ފެނަކަ ގޮވައިގެން ހުރިހާ ރައްޔިތުން މިހާރު ދާންވީ ކޯޓަށް: ބޮންޑޭ

ފެނަކައިން ދޭންޖެހޭ ފައިސާ ދޭނީ ކޯޓުން މައްސަލަ ނިންމުމުން ކަމަށާއި، ހުރިހައި ރައްޔިތުން މިހާރު ދާންވީ ފެނަކަ ގޮވައިގެން ކޯޓަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ފެނަކައިން ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ މުޅިން ފުނޑުފުނޑުކޮށްލައިފިކަމަށެވެ.
"ފެނަކައިން ދިވެހި ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ މުޅިން ފުނޑުފުނޑުކޮށްލައިފި އިނގޭތޯ އިއްޒަތްތެރި ރައީސް. ރައްޔިތުން އިންތިހާއަށް އަޅުގަނޑަށް ގުޅާފައި ތަކުރާރުކޮށް އެބަ ބުނޭ ތިމަންނައަށް އައްޑިހަ މިލިއަން ރުފިޔާ އެބައޮތޭ ދޭން އެންމެ ފަރާތަކުން އެއީ އިންޖީނުގެތަކަށް ތަކެތި ފޯރުކޮށްދީފަ. ތިމަންނަމެން މިއުޅެނީ މުސާރަ ނުދެވިގެންނޭ ތިމަންނަމެން އާދޭސް ކުރާތާ އެތަކެއް ދުވަސް ވެއްޖޭ" ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ އިތުރަށް ވިދާޅުވީ ފެނަކައިން ދޭންޖެހޭ ފައިސާ ދެވެނީ ކޯޓަށް ދިޔުމުންކަމަށެވެ.
މީގެ އިތުރުން ފެނަކަ އަކީ ވަރަށް ފަޤީރު ކުންފުންޏެއްކަމަށާއި މަސައްކަތް ކުރުވާއި، ބިލްދީފައި ފައިސާ ނުދޭކަމަށެވެ. އަދި މިގޮތަށް ގޮސް ދަރަނީގެ ޗޭނަކަށް މުޅި ބާޒާރު ވެއްޖެކަމަށާއި ބޭންކްތައްވެސް ހުސްވާ ދަރަޖައަށް މިހާރު ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.