހާފައިވާ ކަމަށެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަބޫ ޚަދީޖޭގެ ހަށިގަނޑު ހޮސްޕިޓަލަށް ދިއުމުން އޭނާ މަރާލުމާ ދެކޮޅަށް ފަލަސްތީނުގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެވަނީ ނުރުހުންފާޅުކޮށް އަޑުއުފުލައިފައެވެ.

އިސްރާއީލުގެ ބޯޑަރު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަޑިޖެހުމުގެ ގިނަ ހަމަލާތަކެއްގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަލަސްތީނުގެ ފިރިހެނަކު ހައްޔަރުކުރުމަށް ބުރާސްފަތި ދުވަހުގެ ފަތިހު އެޖަމާއަތުގެ އަންޑަކަވަރ ޔުނިޓުން އޮޕަރޭޝަނެއް ހިނގާފައިވާކަމަށެވެ.

ބުރާސްފަތި ދުވަހަކީ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. މީގެ ކުރީ އަހަރުތަކުގައި ރަމަޟާން މަހު ވަނީ އިސްލާމް ދީނުގެ ތިންވަނައަށް އެންމެ މާތް ތަން ކަމުގައިވާ ޤުދުސްގެ އަލްއަޤްޞާ މިސްކިތް ކޮމްޕައުންޑް ވަށައިގެން އެއްވެ، އެތަން ބަންދުކޮށް ފަލަސްޠީނާއި އެގައުމުގެ ރައްޔިތުންނަށް އިސްރާއީލު ފުލުހުން ޙަމަލާދީފައެވެ.

އަދި މި ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުކޮށްލާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!