ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރެއްވި ޓުވީޓެއްގައި ވަނީ، ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށާއި މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ.
ރާއްޖެއާ މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުން ފުށު އަރާ ބައިގެ އިން ވަކި ކުރި މައްސަލައިގައި އުފެއްދި "ކަނޑު ވިއްކުމާ ދެކޮޅު ކޯލިޝަން"އިން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ރިފްއަތާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ޗާގޯޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތާއިއެކުގައި ކަމަށެވެ.
އެ ކޯލިޝަނުން ތުހުމަތު ކުރިގޮތުގައި ޗާގޯސްގެ މައްސަލަ ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަނައިބުގެ ހައިސިއްޔަތުން ރިފްއަތު ލީޑް ކުރެއްވި ޤާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައެެއް ނޫނެވެ.
ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން އެކި ފަރާތްތަކަށް ސަރުކާރުން ފައިސާ ދިން މައްސަލަ ވެސް ރިފްއަތާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ހިމަނާފައިވާ ކަމަށް ހުށަހެޅި މައްސަލައިގަ ބުނެފައިވެއެވެ.
އެ ކޯލިޝަނުން ބުނީ މި މައްސަލައިގަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވެސް މަޖިލީހަށް ހުށަހަޅާނެ ކަަމަށެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.