ވިލިމާލެ ބަގީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި
ވިލިމާލެ ބަގީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވައިފިއެވެ.
މިކަމަށްޓަކައި ރޭ ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަގީގެ ހިދުމަތް ފައްޓަވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. މިރަސްމިއްޔާތުގައި ވިލިމާލެ ރައްޔިތުންގެ ފަރާތުން މޭޔަރ މުއިއްޒާ ކައުންސިލުގެ މެމްބަރުންނަށް ހާއްސަ ފަރިވަޅެއް ވަނީ އަރުއްވާފައެވެ.
ރޭ ފެށި ބަގީގެ ހިދުމަތް ފެށުމަށް ކުރިން ހަމަޖެހިފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެކި އެކި ދަތިތަކާހުރެ ލަސްވުމަށް ފަހު ރޭ ރަސްމީކޮށް ފެށި މިހިދުމަތް މި ރޯދަމަހު މުޅިން ހިލޭ ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
މޭޔަރ މުއިއްޒު މީގެ ކުރިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޕްރައިވެޓް ހަޔާ ބަގީ ފިޔަވައި ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން އޮންނާނީ ހިލެއެވެ.
"ވިލިމާލޭގައި ކައުންސިލުން ދުއްވާ ބަގީތައް ބުރާސްފަތި ދުވަހު ހަވީރު ވިލިމާލެ އަށް ގެންދެވޭނެ އިންޝާ ﷲ. އޭގެ 1 ހަފްތާ ފަހުން، 16 މާރޗް ވާ ބުރާސްފަތި ދުވަހު ބަގީގެ ޚިދްމަތް އިންޝާ ﷲ ފެށޭނެ. ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން އޮންނާނީ ހިލޭ.(ޕްރައިވެޓް ހަޔަރ ފިޔަވާ)" މޭޔަރ މުއިއްޒު ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ދިނުމަށް އިލެކްޓްރިކް 10 ބަގީ ވަނީ ގެނެސްފައެވެ. ރޫޓިން ދަތުރެއްގެ ފީ އަކީ އެންމެ ދެ ރުފިޔާއެވެ. އަދި ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ބަގީތަކަށް 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ، 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ.