ފައިސާއަކަށް ހުރިހާ ރައްޔިތުންނެއް ނުގެންދެވޭނެ، ޕީޕީއެމްއިން 2023 ކާމިޔާބު ކުރާނެ: އާދަމް ޝަރީފް
ފައިސާ އަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނެއް ނުގެންދެވޭނެކަމަށާއި ރައީސް ޔާމީން މިނިވަންކޮށް 2023 ކާމިޔާބު ކުރާނީ ޕީޕީއެމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ބައި އިލެކްޝަނުގެ ނަތީޖާއަށް ރިއާޔަތްކޮށް މިރޭ ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ މިއަދު ބޭއްވި ބައިއިލެކްޝަންގެ ނަތީޖާ ނެރުނީ ނުފޫޒު ފޯރުވައި އެތަށް މިލިއަނެއް ބަހައިގެން ކަމަށެވެ.
"ނަތީޖާ ނެރުނީ ނުފޫޒު ފޯރުވައި އެތައް މިލިއަނެއް ބަހައިގެން. އެކަމަކު އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީއަކަށް ރާއްޖޭގެ އެންމެނަކަށް ނުފޫޒެއް ނުފޯރުވޭނެ! ފައިސާއަކަށް ހުރިހާ ރައްޔިތުންނެއް ނުގެންދެވޭނެ. ރައީސް ޔާމީން މިނިވަން ކޮށް ޕީޕީއެމުން 2023 ކާމިޔާބު ކުރާނެ އިންޝާ ﷲ" އާދަމް ޝަރީފު ވިދާޅުވިއެވެ.
މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބުކޮށް 14 އަހަރު ފަހުން އެގޮނޑިވަނީ އެމްޑީޕީން ނަގާފައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒްގެ އިތުރުން ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން ޙުސައިން ރިޟާއާއި އެމްއެންޕީގެ ފަރާތުން ޢަލީ އަރީފެވެ.
މި އިންތިޚާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބުނުއިރު, ވޯޓުލާފައިވަނީ 2755 (%80.4) މީހުންނެވެ.